
މިދެންނެވީ، 27 ޖޫން 2025 ވީ ހުކުރުދުވަހު ހަވީރު، 4.00 ގައި މާލޭ ސިޓީގެ ހެންވޭރު އަސުރުމާ ކޮންފަރެންސްހޯލްގައި ބޭއްވި އެފްއޭއެމްގެ ކޮންގްރެސް ގައި ފާސްކުރި އަސާސީ ގަވާއިދުގެ ވާހަކައެވެ.
ކޮންގްރެސް އެއްކޮށްފައިވަނީ ފީފާގެ ނޯމަލައިޒޭޝަން ކޮމިޓީއަކުންނެވެ. ކޮންގްރެސްގައި ވޯޓުލާން ދައުވަތު ދިނީ ނޯމަލައިޒޭޝަން ކޮމިޓީއަށް ފެންނަ (ރެންޑަމް) ކްލަބްތަކަކަށެވެ. ދިރިދިރި އޮތް އަސާސީ ގަވާއިދުން ވޯޓު ހައްގުވާ ކްލަބަކަށް ނޫނެވެ. މިއީ ޑިކްޓޭރަރެއްގެ އަމަލަކަށް ނޫނީ ނުވާނެއެވެ.
ކޮންގްރެސްގެ ރިޔާސަތު ބެލެހެއްޓެވީ ނޯމަލައިޒޭޝަން ކޮމިޓީގެ ރައީސް އަލްއުސްތާޒު އަހުމަދު މުއިއްޒުއެވެ. ނޯމަލައިޒޭޝަން ކޮމިޓީގައި ދެން ތިއްބެވި ދެމެމްބަރުންނަކީ ފައިނޭންޝަލް އެކްސްޕާޓް ފަރީހާ ޝަރީފާއި ގާނޫނީ ވަކީލް އަހުމަދު ސިމަން އެވެ. މިބޭބޭފުޅުންނަކީ ސަރުކާރުގެ ރުހުންވެސް ލިބިފައިވާ "އެކްސްޕާޓުން" ކަމަށް ވެއެވެ.
8 ޒޯން ބާކީ ކުރުން
ނޯމަލައިޒޭޝަން ކޮމިޓީން އެފްއޭއެމާ ހަވާލުވިއިރު، ޒޯންތަކަށް ވޯޓިންގް ޑެލިގޭޓުން ވުޖޫދުކުރަން ލާޒިމްކުޜާ ދިރިދިރި އޮތް އަސާސީ ގަވާއިދެއް އޮތެވެ. އެހެންނަމަވެސް ނޯމަލައިޒޭޝަން ކޮމިޓީން ބޭއްވި ދެ ކޮންގްރެސްއަށްވެސް ޒޯންތަކަށް ދައުވަތެއް ނުދެއެވެ. ރާއްޖެތެރޭގެ ކްލަބްތައް ވަނީ އެކަހެރިކޮށްފައެވެ. ދައުވަތު ދިނީ ހަމައެކަނި އެންމެ ޒޯނެއްގެ ކްލަބްތަކަކަށެވެ. އެއީ ހަމައެކަނި މާލޭ ޒޯންގެ ކްލަބްތަކެވެ.
ނޯމަލައިޒޭޝަން ކޮމިޓީން ބުނަނީ ކޮންގްރެސް އެއްކޮށްފައިވާނީ 2020 ގައި އިސްލާހްކޮށްފައިވާ އަސާސީ ގަވާއިދާ އެއްގޮތަށް ކަމަށެވެ. މިއީ ތެދެއް ނޫނެވެ. 2020 ގެ އަސާސީ ގަވާއިދުންވެސް ޒޯންތަކަށް ދައުވަތުދޭން ޖެހެއެވެ. އެންމެފަހުން ދޮގުވެސް ހަދަންޖެހުނީއެވެ!
މިއަހަރުގެ މާޗް މަހުގެ 15 ގައި، އަދި ޖޫން މަހުގެ 27 ގައިވެސް ކޮންގްރެސް ބާއްވާފައިވަނީ 2020 ގެ އެއަސާސީ ގަވާއިދާވެސް ހިލާފަށެވެ. އެއީ މިއަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ 9 ޒޯންގެ ވޯޓިންގް ޑެލިގޭޓުންނަށް ދައުވަތު ނުދީ، ޒޯން ވޯޓިންގް ޑެލިގޭޓުންނަކީ ނެތްބަޔެއްކަމުގައި ބަލައިގެންނެވެ.
މިމައްސަލަ ވަނީ ކޮންގެރސްގެ ކުރިން ތިން (3) ކްލަބަކުން ހުށަހަޅާފައެވެ. ތިންކްލަބުންވެ މައްސަލ ހުށަހަޅާފައިވަނީ ރަސްމީކޮށް ލިޔުމުންނެވެ. ޒޯން-3 ގެ ހިންނަވަރު ހިރިޔާ އާއި، ޒޯން-4 ގެ ޗެމްޕިޔަން ނިލަންދޫ ސކ އާއި، ޒޯން-8 ގެ ފޭދޫ އަފިރިން މިމައްސަލަ ނޯމަލައިޒޭޥަން ކޮމިޓީއަށް ހުށަހަޅާ، ކޮމިޝަނަރ އޮފް ސްޕޯޓްސް އަށް ކޮޕީކޮށްފައިވެ އެވެ.
ޖަވާބެއްނުލިބި ދެމަސްދުވަސް ފާއިތުވިފަހުން، އަދި ހުކުރުދުވަހުގެ ކޮންގްރެސްގައި ޒޯންތައް އުވާލުމަށްފަހު، ކޮންގެރެސްގެ ތާރީހުގެ ކުރީގެ ތާރީހެގައި ސެކެޓްރީޖެނެރަލް ލައްވާ ސޮއިކުރުވާ، ނިލަންދޫ ސކ އަށް ދިން ޖަވާބުގައި ވަނީ، އެއްވެސް ޒޯނެއްގައި ރީޖަނަލް އެސޯސިއޭޝަނެއް ގާއިމްކުރުމަށްޓަކާ އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީން ފާސްކޮށް، ރަޖިސްޓަރީކޮށްފައި ނުވާތީ، ޒޯނަކީ ނެތްއެއްޗެއްކަމަށް ބެލީކަމަށެވެ.
ކުއްވެރިވީ ރާއްޖެތެރޭގެ ކްލަބްތައް!
ކުއްވެރިވީ ރާއްޖެތެރޭގެ ކްލަބްތަކެވެ. ނޯމަލައިޒޭޝަން ކޮމިޓީން ބުނަނީ އެފްއޭއެމްގެ އަސާސީ ގަވާއިދުގެ ދަށުން މިހާތަނަށް ދުވަހަކުވެސް ރީޖަނަލް އެސޯސިއޭޝަނެއް ގާއިމްކޮށްފައި ނުވާކަމަށެވެ. ރީޖަނަލް އެސޯސިއޭޝަން ގާއިމްކޮށްފައި ނުވަނީ، އަސާސީގަވާއިދުގެ 18 ވަނަ މާއްދާގައި އެކަން ކުރަން އޮތްނަމަވެސް، ބައްސާމް އަދީލް ޖަލީލް ގެ ރިޔާސަތުގައި ހޭދަވިކުރި ދެ ދައުރު، ނުވަތަ 8 ތަހަރުތެރޭ ޒޯންތައް ރަޖިސްޓަރީ ނޮކޮށް އޮތުމުންނެވެ.
ކޮމިޝަނަރ އޮފް ސްޕޯޓުންވެސް، އަދި ފީފާއިންވެސް މިއަދާހަމައަށް މިކަން ފާހަގަކޮށް، މިމައްސަލަ ހައްލުކޮށްފައެއް ނުވެއެވެ. ނޯމަލައިޒޭޝަން ކޮމިޓީއާއި ސޭވް އެފްއޭއެމް ގްރުޕުން 23 އޭޕްރިލް 2025 ގައި ބޭއްވި ބައްދަލުވުމުގައި ޝާހް އިސްމާއިލް ފާހަގަކުރައްވާފައިވަނީ، ކޮންމެ ކޮންގްރެސްއެއްގެ ފަހުން ސެކްޓްރީ ޖެނެރަލް ސޮއިކޮށް، ކޮންގްރެސް ހިންގީ އަސާސީ ގަވާއިދާއެއްގޮތަށްކަމަށް ލިޔުމެއް ފޮނުވާކަމަށެވެ. އަދި މިލިޔުމަކީ ދޮގެއްކަމަށެވެ.
އެންމެ ހިތާމަވެރިކަމަކީ، ރާއްޖެތެރޭގެ ޒޯން ޗެމްޕިޔަން ކްލަބަތަކަށް މިކަމާ ވަކާލާތުކުރެވިފައި ނެތުމެވެ. މިހެން ދިމާވާންޖެހޭ ސަބަބުވެސް މިހާރު އޮތީ އޮޅުންފިލާފައެވެ. ކްލަބްގެ ނަން ނުޖަހާ ގޮތަށް ކްލަބް އޮފިޝަލެއް އަޅުގަނޑަށް ކަށަވަރުކޮށްދީފައިވަނީ، ފާޑުފާޑުގެ ހައްގުތަކުގެ ވާހަކަ ދައްކަން ފަށައިފިނަމަ، މިހާރު ލިބޭ ފައިސާކޮޅުވެސް ނުލިބުމުގެ ބިރު ބޮޑު ކަމަށެވެ. ވީމާ ކޮންގްރެސްގައި ވޯޓްލަނީ މިނިވަންކަމާއި އެކު ނޫންކަން އެނގެއެވެ. ތިންވަނަ ފަރާތުގެ ނުފޫޒު ފޯރުވައެވެ. ތިންވަނަ ފަރާތަކީ މިނިސްޓްރީ (ސަރުކާރު) ކަމުގައި ތުހުމަތު ކުރެއެވެ.
ރާއްޖެތެރެ އެކަހެރިކޮށް، މިގޮތަށް އެފްއޭއެމް ހިންގަމުން ދާތާ އަށް (8) އަހަރު ފަހުން، ފީފާއިން ބައްސާމް ސަސްޕެންޑްކުރުމަށްފަހު އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރީ، އަސާސީ ގަވާއިދާ ހިލާފަށް އެސޯސިއޭޝަން ހިންގާ، ކަރަޕްޓްވެފައިވާތީއެވެ. ބައްސާމް، މިޖަރީމާ ހިންގާފައިވަނީ އެފްއޭއެމްގެ ވޯޓް ހައްގުވާ މެމްބަރުން ވުޖޫދުނޮކޮށް، އަސާސީ ގަވާއިދާ ހިލާފަށް އެންމެ ޒޯނެއްގެ ކްލަބްތަކެއް ކޮންގްރެސްއަށް ވައްދައިގެން އެގްޒެކެޓިވް ކޮމިޓީ އިންތިހާބުކޮށްގެނެވެ.
ނޯމަލައިޒޭޝަން ކޮމިޓީން ހާމަކުރި ހަގީގަތަކީ، އެންމެނަށް އެނެގޭ ހަގީގަތެކެވެ. އެއީ އެފްއޭއެމް ހިންގަނީ އަސާސީ ގަވާއިދާ ހިލާފަށް ކަމެވެ. ޒޯންތައް ގާއިމް ނުކޮށް އެވަނީ މިހެންވެ ކަމެވެ. އެހެންނަމަވެސް ނޯމަލައިޒޭޝަން ކޮމިޓީން ބައްސާމް އަދީލް ޖަމީލާއި، މާލޭގެ ކްލަބްތަކުގެ އެގްޒެކެޓިވް ކޮމިޓީ ކުއްވެރިކުރުމުގެ ބަދަލުގައި، އަނެއްކާވެސް ކުއްވެރިކުރީ ރާއްޖެތެރޭގެ ކްލަބްތަކެވެ. ރާއްޖެތެރޭގެ ކްލަބްތައް އެކަމާ ނޫޅޭކަމަށް ބުނެއެވެ. އެހެންވީމާ ޒޯންތައް ބައިވެރިކުރަން ނުޖެހޭނެކަމަށެވެ.
މަސްލަހަތު ފުށުއެރުން
އެފްއޭއެމްއަކީ، އަސާސީ ގަވާއިދާ ހިލާފަށް "ބޭއިންސާފުން" ހިންގާ އެސޯސިއޭޝަނެއް ކަމީ އެންމެން ދަންނަ ހަގީގަތެކެވެ. މިކަމާ ހިޔާލު ތަފާތު މަދު ބަޔަކު ދެކެނީ، މިގޮތް އެންމެ ރަނގަޅު ކަމަށެވެ. އެހެންނަމަވެސް، ކުޅިވަރަކީ، އެހަރަކާތް އިންތިޒާމްކުރުމުގައި ހަމަހަމަ ކާމާއި "އިކުއިޓީ" ގެ މަފްހޫމް، ނުވަތަ އުންސުރު ގެމައްޗަށް ބިނާވެފައި އޮންނަ ކަމެކެވެ.
މިގޮތް ރަނގަޅުކަމަށް ވަކާލާތު ކުރާ ބޭފުޅުންނަށް، ހަމަހަމަ ކަމާއި، އިކްއިޓީ ގެ މަފްހޫމް ފުޓުބޯޅައަށް އެޕްލައިކުރަން ޖެހެނީ އަސާސީ ގަވާއިދާއި ހިސާބުންކަން ދެނެގަނެވިފައި ނެތުމަކީ އެކަށީގެންވާކަމެކެވެ.
އެންމެންވެސް ދަންނަ އަނެއް ހަގީގާތަކީ، އެފްއޭއެމްގެ ބަޖެޓަކީ 100 މިލިއަން ރުފިޔާގެ ބަޖެޓެއްކަމެވެ. ވީމާ، މާލޭ ކްލަބްތަކުގެ މެދުގައި ބަހާލަން މިލިބުނީ 100 މިލއަން ރުފިޔާއެވެ. ކަން މިހެން އޮތުމުން، މާލޭ ކްލަބްތަކުގެ އެސޯސިއޭޝަނަކުން ރާއްޖެތެރޭގެ ހަމަ އެންމެ ރީޖަނަލް އެސޯސިއޭޝަނަކަށްވެސް ބަޖެޓުން ބައެއް އަޅަން ދޫކޮށްލުމަކީ މަސްލަހަތު ފުށުއަރާ ކަމަކަށް ވާނެއެވެ. މިކަމުގައި މިހާތަނަށް އަމަލުކޮށްފައި އޮތީވެސް މިހެންނެވެ. ރާއްޖެތެރެ އެކަހެރިކޮށްގެނެވެ.
މިހާލަތަކީ މަސްލަހަތު ފުށުއަރާހާލަތެއްކަމަށް ނޯމަލައިޒޭޥަން ކޮމިޓީއަކުން ނުދެކެއެވެ. މިފަދަ ޖަރީމާތައް ދިވެހިން މަންޒަރުކުރަނީ "ގިރާވަރު ސިއްރު" ގޮތުގައެވެ. އެއީ އެންމެނަށް އެނގޭ އެހެންނަމަވެސް އެންގޭ ކަމަށް ނުހަދާ ކަންކަމެވެ. އެނގޭކަމަށް ހަދައިފިނަމަ ކުއްވެރިވާނެތީއެވެ. މިފަދަ އަމަލުތަކުގައި ދެފަރާތްވެސް ކަންކުރަނީ ރަނގަޅަކަށް ނޫނެވެ.
ކްލަބަތައް "ސެލްފް ސެންސަރ" ކުރާއިރު އެސޯސިއޭޝަނުން ފައިސާހިފެހެއްޓުމުގެ "ބިރު" ދައްކަނީއެވެ. މިކަން ނިމުމަކަށް ގެންނަން ޖެހެއެވެ.
ނަޒާހަތްތެރިކަން ގެއްލުވާލުން
ބައްސާމް ވިދާޅުވެފައިވަނީ "ސަބް އެސޯސިއޭޝަން" ނުވަތަ ރީޖަނަލް އެސޯސިއޭޝަން ގާއިމްކުރަން ގާނޫނުން ހުއްދަ ނުކުރާ ކަމަށެވެ. މައުނައަކީ، އަސާސީ ގަވާއިދު ރާއްޖޭގެ ގާނޫނުތަކާ ފުށުއަރާ ކަމަށެވެ. މިއީ ކަނޑައެޅިގެން ދޮގެކެވެ. މިކަން މިހެން އޮއްވާ ނޯމަލައިޒޭޝަން ކޮމިޓީންވެސް ކަންކުރީ ހަމަ މިގޮތަށެވެ.
ފުޓުބޯޅައިގެ ނަޒާހަތްތެރިކަން ގެއްލުނީ މިހެންވެއެވެ. އެފްއޭއެމް މިވަނީ ހިސޯރުކޮށްފައެވެ. މިނަޒަރުން ބަލާނަމަ، މާލޭ ކްލަބަތަކުން އަމަލުކުރަމުން މިދަނީ "ކްލަބް" އެއް ގޮތަކުނޫނެވެ. "ގޭންގް" އެއްގޮތުގައެވެ. ފީފާ އިން އިންތިޒާރުކުރި އެންޓި-ގޭންގް ބިލް ވެސް ވަނީ ކޮންގެރެސްގެ އެއްމަސްދުވަސް ކުރިން 25 މެއި ގައި ތަސްދީގްކޮށްފައެވެ. އަދި ފުލުހުން އެދަނީ މާލޭގެ ކްލަބްތަކެއް އިންވެސްޓިގޭޓް ކުރަމުންނެވެ. ވޯޓްލާންވެސް އެތިބީ މިކްލަބަތަކެވެ.
ލާމަރުކަޒުކުރަން ލާޒިމްކުރާ ކުޅިވަރުގާނޫނެއް ވުޖޫދުވުމުގެ މާކުރިން، އެފްއޭއެމް އާއި ފީފާއިން އެއްބަސްވެފައިވަނީ، އެފްއޭއެމްގެ އަސާސީ ގަވާއިދުގެ ދަށުން 9 ޒޯނަށް ފުޓުބޯޅަ ލާމަރުކަޒު ކުރާށެވެ. 2008 އާއި 2016 ގެ އަސާސީ ގަވާއުތަކުގައި ވަނީ މި ނުވަ ޒޯން ހިމަނާފައެވެ. އަދި ލާމަރުކަޒުކުރުމަށް ބޭނުންވާ ޒޯން ސްޓޭޑިއަމްތައްވަނީ ސަރުކާރުން ގާއިމްކޮށްފައެވެ. ދަތުރުފަތުރު ގެ ނިޒާމެއް ތަރައްގީވެ، މިއަދު ހޯމްއެންޑް އަވޭ ލީގެއް ކުޅުމަކީ އަތްފޯރާފަށުގައި އޮތް ހަގީގަތެކެވެ. މިފަދަ ލީގެއް ހިންގަން ބޭނުންވާ ކުޅުންތެރިންނާއި، ރެފްރީންނާއި، ކޯޗުންނާއި، މެނޭޖަރުން އުފެދިއްޖެއެވެ. އެހެންނަމަވެސް ޒޯންތައް އެކުލެވޭ ގައުމީ ލީގެއް އުފެއްދުމަށް ހުރަސްއެޅުމެއް ނުހުއްޓެއެވެ.
އެންމެފަހުން ފީފާ ނޯމަލައިޒޭޝަން ކޮމިޓީންވެސް މިކަމަށް ހުރަސްއެޅީއެވެ. މިކޮމިޓީއަކީ ފުޓުބޯޅަ ދަންނަ ކޮމިޓީއެއްކަމާމެދު މިހާރު މިވަނީ ބަހުސް އުފެދިފައެވެ. 27 ޖޫންގައި ފާސްކުރި "އައު" އަސާސީ ގަވާއިދަކީ ފީފާއިން އެންޑޯސް ކޮށްފައިވާ ގަވާއިދެއްކަމަށް ބުނާބުނުމަކީ ތެދެއް ކަމާމެދު ސުވާލު އުފެދެއެވެ. އެއީ ފީފާއިން 2008 ގައިވެސް އަދި 2016 ގައިވެސް އެންޑޯސްކުރި އަސާސީ ގަވާއިދުގައި 9 ޒޯން ހިމަނާފައިވާތީއެވެ. އަދި ޒޯންތަކަށް ލާމަރުކަޒު ކޮށް، ޒޯންތަކުގައި ރީޖަނަލް އެސޯސިއޭޝަންތައް ގާއިމްކުރަން ލާޒިމްކޮށްފައިވާތީއެވެ.
ފީފާގެ އަސާސީ ގަވާއިދުގެ 4 ވަނަ މާއްދާގައި ވަނީ ފުޓުބޯޅައިގައި ތަފާތުކޮށްގެން ނުވާނެކަމަށެވެ. ޑިސްކްރިމިނޭޓް ކުރުމަކީ އެސޯސިއޭޝަންއެއް ސަސްޕެންޑް ކުރާނެކަމެއް ކަމަށެވެ. އެހެންނަމަވެސް ނޯމަލައިޒޭޝަން ކޮމިޓީން ޒޯންތައް އެކަހެރިކުރުމަކީ ޑިސްކްރިމިނޭޓްކުރުން ނުވަތަ ތަފާތުކުރުން ނޫންކަމަކަށް ނުވާނެއެވެ.
