
މިނިސްޓަރު މަހުލޫފް ވިދާޅުވީ، މިހާރު ކުރިއަށްދަނީ ޓްރެކުގައި ސީންތެޓިކްގެ އެންމެ ފަހު ފަށަލަ އެޅުމުގެ މަސައްކަތް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެމަސައްކަތަށްފަހު ދެން ހުންނާނީ ޓްރެކުގައި "ޓްރެކް މާކް" ތައް ކުރެހުންފަދަ، ބައެއް މެއިންޓެނެންސް މަސައްކަތްތައް ކަމަށެވެ. އަދި އައު އަހަރަށް ޓްރެކުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އިންޑިއާ ސަރުކާރުގެ ގްރާންޓް އެހީގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއުއަކީ 12 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ. ސީންތެޓިކް އެޅުމުގެ މަސައްކަތް ޕޮލިސް ވެލްފެއަ ކޯޕަރޭޝަނާއި ހަވާލުކޮށްގެން ކުރިއަށް ގެންދާއިރު މި މަސައްކަތް ނިންމާލުމަށް އެންމެ ފުރަތަމަ އަމާޒިހިފީ ނޮވެމްބަރު 11 އަށެވެ. ނަމަވެސް މަސައްކަތް ލަސްވެގެން ގޮސްފައިވަނީ ޓްރެކުގައި އަޅަން ބޭނުންވާ ސީންތެޓިކް ލިބުމުގައި ހުރަސްތަކެއް ކުރިމަތިވުމުންނެވެ.