
އިހަވަންދޫ ގައި މަސްވެރިން މިހާކު ކުރަމުންދާ މުޒާހަކާއާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ސައީދު ވިދާޅުވީ ރައީސުން ޗުއްޓީ ހައްދަވަން ނުތިއްބަވާ މަސްވެރިންގެ އަޑު އައްސަވަންޖެހޭ ކަމަށާއި މަސްވެރިން ބާނާ މަހައް ވަގުތުން ފައިސާ ދިނުމަށްވެސް ސައީދު ވަނީ ޓުވީޓެއްގައި ގޮވާލައްވާފައެވެ.
މީގެ އިތުރުން ސައީދު ވިދާޅުވީ އަންނަ އަހަރަށް ކަނޑައެޅީ ރެކޯޑު މިންވަރަކަށް ބޮޑު ބަޖެޓަކަށް ވާއިރު އެ ބަޖެޓުގައިވެސް މަސްވެރިކަމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ ސިޔާސީ ހަރަދަށް ކަނޑައަޅާފައިވާ އަދަދު ބޮޑު ކަމަށާއި މިއީ ސަރުކާރުން ލަދުވެތިވާން ޖެހޭކަމެއްކަމަށެވެ.
މި ސަރުކާރުގެ ނޫ އިގްތިސާދުގެ ސިޔާސަތަށް ފާޑުވިދާޅުވަމުން މީގެ ކުރިންވެސް ސައީދު ވަނީ 2021 ބަޖެޓްގައި މަސްވެރިންގެ ދަތިތައް ފިލުވުމަށް ފައިސާ ނުދީ ހޯމް މިނިސްޓްރީ، އިކޮނޮމިކް މިނިސްޓްރީ، ބަންޑާރަ ނާއިބުގެ އޮފީސް، ފޮރިން މިނިސްޓްރީ އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ފަދަ ތަންތަނަށް އާމްދަނީ ރަނގަޅު އަހަރަކަށްވުރެ ބޮޑު އަދަދެއް ބަޖެޓްގައި ހިމަނާފައިވާ ކަމަށް ވިދާޅުވެފައެވެ.
އިހަވަންދޫގެ މަސްވެރިން މިއަދު އެރަށުގެ ބަނދަރު ސަރަހައްދުގައި މުޒާހަރާ ކުރަމުންދާއިރު މި ދިޔަ އަންގާރަ ދުވަހު ގިނައަދަދެއްގެ މަސްވެރިން މިފްކޯގެ މަސްފެކްޓްރީ ހިމެނޭ ފެލިވަރުގައިވެސް ވަނީ މުޒާހަކާ ކޮށްފައެވެ. އެމީހުން މައިގަނޑު ގޮތެއްގައި ގޮވާލަނީ ބާނާ މަސްކޮޅު ހަލާކުނުވަނީސް ކިރުވޭނެ ގޮތެއް ހަމަޖައްސައި ދިނުމަށާއި މަސްވެރިންނަށް ހޯދައިދޭން މި ސަރުކާރު ވަޢުދުވެފައިވާ ހަމަ އަގު ހޯދައި ދިނުމަށެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތުމަށް އެމްޑީޕީން ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ބޭނުންކުރި ނޫ އިގްތިސާދުގެ ވައުދަކީ، އަމިއްލަ ވިޔަފާރިތައް ކުރިއަރުވަން އިސްކަން ދިނުމާއި، މަސްވެރިކަމާއި އެނޫންވެސް ކަނޑުގެ ދިރުންތަކާއި ގުޅުންހުރި ދާއިރާތައް ކުރިއެރުވުމަށް ވީ ވަޢުދެކެވެ. ނަމަވެސް މަސްވެރިކަން ކުރިއަރުވައި މަސްވެރިކަމުން ލިބޭ މަންފާ އިތުރުކުރުމަށް ސަރުކާރުން ވީ ވަޢުދު ނުފުއްދި އިޤްތިޞާދަށް އައި ހީނަރުކަމާއެކު މަސްވެރިކަން އިތުރަށް ހީނަރުވެފައިވާކަމަށް ބުނެ ގިނަ މަސްވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.