ads
ނާސިހާ އާއި އޭނާގެ ފިރިމީހާ ހަނީފް--
މިއީ ލޯބީގެ މިސާލެއް، އަނބިމީހާއަށް ހަދިޔާކުރީ ކިޑްނީ!
އެއީ މިދިޔަ އަހަރުގެ މެއި މަސް ހިސާބެވެ. އއ. މާޅޮހަށް ނިސްބަތްވާ، އުމުރުން 37 އަހަރުގެ އައިމިނަތު ނާސިހާއަށް އޭނާގެ ދެ ކިޑްނީ ފެއިލްވެފައިވާކަން އެނގުނީ އޭނާގެ ތިންވަނަ ދަރިއަށް ބަލިވެ އިނދެގެން އުޅެނިކޮށެވެ.

އދ. މަހިބަދޫ ހޮސްޕިޓަލުން ޓެސްޓްތަކެއް ހަދައިގެން ނާސިހާގެ ދެ ކިޑްނީ ފެއިލްވެފައިވާކަން އެނގުނުއިރު މާބޮޑެތި ގޮތްތަކެއް ވެސް އޭނާއަށް ނުވާ ކަމަށް އޭނާގެ ބޭބެ، އަބްދުއް ރަޝީދު، ސީއެންއެމްއަށް ކިޔައިދެމުން ބުންޏެވެ. 

ފަހުން ބަނޑަށް ހަތް މަހުގައި ކުއްޖާ ނެގީ ދެމައިންނަށް އޮތް ނުރައްކާ ވެސް ބޮޑުވެދާނެތީ އެވެ. މިއީ ނާސިހާގެ މިހާރުގެ ފިރިމީހާ، ހަނީފް އާއި އޭނާގެ ކައިވެންޏަށް ލިބުނު ފުރަތަމަ ދަރިފުޅެވެ. އޭގެ ދޮއްޓަށް ލިބިފައިވާ ދެ ކުދިންނަކީ ވެސް ނާސިހާ އެހެން މީހަކާއި ކައިވެނިކޮށްގެން ލިބިފައިވާ ދެ ކުދިންނެވެ.

ކޮންމެއަކަސް ދެވަނަ ކައިވެންޏަށް މާގިނަ ދުވަސްތަކެއް ނުވެ، ކުއްލިއަކަށް ނާސިހާގެ މުޅި ދިރިއުޅުމަށް ކަޅު ބޯވިލާގަނޑެއް ބަނަކޮށްލީ ދެ ކިޑްނީ ފެއިލްވި ހަބަރުންނެވެ. އެހެންނަމަވެސް، އެ ހިތްދަތި ވަގުތުގައި ދެ ގޮތެއް ނުވެ، ހަނީފް ހުރީ އަނބިމީހާއަށްޓަކައި ކޮންމެ ފަދަ ގުރުބާނީއެއް ވުމަށް ވެސް ތައްޔާރަށެވެ. 

ނާސިހާގެ ބޭބެ ކިޔައިދިން ގޮތުގައި ހަނީފަށް އެ ހަބަރު ލިބުމާއެކު އޭނާ ބޭނުންވީ ކިޑްނީ ހަދިޔާކުރާށެވެ. މާގިނަ ވިސްނުންތަކެއް ނުވިސްނާ ހަނީފް އެފަދަ ބޮޑު ނިންމުމެއް ނިންމުމުން، އޭނާ، އަނބިމީހާ ދެކެވާ ލޯބި ބަޔާންކޮށްދޭން ފޮނި ބަސްތަކެއް ބޭނުން ނުވާނެކަން ކަށަވަރެވެ. 

މީގެ ތިން މަހެއްހާ ދުވަސް ކުރިން އާސަންދައިގެ އެހީތެރިކަމާއެކު އިންޑިއާގެ އެންޔޫ ހޮސްޕިޓަލަށް ކިޑްނީ ޓްރާސްޕްލާންޓް ހެދުމަށް އެމީހުން ގޮސްފައިވާއިރު ނަސީބުކަން ދިމާކުރި ގޮތުން ފިރިމީހާގެ ކިޑްނީ ވަނީ ނާސިހާގެ ކިޑްނީއާ މެޗްވެފަ އެވެ. އެހެންކަމުން، މިދިޔަ މަހުގެ 30 ވަނަ ދުވަހު، ކިޑްނީ ޓްރާސްޕްލާންޓް ހަދާފައިވާއިރު އެ ދެމީހުންގެ ހާލު ވެސް ރަނގަޅު ކަމަށް އާއިލާއިން ބުންޏެވެ. 

އެހެންނަމަވެސް، އަދިވެސް އިތުރު ތިން މަހެއްހާ ދުވަސް އެކޮޅުގައި އެމީހުން ހޭދަކުރަން ޖެހިދާނެ އެވެ. އާއިލާ އިން މައުލޫމާތުދޭ ގޮތުގައި ނާސިހާގެ އެންމެ ދޮށީ އަންހެން ދަރިފުޅު ނޯޕޭ ލީވްއެއްގައި މިވަގުތު އިންޑިއާގައި ހުރިއިރު އޭނާގެ ދައްތައަކު ވެސް ހުރީ އެތަނުގަ އެވެ. އަދި ފިރިމީހާ ވެސް އެކޮޅުގައި ހުރުމާއެކު އާއިލާއަށް އާމްދަނީ ލިބޭނެ މަގުތައް ވަނީ ބަންދުވެފަ އެވެ. 

"ނާސިހާގެ އެންމެ ބޮޑު ދަރިފުޅު އުޅެނީ އާސަންދައިގަ، މިވަގުތު ނޯޕޭ ލީވްއެެއްގަ މިކޮޅުގަ ހުރީ. ދެން ނާސިހާ ފިރިމީހާއަކީ ވެސް ވަޑިއެއް. ލޯންޗު ވެސް ދުއްވާނެ. އަނެއްކާ ނާސިހާއަކީ ރަށު ކޯޓުގަ މަސައްކަތް ކުރާ މީހެއް. އެހެންވީމަ މިހާރު އާމްދަނީ ލިބޭނެ ގޮތެއް ނެތް އެމީހުންނަށް،" އޭނާ ކިޔައިދިނެވެ.

ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށް ނާސިހާ ގޮސްފައިވަނީ އޭނާގެ ހަ މަސް ނުވާ ދަރިފުޅާއި 11 އަހަރުގެ ދަރިފުޅު އާއިލާގެ މީހަކާ ހަވާލުކޮށްފަ އެވެ. އަދި ތިން މަހެއްހާ ދުވަހު އިންޑިއާގައި މަޑުކުރަން ޖެހޭއިރު މިއީ ގިނަ ހަރަދުތަކެއް ހިނގާނެ ކަމެއްކަމުން، އާއިލާއިން ވަނީ މީހުންގެ އެހީއަށް ބޭނުންވެފަ އެވެ. 

އިތުރު މައުލޫމާތު: 

އެކައުންޓް ނަންބަރު (ރުފިޔާ): 7721540662001 އައިމިނަތު ނާސިހާ

އެކައުންޓް ނަމްބަރު (ޔޫއެސްޑީ): 7730000325963 އައިމިނަތު ނާސިހާ

46%
ކަމުގޮސްފި
30%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
3%
ވަރަށް ސަލާމް
ކޮމެންޓްސް