ads
ކަނބާއައިސަ ރަނި ހިނގުން ހުޅުވާލުމުގެ ތެރެއިން --- ފޮޓޯ: މާލެ ސިޓީ ކައުންސިލް
ކަނބާއައިސަ ރަނި ހިނގުން ހުޅުވައިފި
މާލޭގެ މަގުތަށް ޒަމާނީ ފެންވަރަށް އަލުން ތަރައްގީކުރުމަށް މާލެ ސިޓީ ކައުންސިލުން ފަށާފައިވާ "ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް"ގެ ދަށުން އެންމެ ފުރަތަމަ ތަރައްގީ ކުރަން ފެށި މާފަންނު ކަނބާއައިސަ ރަނި ހިނގުން ހުޅުވައިފިއެވެ.

މިއަދު ހަވީރު 4:00ގައި މި މަގު ހުޅުވާދެއްވީ މާފަންނު ހުޅަނގު ދާއިރާގެ ރައްޔިތުން ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.

އެގޮތުން މި މަގު ހުޅުވާފައިވަނީ އެ ދާއިރާގެ ބައެއް ރައްޔިތުން ފަރާތުން ބޭއްވި ހިނގާލުމެއްގައި ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ. އަދި މި ހިނގާލުމުގައި މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު އަދި ރައްޔިތުން މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަހާލު ބައިވެރިވެވަޑައިގެންނެވި ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މި މަގު އަލުން ހުޅުވާލާފައިވަނީ ދުއްވާ އެއްޗެއްސާއި ހިނގާ މީހުނަށް ފަސޭހަވާނެ ގޮތެއްގެ މަތިން މަގު ހެދުމަށްފަހު ކަމަށެވެ. އަދި ހިތްފަސޭހަކަން ގެނެސްދިނުމަށް ގަސް އިންދާފައިވާ ގަސްމުށިތަށް އަރިމަތީގައި ބަހައްޓާފައި ހުންނާނެ ކަމަށާއި، މާފަންނުގެ މި ސަރަހައްދުގެ ފެންބޮޑުވުމުގެ މައްސަލައަށް މަގު ހެދުމުގެ މަސައްކަތުގެ ސަބަބުން ހައްލެއް ލިބޭނެ ކަމަށް ކައުންސިލުން ބުނެއެވެ.

މީގެ އިތުރުން އެކިއެކި ބޭނުމަށް މަގު ކޮނުމުގައި މަގުގެ މެދުން ނުކޮނެ، އަރިމަތިން މަގު ކޮނެގެން ހަމަޖެއްސޭފަދަ ފަރުމާއެއް ގެނެސްފައިވާ ކަމަށް ކައުންސިލުން ފާހަގަ ކުރެއެވެ. އަދި މަގާ ގުޅިފައިވާ ސަރަޙައްދުތަކުގައި އެއްގަމު އުޅަނދު ޕާކުރުމަށް ހާއްސަ ސަރަހައްދުތައް ހަދާ، މަގުގައި މުދާއަރުވާ ބޭލުމަށް އަދި ޓެކްސީ ހޯދުމަށް ހާއްސަ ސަރަހައްދު ކަނޑައަޅާފައިވާނެ ކަމަށް ކައުންސިލުން ބުނެއެވެ. އަދި މި މަގުގެ ހޮޅިދަނޑިތައް ބަދަލުކޮށްފައިވާނެކަން ކައުންސިލުން ފާހަގަ ކުރެއެވެ.

މާލޭގެ މަގުތަކުގެ ހާލަތު ރަނގަޅު ކުރުމަށް މާލޭ ސްޓްރީޓް ސްކޭޕިންގް ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ރައީސް ސޯލިހު ފައްޓަވާދެއްވީ ނިމިދިޔަ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަގުގެ 17 ވަނަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް