"އެހޭ ހޮށް، މިވަރުން ފުދިއްޖެ" ނަމުގައި ކުޅުދުއްފުށީގައި މި ޖަލްސާ ބާއްވަނީ މިރޭ 08:45 ގައި ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފަ އެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނު މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން އަންނަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.
އެގޮތުން އެ ކޯލިޝަނުގައި ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ގެންދަވަނީ ކޮންމެ ދުވަހަކު ވެސް ނޫސްވެރިންގެ ބައްދަލުވުން ބާއްވަމުންނެވެ.
އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ހާއްސަ ޖަލްސާތައް ބާއްވަމުންދާކަން ފާހަގަކުރެވެ އެވެ. އެގޮތުން މިދިޔަ މަހު ފަހުކޮޅު އިދިކޮޅު ވަނީ "ޗަކުރޭ އަނިޔާ ހުއްޓޭލޭ" ގެ ނަމުގައި ޅ. ނައިފަރުގައި ވެސް ޖަލްސާ ބާއްވާފަ އެވެ.