ads
ވާހަކަ: ޝަކުވާ
ނަވްޔާގެ އަޑު ކިރިޔާ އިވޭކަމެވެ. ނަވްޔާގެ އަތުގައި ހިފާފައި ގަޔާ ކައިރިކޮށްލަން ހައްޔާން އުޅުނެވެ. ނަވްޔާއަށް ހިމާޔަތް ދޭން ބޭނުންވެފައިވާ ފަދައަކުންނެވެ. ނަމަވެސް ހައްޔާންގެ އަތް ފޮޅުވައިލުމަށްފަހު، ކަރުނަތައް ފޮހެމުން އެތެރެއަށް ދާން ނަވްޔާ ހިނގައިގަތެވެ. ނަވްޔާ ދާތަން ބަލަން ހިމޭންވެފައި ހައްޔާނަށް ހުރެވުނެވެ.
ޝަކުވާ (13 ވަނަ ބައި)

ނަވްޔާގެ އަޑު ކިރިޔާ އިވޭކަމެވެ. ނަވްޔާގެ އަތުގައި ހިފާފައި ގަޔާ ކައިރިކޮށްލަން ހައްޔާން އުޅުނެވެ. ނަވްޔާއަށް ހިމާޔަތް ދޭން ބޭނުންވެފައިވާ ފަދައަކުންނެވެ. ނަމަވެސް ހައްޔާންގެ އަތް ފޮޅުވައިލުމަށްފަހު، ކަރުނަތައް ފޮހެމުން އެތެރެއަށް ދާން ނަވްޔާ ހިނގައިގަތެވެ. ނަވްޔާ ދާތަން ބަލަން ހިމޭންވެފައި ހައްޔާނަށް ހުރެވުނެވެ.

******

މަޑުމަޑުން ފިރުކެމުން، ދިޔަރެހަށް ބީއްސަމުން ދިޔަ ރާޅުތަކަށް ބަލަހައްޓައިގެން ކުރެދި ގަސްތަކެއްގެ ހިޔަލުގައި ނަވްޔާ އިނެވެ. ތަންކޮޅެއް ދުރުން އަޒްކާމެންގެ ސަކަރާތާއި ހުނުމުގެ އަޑު އިވެމުން ދިޔައެވެ. އިމާޒުގެ ރައްޓެހިންނާއި އަޒްކާގެ ރައްޓެހިން ހަވީރު ތުނޑިއަށް އައިސް އެ އުޅެނީ އިމާޒުގެ އުފަންދުވަސް ފާހަގަ ކުރުމަށެވެ. ހުރިހާ ކަމެއް ރޭވީ އަޒްކާއާއި ހައްޔާނާ ދެމީހުން ވެގެންނެވެ.

ނަވްޔާ ތުނޑިއަށް އައީ އަޒްކާ ކުރުނުކޮށް ކިޔާތީކަމަށް އަމިއްލަ ނަފުސަށް ވިސްނައިދޭން އުޅުނަސް އެ ތަނަށް ނަވްޔާ އައީ ހައްޔާން ދެކިލާހިތުންނެވެ. ކުރީ ރޭގެ ފަހުން ހައްޔާންގެ ޚަބަރެއްނުވެއެވެ. ނަވްޔާ ދެއްކި ވާހަކަ ހައްޔާން ޤަބޫލުކޮށް، އެ ދެމީހުން ގުޅުމަކީ ނުވާނެ ކަމެއްކަމުގައި ހައްޔާން ނިންމީކަމަށް ނަވްޔާ ދެކުނެވެ. ހައްޔާންގެ އެ ނިންމުމުން ނަވްޔާގެ ހިތަށް އަސަރުކުރިއެވެ. އެއީ އެންމެ ރަނގަޅުގޮތް ކަމަށް ވިސްނުނު ނަމަވެސް އެ ކަމުން ހިތަށް ލިބެމުންދާ ވޭނަށް ކެތްކުރަން ނަވްޔާއަށް ވީ ހީކުރި ވަރަށް ވުރެ ދަތިކަމަކަށެވެ. މިތަނަށް އައީ ހައްޔާން ފެނުމުން ހިތަށް ކޮންމެ ވެސް ވަރެއްގެ ތަސައްލީއެއް ލިބިދާނެ ކަމަށް އުންމީދުކޮށްފައެވެ.

ދަތުރުދާ މީހުން މަޑުކޮށްލާ، އެއްޗެހި ބަހައްޓަން ތުނޑީގައި ހަދާފައި ހުންނަ ގެގަނޑުގައި ނަވްޔާއާއި އަޒްކާ އަދި ފަރުހާ ތަށިތައް އެތުރުމުގައި އުޅެނިކޮށް ހައްޔާންމެން އައިސް ވަނެވެ. ހައްޔާން ފެނުމުން ނަވްޔާގެ ހިތުގައި ރިއްސައިލިއެވެ. ހީނހީނފައި އިމާޒުމެންނާ ވާހަކަދައްކަމުން އައިއިރު އެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. ހައްޔާނާ ހަތަރުކަޅި ހަމަވުމާ އެކު ނަވްޔާ އަވަސްއަވަހަށް އިސްދަށަށް ޖަހައިލިއެވެ.

"ކޮބައިތަ އަޒްކޮ ކެއްކި ނޫޑުލްސް؟ ހުޔޫން އެހި އަޑު އިވުނެވެ.

ނަވްޔާއަށް ބަލައިލެވުނީ އަޒްކާއާ ދިމާއަށެވެ. ހުޔޫން އަންނަ ވާހަކަ ނުބުނީ ކީއްވެތޯ އަހައިލާ ފަދައަކުންނެވެ. ކޮނޑު އަރުވައިލަމުން ހުޔޫން އަންނަކަން ނޭނގޭކަން އަޒްކާ ހާމަކޮށްލިއެވެ.

"މިހިރީ ނޫޑުލްސް. އެކަމަކު ކެއްކީ މަށެއް ނޫން. ނަވްޔާ. އަހަރެން ހަމައެކަނި ކައިރީގައި ހުރިކަން." އަޒްކާ ބުންޏެވެ.

"އެހެންތަ؟ އެހެންވެ ދޯ އެހާ މީރުވަސް ދުވަނީ." ހުޔޫން ހީނލިއެވެ.

ހުޔޫންގެ އަޑުގައި މަލާމާތުގެ އަސަރެއް ވޭތޯ އަޒްކާ ވިސްނައިލިއެވެ. އެ ގެއަށް ދިޔަ ދުވަހު އަޒްކާއާ ހިތްހެޔޮކަމާ އެކު ވާހަކަދައްކާ ހެދި ނަމަވެސް ނަވްޔާއާ ދޭތެރޭ ހުޔޫން ކަންތައް ކުރާނެ ގޮތެއް އަޒްކާއަކަށް ނޭނގެއެވެ. ހުޔޫންގެ އަމަލުތަކާ މެދު ސަމާލުވެ ހުރުމަށް ނިންމަމުން ނަވްޔާގެ ގާތަށް އަޒްކާ ޖެހިލިއެވެ.

ތައްޓަށް ނޫޑުލްސް އަޅައިގެން ނަވްޔާމެން ކާން ދިޔައީ އަތިރިމައްޗަށެވެ. ހިޔާދޭ ތަންކޮޅެއްގައި ތިން މީހުން އިށީންތަނުން ހުޔޫން ވެސް އައެވެ.

""މިތާ އިށީނަސް އެންމެ ރަނގަޅުތަ؟" ހުޔޫން އަހައިލިއެވެ.

"ހޫނ، އިށީނދެބަލަ." ދެ ކޮނޑު އަރުވައިލަމުން ފަރުހާ ބުންޏެވެ.

ފަރުހާގެ އަޑުގައިވީ ހިތްހަމަނުޖެހުން ކަން ހުޔޫން ދެނެގަތެވެ. ނަމަވެސް ނޭނގޭކަމަށް ހަދާފައި އިށީނދެ ނޫޑުލްސް ކާން ފެށިއެވެ.

"އަސްލު ވާހަކައެއް ބުނަން ވެގެން. ނަވްޔާ ގާތުގައި." ތަނަށް ވެރިވެފައިވި ހިމޭންކަން އިރުކޮޅެއްގެ ފަހުން ހުޔޫން ފޫދުއްވައިލިއެވެ.

އެއާ އެކު އެންމެންގެ ނަޒަރު ހުޔޫނަށް ހުއްޓުނެވެ.

"މި ވާހަކަދައްކަން ފަށާނީ ކީކޭ ކިޔާފަކަމެއް އަހަރެންނަކަށް ނޭނގޭ، ނުވަތަ އަހަރެން ދައްކާ ވާހަކަ ނަވްޔާ ޤަބޫލު ކުރާނެ ކަމެއް ވެސް ނޭނގޭ. އެކަމަކު ވެސް އަހަރެން ބޭނުން ނަވްޔާގެ ގާތުން މަޢާފަށް އެދެން." ހުޔޫން ބުންޏެވެ.

ހުޔޫންއާ ދިމާއަށް ބަލަހައްޓައިގެން ހައިރާންވެފައި ނަވްޔާ އިނެވެ. ހުޔޫން މިހާރު ވަރަށް ތަފާތޭ އަޒްކާ ބުނި ނަމަވެސް ހުޔޫންގެ ފަރާތުން މި ފަދަ ބަހެއް އިވޭނެކަމަކަށް ނަވްޔާ ހިއެއް ނުކުރެއެވެ.

އެއްވެސް މީހަކު އެއްޗެކޭ ނުބުނުމުން ހުޔޫން އަނެއްކާ ވެސް ވާހަކަފެށިއެވެ. ހުޔޫން ބުނި ގޮތުން މާލެއަށް ގޮއްސަ އެ މާހައުލަށް ހޭނެން ހުޔޫނަށް އުނދަގޫވިއެވެ. ޚާއްސަކޮށް ސްކޫލުން ދިމާވި ކުދިބައެއްގެ ފަރާތުން ކުރިމަތިވި ތުރާލާއި ގޯނާތަކަށް ކެތްކުރަން ހުޔޫނަށް ދަތިވިއެވެ. އަމިއްލަ ނަފުސަށް ކުރަމުން އައި އިތުބާރަށް ލޮޅުން އަރާ، ކަންތައްތައް ކުރުމަށް ފަސްޖެހެން ފެށުމުން ކިޔެވުމަށް ވެސް އަސަރުކުރަން ފެށިއެވެ. ހަނގާކުރުމުގެ ޝިކާރައަކަށް ޚުދު ތިމާ ވުމުން ނަވްޔާއާ ދޭތެރޭ ކަންތައްކުރެވުނު ގޮތް ހަނދާންވެ، ފުރަތަމަ ފަހަރަށް ހުޔޫނަށް ކުށްވެރިކަމުގެ އިހުސާސު ކުރެވުނެވެ. އެ ގޮތަށް ދިމާވީ ނަވްޔާއަށް ކަންތައް ކުރި ގޮތުންނޭ ހީވެ، ނަވްޔާގެ ގާތުން މަޢާފަށް އެދެން ބޭނުންވިއެވެ.

ހުޔޫން ވާހަކަދައްކާ ނިމުމުން ވެސް އެއްވެސް މީހަކު އެއްޗެކޭ ނުބުނެއެވެ. ވިސްނުމަކަށް ގެއްލިފައި ތިބިހެން ތިބެ ނޫޑުލްސް ކައި ނިންމައިލިއެވެ. އަޒްކާއާއި ފަރުހާ އެއްޗެކޭ ނުބުނެ ތިބީ ނަވްޔާއަށް ވަގުތު ދިނުމުގެ ގޮތުންނެވެ. ނަވްޔާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ނަވްޔާއަށް ކުރިމަތިލާން ޖެހުނު ހިތްދަތިކަމަކީ އެއްވެސް ހާލެއްގައި އެހެންމީހަކަށް ކުރިމަތިވާން ނަވްޔާ އެދުނު ގޮތެއް ނޫނެވެ. އެއީ ހުޔޫންކަމުގައިވީ ނަމަވެހެވެ.

ކައި ނިމުމުން ހުޔޫން ތެދުވިއެވެ. އަދި ނަވްޔާ ތެދުވަންވާއިރަށް އަތް ދިއްކޮށްލިއެވެ. ލުއި ހިނިތުންވުމެއް ވެރިކޮށްލުމަށްފަހު ހުޔޫންގެ އަތުގައި ނަވްޔާ ހިފީ ހެޔޮހިތުން ހުޔޫނަށް މަޢާފުކުރަމުންނެވެ.

ނަވްޔާމެން މޫދުން ތަށިތައް ދޮވެގެން އައިއިރު ފިރިހެންކުދިންތައް ތިބީ ވޮލީ ކުޅޭށެވެ. ބައިވެރިވާން އަންނަން ބުނުމުން އަޒްކާމެން ދިޔަ ނަމަވެސް ނަވްޔާ އެކަމުން މަނާވެގަތެވެ. ހުޔޫނަށް މަޢާފުކުރި ނަމަވެސް އަދި އަޒްކާ ކިތަންމެ ވަރަކަށް ކިޔަސް އެހެންމީހުންނާ އެކުވެ އުޅުމަކީ ނަވްޔާއަށް ފަސޭހަ ކަމެއް ނޫނެވެ. އެންމެ ކުޑައިރުންސުރެ ހޭނިފައި ހުރީ އެކަނި އުޅޭށެވެ. މަންމަ ދުނިޔޭގައި ވެސް ވަރަށް މަދުން ނޫނީ ނަވްޔާ ގޮވައިގެން ބޭރަކަށް ނުދެއެވެ. މަންމަ އެ ގޮތަށް ކަންތައް ކުރީ ކީއްވެގެން ކަން މިހާރު ނަވްޔާއަށް ވިސްނެއެވެ. ދުނިޔޭގެ މަލާމާތާއި ފުރައްސާރައިން ނަވްޔާ ހިމާޔަތް ކުރަން ކުރެވުނު ކަމެއް އެ މަންމަ ކުރިއެވެ.

ކުޅެން ހުރި އިމާޒުގެ ނަޒަރު ދޭތެރެއަކުން ނަވްޔާއަށް ހުއްޓެއެވެ. ތަންކޮޅެއް ކުރިން ހުޔޫންއާ ނަވްޔާ ސަލާމްކުރި މަންޒަރު ވެސް އިމާޒު ދުއްޓެވެ. ނަވްޔާގެ ހިތްތިރިކަމަކީ އިމާޒު އެންމެ ގަޔާވާ ސިފައެވެ. މޫދާ ދިމާއަށް ބަލަހައްޓައިގެން ނަވްޔާ އިނީ ޚިޔާލަކަށް ގެއްލިފައިހެން އިމާޒަށް ހީވިއެވެ. ލައިގެން އިން ބިލަމަގުމާ ކުލައިގެ ޓޮޕާއި ކަޅުކުލައިގެ ދޫ ހަރުވާޅުގައި ނަވްޔާ ފެންނަލެއް ނުހަނު ސާދާއެވެ. ދޭތެރެއަކުން ކުރު އިސްތަށިތައް ކަންފަތްދޮށަށް ލައްވައިލި ނަމަވެސް އަނެއްކާ ވެސް އެ އިސްތަށިތައް ވަޔާއެކު ވިހުރިލާތަން ބަލަން އިމާޒު ހުންނަ ހިތްވިއެވެ. ނަމަވެސް ނަވްޔާއާ ނަޒަރު ވަކިކޮށްލުމަށް ފަހު ކުޅުމަށް ސަމާލުކަން އަނބުރައިލީ އެންމެންގެ ތެރޭގައި ބޭޒާރުވެދާނެތީއެވެ.

ކުޅެ ނިންމާލުމަށް ފަހު އެންމެން މޫދަށް ދިޔުމުން ނަވްޔާ އެތެރެއަށް ވަނެވެ. ތަށިތަކާއި ތެއްޔާ ތަކެތި ބަރޯގާޑިޔަލަށް ލުމަށްފަހު ތަން ސާފުކުރަން ފެށިއެވެ.

"އަޅެ ތިހާ ފޮނިވާކަށް ނުވާނެ." ފަހަތުން އިމާޒުގެ އަޑު އިވުނެވެ.

ނަވްޔާ ފަހަތް ބަލައިލިއިރު ތެމިފޯވެގެން ހުރެ އިމާޒު އެތެރެއަށް ވަންނަނީއެވެ. މޫނުގައި ހުރި ލޮނު ތިކިތައް އަތުން ފޮހެމުން ނަވްޔާއާ ދިމާއަށް އިމާޒު ފިޔަވަޅެއް އެޅިއެވެ.

"ފޮނިވެގެން ކީއްކުރީ؟" ހަށަމަށް އަތް އަރުވަމުން ނަވްޔާ ބުންޏެވެ.

ނަވްޔާގެ ލޮލުގެ ވިދުވަރު ފެނުމުން އިމާޒަށް ހިނިތުންވެލެވުނެވެ. ހިތުގެ ހާލަތު ކިޔައިދޭން ފުރަތަމަ ޖެހޭނީ އެކަމަށް މަގުކޮށަން ކަން އިމާޒަށް ވިސްނެއެވެ. ނަމަވެސް ނަވްޔާއާ ދިމާވުމުން ޖެއްސުމަށް އެއްޗެކޭ ބުނުން ނޫން އެހެން ކަމެއް އިމާޒަކަށް ނުކުރެވެއެވެ. މިފަހަކަށް އައިސް އިމާޒު ބުނާ އެ ފަދަ އެއްޗެއްސަށް ނަވްޔާ ރައްދު ނުދީ ހިމޭންކަން
އިހުތިޔާރުކުރެއެވެ. ނަމަވެސް މިއަދު ނަވްޔާ ހުރީ ޖަދަލުކުރަން ތައްޔާރަށް ކަން އެނގުމުން އިމާޒުގެ އުންމީދު އާލާވިއެވެ.

"ޖެހޭނީ ގުނަން. މިއަތުގެ އިނގިލިތަކުން ވެސް ހަމައެއް ނުވާނެ ކަންނޭނގެ." އަތްތިލަ ދައްކައިލަމުން އިމާޒު ބުންޏެވެ.

ލޯ ހަނިކޮށްލުމަށް ފަހު ޖަވާބުދޭން ނަވްޔާ އަނގަ ހުޅުވައިލިއެވެ. ނަމަވެސް އެ ހިނދު ދޮރާދިމާއަށް ބަލާލައިފައި ނަވްޔާ ހިނތުންވެލިތަން އިމާޒަށް ފެނުނެވެ. ހިތާހިތާ ކުދިކިޔަމުން އިމާޒު ފަހަތަށް އެނބުރުނީ، އައީ ކާކުތޯ ބަލަންވެގެންނެވެ. ކުކުޅުބިހަކުން އިމާޒުގެ ނިތްކުރީގައި ޖެހުނީ އެ ވަގުތުއެވެ.

"ހެޕީ ބާތްޑޭ ތުއްތުބޭ." އަޒްކާ ހެމުން ބުންޏެވެ.

އަޒްކާއާ އެކު ފަރުހާއާއި ހުޔޫން ވެސް ތިއްބެވެ. އެ އެންމެން ވެގެން އިމާޒުގެ ގަޔަށް ބިސް ޖަހަން ފެށުމުން ނަވްޔާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ފަހަތަށް އެނބުރިފައި ނަވްޔާއާ ދިމާއަށް އިމާޒު ބަލައިލިއެވެ. ބިނދިބިނދިފައި ހެމުން ގެންދިޔަ ނަވްޔާ ފެނިފައި އިމާޒުގެ ތުންފަތް މައްޗަށް ވެސް ހިނިތުންވުމެއް ވެރިވިއެވެ. އޭރު ބިހުގެ ލޮނދިތައް އިމާޒުގެ މޫނުމަތިން ތިރިއަށް ފައިބަމުން ދިޔައެވެ.

"ކޮބާ، އަހަރެމެންނެއްނު މޮޅުވީ. ދެން ޖެހޭނީ ކާންދޭން." ކައިރީގައި މަޑުކޮށްލަމުން ހުޔޫން ބުންޏެވެ.

"އޯކޭ، އޯކޭ. ކާންދީފާނަން. މިއީ ނަވްޔާއާ ހެދި ވީ ގޮތް. އެހެންވީމަ ނަވްޔާ ވެސް ޖެހޭނެ ދާން." ލޮލުން އައި ކަރުނަ ފޮހެން ހުރި ނަވްޔާއަށް އިޝާރަތްކުރަމުން އިމާޒު ބުންޏެވެ.

ރަށުގެ ހޭޅިފަށުން އެއްގަމަށް ދާން ނަވްޔާމެން ހިނގައިގަތްއިރު އިރުއޮއްސެން ކައިރިވެއްޖެއެވެ. ދުވާލުގެ އަލިކަމުގެ ތެރެއަށް އަނދިރިކަން ފޭދެން ދެން މާ ގިނައިރެއް ނެތެވެ. މީގެ ކުޑަ އިރުކޮޅެއްގެ ކުރިން ހީނ ސަކަރާތްޖަހާ ހެދި ނަމަވެސް ނަވްޔާގެ ހިތުގައިވާ މާޔޫސްކަމަކަށް ބަދަލެއް ނާދެއެވެ. އެވަރުން މިއަދު މިތަނަށް އާދެވުނު މޮޔަ ހީވިއެވެ. ނަވްޔާ ފެންނަކަމަށް ވެސް ހަދާ ނުލާ ހައްޔާން ހީނހީނފައި އުޅުނު ގޮތުން ނަވްޔާގެ ހިތުގައި ރިއްސަމުން ދިޔައެވެ. ހައްޔާން އެހާ އަވަހަށް އޭނާގެ މަތިން ހަނދާން ނައްތާލީ ހެއްޔެވެ؟ އެ ފޮނުވި މެސެޖުތަކާއި ދުލުންވި އިޤުރާރަކީ އެއްވެސް މާނައެއް ނެތް ބަސްތަކެއް ހެއްޔެވެ؟

އޮލަ ވާހަކައިގައި ތިބެގެން އަޒްކާއާއި ފަރްހާ ހިނގަމުން ދިޔައިރު ނަވްޔާ ހުރީ ތަންކޮޅެއް ފަހަތުގައެވެ. ޚިޔާލުތަކުގެ ތެރެއަށް ގެނބެމުން ދިޔައިރު ފިޔަވަޅުތައް ވެސް ލަސްވަމުން ދިޔައެވެ. ކުއްލިއަކަށް މީހަކު ނަވްޔާގެ އަތުގައި ހިފާފައި ގަސްތަކުގެ ތެރެއަށް ދަމައިގަތުމުން ނަވްޔާގެ އަނގައިން ހަޅޭއްކެއްގެ އަޑު ބޭރުވިއެވެ. ނަމަވެސް ހަމަ އެ ހިނދު އެ މީހާ ނަވްޔާގެ އަނގަމަތީގައި އަތްއެޅިއެވެ.

(ނުނިމޭ)
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް