ފިޔަވަޅުތައް ވަރުގަދަ ކުރާނެ ކަމުގެ އިއުލާން، ދެކުނު އެފްރިކާގެ ރައީސް ސިރިލް ރަމަފޯސާ ކުރައްވާފައި ވަނީ އެގައުމުގައި ކޮވިޑް-19 ގެ ކޭސްތަކުގެ އަދަދު އެއް މިލިއަން ފަހަނަހަޅައި ދިއުމާއި ގުޅިގެންނެވެ.
ރޭ އެގައުމުގެ ގަޑިން 10:00 އިން ފެށިގެން އަންނަ މަހުގެ 15 ގެ ނިޔަލަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އާންމު ތަންތަނުގައި އެއްވެ އުޅުން މަނާކުރުމާއި، ކޮންމެ ރެއެއްގެ 9:00 އިން ފެށިގެން ހެނދުނު 6:00 އަށް ކާފިއު ހިންގުމުގެ އިތުރުން ކޮންމެ ރެއެއްގެ 8:00 އިން ފެށިގެން ފިހާރަތަކުންދޭ ހިދުމަތްތައް މެދުކަނޑާލުން ހިމެނެ އެވެ.
މީގެ އިތުރުން މަގުތަކުގައި އުޅޭ ފަރާތްތަކަށް މާސްކް އެޅުން މަޖުބޫރުކޮށްފައިވާ އިރު، ފިޔަވަޅުތަކަށް ބޯނުލަނބާ ފަރާތްތައް ޖޫރިމަނާ ކުރާނެ ކަމަށާއި، ނުވަތަ ޖަލަށް ލާން ޖެހިދާނެ ކަމަށް ދެކުނު އެފްރިކާގެ ރައީސް ވަނީ ވިދާޅުވެފަ އެވެ.
ދެކުނު އެފްރިކާގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވެފައިވަނީ އެގައުމުގައި ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑްގެ އާ ވޭރިއެންޓެއް ފެނިފައިވާ ދަނޑިވަޅެއްގަ އެވެ. އެއާއެކު އެގައުމުގެ ބައެއް ހޮސްޕިޓަލުތަކުގައި އެނދުމަތި ކުރާ މީހުންގެ އަދަދު އިތުރުވެ، ބާރުބޮޑުވާން ފަށާފައިވެ އެވެ.
މިދިޔަ ހަފްތާގައި އެކަނިވެސް އެވަރެޖް ގޮތެއްގައި ދުވާލަކު 11،700 އަށް ވުރެ ގިނަ މީހުންނަށް ދެކުނު އެފްރިކާ އިން ކޮވިޑް-19 ޖެހިފައިވާ އިރު، އެއީ އޭގެ ކުރީ ހަފްތާއަށް ވުރެ 39 އިންސައްތަ އިތުރު އަދަދެކެވެ. މީގެ އިތުރުން މިދިޔަ ހަފްތާގެ ބުދަ އިން ފެށިގެން ހޮނިހިރުގެ ނިޔަލަށް އެވަރެޖް ގޮތެއްގައި އެގައުމުން ދުވާލަކު 14،000 މީހުން ޕޮޒިޓިވްވެފައިވެ އެވެ.
މިހާތަނަށް ދެކުނު އެފްރިކާ އިން މިލިއަނަކަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާ އިރު 26،735 މީހުން ވަނީ އެގައުމުން މަރުވެފަ އެވެ.