ނޯމަލައިޒް ނުކުރުން
ފީފާ އިން ކޮމިޓީއާ ހަވާލުކުރީ އެފްއެމް "ނޯމަލައިޒް" ކުރާށެވެ. ޒޯންތަކުގައި ރީޖަނަލް އެސޯސިއެސޯސިއޭޝަން ތައް ގާއިމްކުރާށެވެ. ރީޖަނަލް އެސޯސިއޭޝަން ގާއިމްކޮށްފައި ނެތީ އެފްއޭއެމް ނޯމަލް ނޫން ވީމައެވެ. "އެބްނޯމަލް" ވީމައެވެ! ވީމާ ފުރަތަމަވެސް ކޮމިޓީން ކުރަންޖެހޭކަމަކީ އަސާސީ ގަވާއިދަށް ރުޖޫއަވުމަށްޓަކާ ޒޯންތައް ގާއިމްކުރުމެވެ. އަދި އެއަށްފަހު އިންތިހާބަށް ހުޅުވާލާލުމެވެ.
ނޯމަލައިޒޭޝަން ކޮމިޓީން ކަންކުރީ ދިމާ އިދިކޮޅަށެވެ. ނޯމަލައިޒް ކުރުމުގެ ބަދަލުގައި، އަނެއްކާވެސް އެންމެ ޒޯނެއްގެ ކްލަބަތަކަކަށް އެފްއޭއެމް ދޫކޮށްލީއެވެ. "ވިއްކާލީ" ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. ޑިސްކްރިމިނޭޓް ކުރުމާއި ނަހަމަ ކަމުގެ "ގޭންގް" ވިސްނުމަށް އަނެއްކާވެސް ދީލާލީއެވެ.
ވީމާ ނޯމަލައިޒޭޝަން ކޮމިޓީން ނިންމީ ފީފާއިން ނޯމަލައިޒޭޝަން ދެކޭގޮތަކަށް ނޫނެވެ. ނޯމަލައިޒް ކުރުމަކީ ފަހަތައް ފިޔަވަޅުއަޅާ، ކުރީން ގާއިމްނުކޮށް އޮތް ރީޖަނަލް އެސޯސިއޭޝަންތައް ގާއިމްކުރުމެވެ. އެއަށްފަހު ނޫނީ އަސާސީ ގަވާއިދާ އެއްގޮތަށް ކޮންގްރެސް އެއް ނުބޭއްވޭނެތީއެވެ. މިކަމަށް އެކަށީގެން ވާ 12 މަސްދުވަސް ދިންނަމަވެސް، ނޯމަލައިޒް ނުކުރީއެވެ. ނޯމަލައިޒް ނުކުރީ ތަންދޮރު ނޭންގޭތީ ކަމަށް ދަންނަވަން ދަތިވަނީ ފުންނާބު އުސްކަމުންނެވެ.
ނޯމަލައިޒޭޝަން ކޮމިޓީއަށްވެސް އަދި އާއްމު އެންމެނަށްވެސް އެގޭ ހަގީގަތަކީ، 2016 އިންފެށިގެން އެފްއޭއެމް އިންތިހާބުކުރަމުން އައިސްފައިވަނީ ރީޖަނަލް އެސޯސިއޭޝަންތައް ގާއިމް ނުކޮށް ކަމެވެ. ވީމާ އެފްއޭއެމްއަކީ އެއްވެސް ހާލެއްގައި ގާނޫނީ ގޮތުން ސައްހަ ޖަމާއަތަކަށް ނުވާނެއެވެ. ސަރުކާރުގެ "ވޮޗް ޑޯގް" ކޮމިޝަނަރް އޮފް ސްޕޯޓްސް ހަނުހުރެ، ފީފާ އާއިހަމައަށް މައްސަލަ ގެންދާނެ ފަރާތެއް ވަނީ ނެތިފައެވެ. ރާއްޖޭގެ ކްލަބްތަކުގައި އަދި އެވަރުގެ ބުރަދަނެއް ނެތެވެ. މިވަގުތުވެސް ފީފާގެ ކްލަބަލައިސެންސިން ސެކިއުރަކުރެވޭ ކްލަބެއް މަދެވެ.
ޖެހިވަޅަށް ޖެހުން
އާހިރު ނަތީޖާއަކީ ނޯމަލައިޒޭޝަން ކޮމިޓީން ޖެހިވަޅަށް ޖެހުމެވެ. ތަފާތު ނުކުރުމާއި (ޑިސްކްރިމިނޭޝަން)، އިކްއިޓީ އާއި ހަމަހަމަ ކަމުގެ މަފްހޫމްތަކީ ނޯމަލައިޒޭޝަން ކޮމިޓީ ދަންނަ ހަމަތަކަކަށް ނުވިއެވެ. މި ހަމަތަކަކީ 2008 ވަނަ އަހަރުގެ ޑިމޮކްރެޓިކް ގާނޫނު އަސާސީގެ ކުރީގެ ހަމަތަކެކެވެ. ވީމާ މިހާރު އުފެދޭ ސުވާލަކީ، ދިރިދިރި އޮތް އަސާސީ ގަވާއިދެއް "ސަސްޕެންޑް" ކޮށް، ކޮމިޓީއަށް ފެނުނު ބަޔަކު އެއްކޮށް، ރާއްޖެތެރޭގެ ކްލަބަތައް އެކަހެރިކޮށް، މުޅިން އައު އަސާސީ ގަވާއިދެއް ފާސްކުރެވިދާނެ ތޯއެވެ؟
ރާއްޖޭގެ އައު ގާނޫނު އަސާސީއާއި ކުޅިވަރު ގާނޫނުން ވުޖޫދު ވުމުގެ މާކުރިން 1986 އިން ފެށިގެން އެފްއޭއެމުން ވަނީ 9 ޒޯން އެކުލަވާލާ، ލާމަރުކަޒު ކޮށްފައެވެ. އަދި އޭގެ 20 އަހަރުފަހުން ފީފާއިން އެކުލަވާލި ފުރަތަމަ އަސާސީ ގަވާއިދު 2008 ގައި 9 ޒޯން ބަލައިގެންފައިވެއެވެ. އެއިރު އެކަން ވީވެސް، އާއްމުންގެ ބަޔަކު އެކަމަށް ވަކާލާތުކޮށް އަޑު އުފުލލީމައެވެ. އަދި 2016 ގައި މި 9 ޒޯންގައި ރީޖަނަލް އެސޯސިއޭޝަން ތަކަށް ގާނޫނީ ހައިސިއްޔަތު (ސްޓޭޓަސް) ދީފައި އެވަނީ ލާމަރުކަޒުކުރުން ކަށަވަރުކުރުމުގެ ނިޔަތުގައެވެ.
ނޯމަލައިޒޭޝަން ކޮމިޓީން މިވަނީ މިހުރިހާ ހަގީގަތެއް ބޮލާލާ ޖަހާ، ބަގާވާތެއްގެތެރެއިން މުޅިން "އައު" އަސާސީ ގަވާއިދެއް "ފާސް" ކޮށްފައެވެ. ފާސްކުރި އަސާސީ ގަވާއިދުގެ އިންތިގާލީ މަރުހަލާ، އާޓިކަލް 86 ގެ 9 ވަނަ ނަމްބަރުގައި މިކަން ފޮރުވަން މަސައްކަތްކޮށްފައިވެއެވެ. އެމާއްދާގައި ބަޔާންކޮށްފައިވަނީ އެފްއޭއެމްގެ ހިންގާ ކޮމިޓީން ރީޖަނަލް އެސޯސިއޭޝަންތައް ގާއިމްކުރަން ވާނެކަމަށެވެ. މިމާއްދާ "މަލާމާތަކަށް" ވަނީ އެގަވާއިދުގައި ނެތް ގުނަވަނެއް ވުޖޫދުކުރަން، އެބާރު ނުވެސްނެތް، އަދި މަސްލަހަތު ފުށުއަރާ ހިންގާކޮމިޓީއަކާ ހަވާލު ކުރުމުންނެވެ.
އިންސާފު ހޯދުން
ރާއްޖެތެރޭގެ ޒޯންތަކަށް ނިސްބަތްވާ ކްލަބްތައް ބާކީކޮށް، މާލޭގެ 23 ކްލަބުން އެފްއޭއެމްގެ ރައީސް އާއި ހިންގާކޮމިޓީ އިންތިހާބުކުރަން ނޯމަލައިޒޭޝަން ކޮމިޓީން އެކުލަވާލި އަސާސީ ގަވާއިދު ބާތިލް ކުރެވޭނީ މުޅިން އައު ފުޓުބޯޅަ ލީޑަރުންނަށެވެ!
މިމަސްލައަކީ ރާއްޖޭގެ ކޯޓަކުން ބެލޭނެ މައްސަލައެއް ކަމަކަށް ނުފެނެއެވެ. ސަބަބަކީ ޝަރީއާ އަދި ކޮމަންލޯ ކޯޓްތަކުން ކުޅިވަރުގެ މައްސަލަތައް ނުބެލޭނެތީއެވެ. އާއްމު ގާނޫނުތަކަކީ ކުޅިވަރުގެ މަފްހޫމްތައް ދަންނަ ގާނޫނުތަކަކަށް ނުވާތީއެވެ. މިސާލަކަށް "އޮލިމްޕިސިޒްމް" ނުވަތަ "ފެއަރޕްލޭ" ނުވަތަ "ހޯމް އެންޑް އަވޭ ލީގް" އަކީ އާއްމުކޯޓްތައް ދަންނަ މަފްހޫމްތަކެއް ނޫނެވެ.
ރާއްޖެތެރެ އެކަހެރިކުރުމުގެ މައްސަލަ އިންސާފުވެރިގޮތެއްގައި ބެލޭނީ (1) ފީފާއިން ނުވަތަ (2) އިންޓަރނޭޝަނަލް ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އިންނެވެ. މިހެން މިދެންނެވީ ފީފާގެ ސްޓެޓިއުޓްސް އިން ހުރިހާ މެމްބަރު އެސޯސިއޭޝަންތަކަށް އާއްމުކޯޓުތަކަށް ހުށަހެޅޭ މިންވަރާ ނޭޅޭ މިންވަރު ކަނޑައަޅާފައިވާތީއެވެ. އެ މިންގަނޑުން މިޒާތުގެ މައްސަލައެއްގައި އިންސާފު ގާއިމްކޮށްދެވޭނީ އިންޓަރނޭޝަނަލް ސްޕޯޓްސް ގާނޫނުންނެވެ. އެފްއޭއެމްގެ ކަޅު ސްޓެޓިއުޓްގެ 13 ވަނަ މާއްދާގެ (ޑީ) ގައިވެސް މިކަން ފާހަގަކޮށްފައިވެއެވެ.
މިއަދަކީ އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިލުމަށް ނޯމަލައިޒޭޝަންކޮމިޓީން ހުޅުވާލި މުއްދަތު ހަމަވާދުވަހެވެ. ހަމަ މިއަދުވެސް އެފްއޭއެމް އަށް ބޭނުންވެފައިވަނީ، ރާއްޖެތެރޭގެ ކްލަބްތަކުގެ ހައްގުތައް (ވޯޓް) ހޯދައިދޭނެ ފުޓުބޯޅަ ލީޑަރެކެވެ. މިފަދަ ލީޑަރަކީ، ރާއްޖެތެރޭގެ ކްލަބަތަކުގެ ތާއީދާއިއެކު ނިކުވެވަޑައިގަންނަވާ ނަޒާހަތްތެރި ލީޑަރަކަށް ވާންޖެހޭނެއެވެ. އެބޭފުޅަކު އަދި މިއަދު ފެންނާކަށް ނެތެވެ.
އެޑިޓަރުގެ ނޯޓް:
ހާމިދު އަބްދުލް ޣަފޫރަކީ ކުޅިވަރު ހިންގުމުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި އަދި އެ ދާއިރާއިން އަމަލީ ގޮތުން އެތައް ތަޖުރިބާތަކެއް ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. ހާމިދު ޢަބްދުލް ޣަފޫރަކީ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެރެޓްރީ ޖެނެރަލް ކަމުގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ. ހާމިދަކީ ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ކައުންސިލްގައި ސްޕޯޓްސް، އާޓްސް އެންޑް ކަލްޗާގެ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުން އިންނެވި ބޭފުޅެކެވެ.