ads
ފޮޓޯ: ޕޮލިސް މީޑިއާ
ހަތަރު ރަށަކުން ޑްރަގާއި އެކު 8 މީހުން ހައްޔަރުކޮށްފި
އަތޮޅުތެރޭގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަން ތަކެއްގައި ހަތަރު ރަށަކުން، މަސްތުވާތަކެއްޗާއި އެކު 8 މީހަކު ފުލުހުންގެ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މަސްތުވާތަކެތީގެ މި އޮޕަރޭޝަންތައް ހިންގާފައިވަނީ ނ.ވެލިދޫ، ތ.ވިލުފުށި، ދ.ކުޑަހުވަދޫ އަދި މ.ވޭވަށުގައި ކަމަށެވެ.

އެގޮތުން ވެލިދޫގައި ހިންގި އޮޕަރޭޝަނަކީ އިއްޔެ އެރަށު ފަޅު ގެއެއްގެ ތެރޭގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ބޭނުންކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށާއި، މި އޮޕަރޭޝަނުގައި 32 އަހަރުގެ ފިރިހެނަކާއި 34 އަހަރުގެ ފިރިހެނަކާއި 36 އަހަރުގެ ދެ ފިރިހެނުންނާއި 31 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުން މައުލޫމާތުދެއެވެ. އަދި ބަލައިފާސްކުރިއިރު އެމީހުންގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި 6 ރަބަރު ޕެކެޓް ވަނީ ފެނިފައިވެއެވެ. 

މީގެއިތުރުން ވިލުފުށީގައި އިއްޔެ ހިންގި އޮޕަރޭޝަންގައި އުމުރުން 27 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 6 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށްވެސް ފުލުހުން މަލޫމާތުދެއެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ވިލުފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ކޯޓުން ވަނީ ދީފައިވެއެވެ. 

ފުލުހުން ބުނީ ކުޑަހުވަދޫގައި ހިންގި އޮޕަރޭޝަނަކީ މިމަހުގެ 25 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއް ކަމަށެވެ. އެގޮތުން އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް، ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށް ބަލައިފާސްކުރިއިރު އޭނާގެ އަތުގައި އޮތް ދަބަހެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 2 ސެލޯފިންކޮޅު ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުދެލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތު ކޯޓުން ވަނީ ދީފައިވެއެވެ.

ފުލުހުން ބުނީ، ވޭވަށުގައި ހިންގި އޮޕަރޭޝަނަކީ، މާލެއިން މ. އަތޮޅަށް ދާ ބޯޓަކުން އެރަށައް މަސްތުވާތަކެތި އެތެެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. އެގޮތުން މިމަހުގެ 25 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި 39 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އެރަށު ބަނދަރުމަތީގައި ހުރި ފޮށިގަނޑެއް ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއި، ބަނގުރާކަމަށް ޝައްކުކުރެވޭ ދިޔާ އެއްޗެއް ހުރި 500 އެމްއެލްގެ ދެފުޅި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މުލީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 7 ދުވަހުގެ މުއްދަތު ކޯޓުން ވަނީ ދީފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް