މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ފައުޒީ އަވަސް ނޫހަށް ވިދާޅުވީ އެމްއެސްއެސްއާ ގުޅިގެން މަސް ބޭރުކުރަން ފެށުމުގެ ގޮތުން މަސް ފިނިކޮށްފައި ބެހެއްޓޭ 30 ކޮންޓެއިނަރު ރާއްޖެ ގެންނާނެ ކަމަށާއި، މިކަމުގެ މަގުސަދަކީ ފެލިވަރުގައި މަސް ރައްކާކުރުމުގެ ގާބިލުކަން ގާއިމްވަންދެން މަސްވެރިން ބާނާ މަސް ގަނެ، ބޭރުކޮށް ބޮޑު އަގު ލިބޭނެ ގޮތް ހޯދުން ކަމަށެވެ.
ފައުޒީ އިތުރަށް ވިދާޅުވީ އެމްއެސްއެސްއާ ގުޅިގެން މަސް ބޭރުކުރުމަށް ފަށާ މަސައްކަތުގައި މަސް ގެންދާނީ ދެކުނު އެމެރިކާ އާއި ޔޫރަޕު ފަދަ ބޮޑެތި އަގު ލިބޭ ދުނިޔޭގެ މާކެޓުތަކަށް ކަމަށެވެ.
މިފްކޯ އިން ގެންނަން ހަމަޖެހިފައިވާ ކޮންޓެއިނަރުތަކަކީ 40 ފޫޓުގެ ކޮންޓެއިނަރުތަކެއް ކަމަށްވާއިރު، ކޮންމެ ކޮންޓެއިނަރެއްގައި 25 ޓަނުގެ މަސް ރާއްޖެއިން ބޭރުކުރެވޭނެ ކަމަށް ފައުޒީ ވަނީ ވިދާޅުވެފަ އެވެ.
މަސް ބޭރުކުރެވޭނެ ވަސީލަތްތައް އިތުރުކުރުމުގެ އިތުރުން މިފްކޯ އިން ދަނީ ފެލިވަރުގައި އައިސް އުފެއްދުން އިތުރުކުރުމުގެ ގޮތުން ހާއްސަ ފެސިލިޓީއެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މީގެ އިތުރުން މަސް ނުކިރި ލަސްވަމުންދާތީ މަސްވެރިން ކުރާ ޝަކުވާތަކަށް ހައްލެއް ގެނައުމުގެ ގޮތުން މިފްކޯ އިން ވަނީ 30 މިލިއަން ޑޮލަރުގެ މަޝްރޫއެއް ފެށުމަށް ތައްޔާރުވެފަ އެވެ.