އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް ހަ ފަހަރު ކާމިޔާބުކޮށްފައިވާ، މި ވަގުތު ދުނިޔޭގެ ރޭންކިންގެ ފަސްވަނައިގަ އޮތް ފެޑެރާއަށް މުބާރާތުގައި ނުކުޅެވޭނެކަން ޔަގީންވީ އޭނާއަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވެ މުބާރާތް ފެށެންވާއިރަށް ފިޓް ނުވާނެތީ އެވެ. އެކަން މުބާރާތް އިންތިޒާމް ކުރާ ފަރާތުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.
ކުރިން ބެލެވުނީ މި އަހަރުގެ ފަހުކޮޅު ފެޑެރާއަށް އަލުން ކުޅެން ފެށޭނެ ކަމަށެވެ. އެހެން ނަމަވެސް އަނިޔާއިން ރަނގަޅުވެ އެނބުރި ކުޅުމުގެ ތެރެއަށް އައުމުގެ ތެރޭގައި އިތުރު ފަރުވާތަކެއް ހޯދަން ޖެހުނީ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ދުނިޔޭގެ އެންމެ މުއްސަނދި އެތްލީޓުގެ މަގާމު ވެސް ހޯދާފައިވާ ފެޑެރާއަށް އަނިޔާވީ މި އަހަރުގެ ޖެނުއަރީ މަހު އޮސްޓްރޭލިއަން އޯޕަންގެ ސެމީ ފައިނަލްގައި ނޮވަކް ޖޮކޮވިޗް އަތުން ބަލިވި މެޗުގަ އެވެ. އޭގެ ފަހުން އޭނާ ވަނީ ކަކުލުގެ އޮޕަރޭޝަނެއް ވެސް ކޮށްފަ އެވެ. އުމުރުން ތިރީސް ނުވަ އަހަރުގެ ފެޑެރާއަށް، ފޯބްސްއިން ހޮވާ ދުނިޔޭގެ އެންމެ މުއްސަނދި އެތްލީޓުގެ މަގާމު މި އަހަރު ވަނީ ލިބިފަ އެވެ. ފެޑެރާ ވެގެން ގޮސްފައި ވަނީ މި މަގާމު ހޯދި އެންމެ ފުރަތަމަ ޓެނިސް ކުޅުންތެރިޔާއަށެވެ.