ads
ރެދަން ލާފައި--
ހުޅުމާލޭ ބީޗުން ފެނުނު ހިޔަނިތައް!
ސާދަވިލޭރޭގެ ހަނދަކީ ހިތްތަކަށް އުފާވެރި ކަމާއި ހިތްހަމަޖެހުން ގެނެސްދޭ އެއްޗެކެވެ. އެހެން ނަމަވެސް ރޭގަނޑުގެ އެ ކޮކާ ހަނދުވަރުގައި އިންސީންގެ އިތުރުން ރޫހާނީ އެތައް މަހުލޫގެންނެއް ހިތްހަމަޖެހުމާއި އުފާ ހޯދުމުގައި އުޅެއެވެ. އެއީ އެންމެންނަށް ވެސް އިނގޭ ބޮޑު ސިއްރެކެވެ. ނަމަވެސް މަދު ބަޔަކަށް ނޫނީ އެފަދަ މަހުލޫގުން ފެނިފައެއް ނުވެއެވެ.

އަހަރެންނަށް ވެސް އެކަން ގަބޫލުކުރެވުނީ އަތުން ހިފާ ލޮލުން ފެނުނީމައެވެ. އެއީ އަހަރެންގެ މުޅި ދިރިއުޅުން ބަދަލުކޮށްލި ހާދިސާއެކެވެ. ހިތުގައި އަދިވެސް އެރޭގެ ބިރުވެރިކަން ވެއެވެ.

އެއީ މީގެ ދެ ހަފްތާއެއްހާ ދުވަހުގެ ކުރީގެ ވާހަކައެކެވެ. އަހަރެންގެ ލޯބިވެރިޔާ އަރީ ގޮވައިގެން ދަންވަރު ދުއްވަން ނިކުމެ އުޅުމަކީ އާންމު ކަމެކެވެ. މީހުން މަދު ހަމަހިމޭން ރޭގަނޑުގެ ހިތްގައިމު މާހައުލުގެ ފުރިހަމަ ބޭނުން އަހަރުމެން ދެމީހުން ހިފަމެވެ. ސައިކަލު ބުރު ޖެހުމުގެ އިތުރުން ހުޅުމާލޭގެ ހުދު ގޮނޑުދޮށުގައި ހިނގާލަން ވެސް ކޮންމެ ރެޔަކު ދަމެވެ. އެހެން އަހަރުމެން ދާތާ މިހާރު މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެދާނެއެވެ.

އެގޮތަށް ދިޔަ އެއް ރެޔެކެވެ. އެ ރެޔަކީ ސާދަވިލޭރޭގެ ހަނދު އޭގެ އެންމެ ފުރިހަމައަށް އުޑުގައި ބަބުޅަމުން ދިޔަ ރެޔެކެވެ. އަތާއަތް ޖޯޑު ކޮށްލައިގެން ރާޅުޖަހާ ހިސާބުގައި އަހަރުމެން ދިޔައީ ހިނގަމުންނެވެ. އެތައް ލޯބީގެ ހުވާތައް ކުރަމުންނެވެ. ތަނަށް ފުރިހަމަކަން ގެނެސްދިނީ ކަނޑުން ޖެހެމުން ދިޔަ މަޑު ފިނި ވައިންނެވެ.

ގޮނޑުދޮށުގައި ދެމީހުން އިށީނދެގެން އެކި ވާހަކަތަކުގައި ތިބީމެވެ. އަހަރެންގެ ނަޒަރު ހުއްޓިފައި ހުރީ އަރީގެ މޫނަށެވެ. އެހެން ހުރުމަށް ފަހު އަހަރެން ދުރު ބަލާލި ވަގުތު އަހަރުމެންނާ ދުރުގައި ރާޅުޖަހާ ހިސާބުން ހިޔަންޏެއް ފެނުނުހެން އަހަރެންނަށް ހީވިއެވެ. ނަމަވެސް ލޯ މަރާލާފައި ދެން ހުޅުވިއުރު އެތާކު އެއްވެސް އެއްޗެއް ނެތެވެ. އެއީ އަހަރެންގެ ވަހުމް ކަމަށް ހީކޮށް އެހާ ބޮޑު ސަމާލުކަމެއް ނުދެމެވެ.

ނަމަވެސް ދެން އަހަރެންނަށް ފެނުނީ އުދަރެހުން އަލިގަނޑެކެވެ. އަހަރެންގެ ހިތަށް ބިރުވެރިކަން ވަނެވެ. ކަރުގައި ނޭވާ ތާށިވިއެވެ. އެ އަލިގަނޑާ އެއްކޮށް ބައިވަރު ހިޔަނިތަކެއް އަހަރުމެންނާ ދިމާލަށް އަންނަމުން ދިޔައެވެ. އަހަރެން އަރީގެ އަތުގައި ހިފައި ބާރަށް އޭނާ ދަމަމުން އެތަނުން ދިޔައީމެވެ. އޭނާ ހުރީ ވާނުވާ ގައެވެ. އަހަރެން ބަހެއްވެސް ނުބުނަމެވެ. އޭނާ ބިރުގަނެދާނެތީއެވެ.

އަވަހަށް ގޮސް ސައިކަލަށް އަރާ އަހަރެން ފަހަތް ބަލާލީމެވެ. އޭރު މަގުގައި ލޮލުކޮޅަށް ހިޔަނިތަކެއް ބަރިބަރިޔަށް ތިއްބެވެ. އަވަސް އަވަހަށް ސައިކަލު ސްޓާޓް ކޮށްލުމަށް ފަހު އަހަރެން މާލެ ދިޔައީމެވެ. އޭރު އަރީ ދިޔައީ ސުވާލަކަށް ފަހު ސުވާލެއް އަހަރެންނާ ކުރަމުންނެވެ. އަހަރެން އޭނާއަށް ވެގެން އުޅޭ ގޮތް ކިޔައިދިނީމެވެ. އޭނާގެ އަނގަ ވަގުތުން ބަންދުވިއެވެ.

އޭނާ ގެޔަށް ލުމަށް ފަހު އަވަހަށް އަހަރެން ގެޔަށް ގޮސް ރުގިޔާގެ ކަންކަމުގައި އުޅޭ އަހަރެންގެ ރަހުމަތްތެރިޔަކަށް ގުޅީމެވެ. އޭނާ އައިސް އަހަރެންނަށް ފެން ކިޔަވާފައި ބޯންދިނެވެ. އޭރު މީހާ ހުރީ ހުން އައިސްގެން ފިހޭ ވަރުވެފައެވެ.

އެރޭ އަހަރެން ނިދީ ނަމާދުކޮށް ގުރުއާން ކިޔަވައިގެންނެވެ. ނަސީބަކުން ފަހުން އެކަހަލަ އެއްޗަކާ ދިމައެއް ނުވެއެވެ. އަހަރެން ދަންވަރު ގަޑީގައި ހުޅުމާލެ ގޮނޑުދޮށައް ދިޔުން ވެސް ހުއްޓާލީމެވެ. 

26%
ކަމުގޮސްފި
18%
އަޑުއެހިތާ މިހުރީ
18%
ސަތޭކައަކުން ސުމެއް
38%
ވަރަށް ސަލާމް
ކޮމެންޓްސް