ads
ހިޔަންޏެއް--
ތުނޑިން ދިމާވި ކުއްޖާ
ރޭގަނޑަކީ ހަމަ ހިމޭން އަދި އަނދިރިކަމުން ފުރިގެންވާ ވަގުތެކެވެ. ރޭގަނޑު މަގުމަތީގައި އިންސީންގެ އަދަދު މަދުވެ އެހެން ރޫހާނީ މަހުލޫގުން ގިނަވާ ވާހަކަޔަކީ ކުޑައިރުން ފެށިގެންވެސް އަބަދު އަޑުއިވޭ ވާހަކަތަކެކެވެ. ނަމަވެސް މި ވާހަކަތައް ގަބޫލުކުރެވޭނީ އަތުން ހިފި ލޮލުން ފެނުނީމައެވެ.

އަހަރެންނަށް ވެސް ގަބޫލުކުރެވުނީ އަހަރެންގެ ހަމަ ލޮލަށް އެ މަންޒަރު ފެނުނީމައެވެ.

އެއީ މީގެ އަހަރެއް ކުރީގެ ވާހަކަ އެކެވެ. އަހަރެންގެ އުމުރުން އޭރު 20 އަހަރެވެ. ޒުވާން ކަމުގެ ޖާދުވީ ދުނިޔޭގައި އަހަރެން ދިޔައީ އެއް ތަރިން އަނެއް ތަރިން އުދުހެމުންނެވެ. އެހެން ދަނިކޮށް އަހަރެންގެ ފިޔަގަނޑު ބިންދައިގެން ދިޔައީ ނުވެސް އެނގި ހުއްޓާ ވަރަށް ހިތި ގޮތަކަށެވެ.

އެރޭގެ ހުރިހާ ކަމެއް ވެސް އަހަރެން ވަރަށް ސާފުކޮށް އަދިވެސް ހަނދާން އެބަ ހުއްޓެވެ.  

އެރެޔަކީ ސާދަވިލޭރޭގެ ހަނދު އުޑުގައި އޭގެ އެންމެ ފުރިހަމަކަމާއެކު ބަބުޅަމުން ދިޔަ ރެއެކެވެ. އަހަރެން ދިޔައީ އަހަރެންގެ ލޯބިވެރިޔާ އާލާ އާ ބައްދަލު ކުރުމަށް ތުނޑިޔަށެވެ. 

އަހަރުމެން ލޯބީގެ ގޮތުން ގުޅިގެން އުޅޭތޯ މިހާރު ފަސް މަސް ދުވަސް ވެދާނެ އެވެ. ކޮންމެ ރެޔަކުވެސް ބައްދަލު ކުރަން އަހަރުމެން ދަނީ ތުނޑީގައި އެލުވާފައި އިންނަ ބޮޑު އުނދޯއްޔަށެވެ. މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައިވާ ހަމަހިމޭން މާހައުލަށެވެ.

އަހަރެން ތައްޔާރުވެގެން އާލާގެ ގެ ކައިރިޔަށް ދިޔައިރު އޭނާ އިނީ އަހަރެންގެ އިންތިޒާރުގައި ގޭގެ ދޮރާށި ކައިރީގައި މަޑުކޮށްގެންނެވެ. އަހަރެން ފެނުމާއެކު ދުވަމުން އައިސް އަހަރެންގެ ގައިގައި އޮޅުލައިގަތެވެ. މީހާ ފަހަތަށް ނުވެއްޓުނީ ކިރިޔާއެވެ. މާ ބޮޑަށް ހަނދާން ވީހޭ ބުނެ އަހަރެން އޭނާއަށް ޖެއްސުން ކޮށްލީމެވެ.

އަތާއި އަތް ޖޯޑު ކޮށްލައިގެން ވަލުތެރެއިން ގޮސް ތުނޑީގައި އިން އުނދޯލީގައި އަހަރެން އިށީނީމެވެ. ދެ މީހުން ދިޔައީ އެކި ފޮނި ވައުދުތައް ވަމުން އެތައް ސަކަރާތެއް ޖަހަމުންނެވެ.

ހިން ދެމިލަން ވެގެން އަހަރެން ބޯމައްޗަށް ބަލާލީމެވެ. އަހަރެންގެ ހިތް މޭގެ ތެރެއިން އަތަށް ނައީ ކިރިޔާއެވެ. މުޅި މީހާ ފިނިވެގެން ދިޔައެވެ. އަހަރެންގެ ބޯމަތީގައި އުނދޯލީގެ ފަޑިމަތީގައި އަހަރެންނާ ދިމާލަށް ހެވި ދިލިފައި އާލާ ބަލަން އިނެވެ. އަހަރެންނަށް ހުރެވުނު ތަންވެސް އޮޅުނެވެ. އަހަރެންގެ ކައިރީއި ވެސް އިނީ އާލާ އެވެ. ބޯމަތީގައި ވެސް އިނީ އާލާ އެވެ. 

އިރުކޮޅަކުން އަހަރެންނަށް ހޭވެރިކަން ލިބުނެވެ. ކައިރީގައި އިން އާލާއާ ދިމާލަށް ބަލާލުމަށް ފަހު މައްޗަށް ދެން ބަލާލިއުރު އޭނާއެއް މަތީގައެއް ނެތެވެ. އަވަސް އަވަހަށް ގެޔަށް ދާން ހިނގާށޭ ބުނެ ގޮނޑުދޮށް ފަރާތުން އަހަރެން އާލާ ގޮވައިގެން ދިޔައީމެވެ. އޭރު އޭނާ އަހަރެންނަށް ކިހިނެތް ވީތޯ ވަރަށް ސުވާލު ކުރަމުން ދިޔައެވެ. ނަމަވެސް އަހަރެން އޭނާގެ އަތުގައި ހިފަހައްޓައިގެން މީހުން އުޅޭ ހިސާބަށް ދިޔައީމެވެ. އޭނާގެ ގެޔަށް ދެމީހުން ގޮސް ހަމަ ޖެހިލައިގެން އަހަރެން ދެންމެ ވީ ގޮތުގެ ވާހަކަ ބުނީމެވެ. އާލާ ވެސް ބިރުގަތެވެ.

އެރޭ ދެމީހުން ތިބީ ފަތިސް ވަންދެން ހޭލައެވެ. ނަސީބަކުން ފަހުން އެއްވެސް ބިރުވެރިކަމަކާ ކުރިމައްޗެއް ނުވެއެވެ. ނަމަވެސް އެރޭގެ ފަހުން އަހަރެން ތުނޑިޔަކަށް ރޭގަނޑު ގަޑިޔަކު ނުދަމެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް