ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ ގޮއިދޫ އިސް މެޖިސްޓްރޭޓް އަހްމަދު ނިޝާރްއާ ވިޔަފާރީގެ ގުޅުން އޮންނަ ފަރާތަކަށް ރައްދުވާ ގޮތަށް ބ. ގޮއިދޫ ކޯޓަށް ހުށަހެޅުނު ގަޒިއްޔާއެއް ބެލުމުން ތަނާޒުލު ނުވެ އިސް މެޖިސްޓްރޭޓް އަހްމަދު ނިޝާރު އެ ގަޒިއްޔާ ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އަދި އެ ގަޒިއްޔާ ކުރިއަށް ގެންދިޔުމުގައި ވެސް ފަނޑިޔާރެއްގެ ސުލޫކަށް އަސަރު ކުރާ ގޮތަށް ނިޝާރު އަމަލު ކުރި ކަމަށާއި، އަދި ނިޝާރު އަމިއްލަ ވިޔަފާރިކޮށްގެން އާމްދަނީ ހޯދާއިރު އެކަން މާލީ ބަޔާނުގައި ހާމަކޮށްފައި ނުވާ ކަމަށް ބުނެފައި ވެއެވެ.
ޖޭއެސްސީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ވަނީ އެ މައްސަލަތައް ތަހުގީގު ކުރާނެ ހާއްސަ ކޮމިޓީޢެއް އެކުލަވާލާފަ އެވެ.