ads
އަހުމަދު ޝަރީފް--
ލޯކަލް ކައުންސިލް އިންތިހާބު އެޕްރީލް 3 ގައި ބާއްވަން ނިންމައިފި
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އަންނަ އެޕްރީލް ތިނެއްގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ތާވަލުކޮށްފި އެވެ.

އެކަން ހާމަކުރެއްވީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ކުރެއްވި ޓްވީޓެއްގަ އެވެ.

މިދިޔަ މާޗް ހަވަނަ ދުވަހު ބާއްވަން އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރީ ކޮވިޑް-19 އާ ގުޅިގެން ހާއްސަ ގާނޫނަކާއެކު އެވެ. އެގޮތުން އެ އިންތިހާބު ބޭއްވޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުންނެވެ. 

އީސީއިން މަސައްކަތް ކުރަމުން އައީ މާޗު މަހުގެ ހަވަނަ ދުވަހު އިންތިހާބު ބޭއްވުމަށް ނަމަވެސް މިހާރު އެ މުއްދަތުގައި އިންތިހާބު ނުބޭއްވޭނެ ކަމަށް އީސީން ވަނީ ބުނެފަ އެވެ. 

އީސީގެ ރައީސް އަހުމަދު ޝަރީފް ރޭ ވިދާޅުވީ ހާއްސަ ގާނޫނުގެ ތިން މާއްދާއަކަށް އިސްލާހު ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. 

އެގޮތުން ހާއްސަ ގާނޫނަށް އަމަލުކުރަން ފަށާތާ އެއް އަހަރު ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭ މާއްދާއަށް ބަދަލު ގެނެސް، އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމުގެ ބާރު އީސީއަށް ލިބޭ ގޮތަށް ބަދަލު ކުރުމާއި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އިންތިހާބު ބޭއްވުމުގެ ބާރު އީސީއަށް ލިބިދިނުމުގެ އިސްލާހު ހިމެނެ އެވެ.

މި އިސްލާހުތައް މި މަސް ނިމުމުގެ ކުރިން ގެންނަން ޖެހޭ ކަމަށާއި އެކަން ކުރެވެން އޮތީ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގެ ޖަލްސާއެއް ބާއްވައިގެން ކަމަށާއި އެހެން ނޫން ނަމަ، ރޯދައިގެ ކުރިން އިންތިހާބު ނުބޭއްވޭނެ ކަމަށް ޝަރީޕް ވަނީ ވިދާޅުވެފަ އެވެ.

އެހެންކަމުން ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބާއްވަން މަސައްކަތް ކުރަމުންދާ ކަމަށް ސުޕަ މެޖޯރިޓީ ލިބިފައިވާ އަދި ވެރިކަން ކުރާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މަޖިލީސް މެންބަރުން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް