ads
އިރު އަރާ މަންޒަރު ބަލަން ތިބި ދެ ލޯބިވެރިން---
ލޯބިވެވުމުން ކުރެވެނީ ކޮންކަހަލަ އިހުސާސްތަކެއް؟
ބައެއް ފަހަރު ހިތުގައި އެކިކަހަލަ ޝުއޫރުތަކާއި ހިޔާލުތައް އުފެދެ އެވެ. މޮޅިވެރިކަމާއި ހިތާމަ އާއި ރުޅިވެރިކަން ފަދަ ބައިވަރު އިހުސާސްތައް ހަށިގަނޑުގެ އެތައް ގުނަވަނެއްގައި އުފެދެ އެވެ. އެފަދަ އިހުސާސްތައް އުފެދުމުން ހަށިގަނޑަށާއި މީހާއަށް ނަފްސާނީ ގޮތުން ތަފާތު ބަދަލުތައް އާދެއެވެ. ހަމަ އެފަދައިން ލޯބި ވެވުމުން ކުރެވެނީ ކޮންކަހަލަ އިހުސާސްތަކެއް ހެއްޔެވެ؟
Advertisement

ލޯތްބަކީ އޭގައި ވަރަށް ފުން މާނައެއް އެކުލެވޭ ބަހެކެވެ. ދުލު ކުރީގަ އާއި ގަލަމުން ބަސްތައް އަމުނައިގެންވެސް، ލޯބިވެވުމުން ކުރެވޭ އިހުސާސްތައް ބަޔާންކުރަން ދައްޗެވެ. ބައެއް މީހުން ލޯބީގެ ވާހަކަ ދައްކާތީ ކޮށި އަރާތީވެސް އުޅެ އެވެ. އަދި އަނެއްބައި މީހުންގެ ދޫ ބަންދުވެ، ގަލަމުން ދެލި ނާންނަ ހިސާބަށްވެސްދެ އެވެ. ހަމަ ނިދި ނުލިބުމާއި، ރަނގަޅަށް ނުކެވުމާއި، ހިޔާލީ ވިސްނުންތަކުގައި މުޅި ދުވަސް ހޭދަކުރަންޖެހޭ ފަހަރުވެސް އާދެ އެވެ.

ހަގީގީ ލޯބިވެވިއްޖެ ކަމަށް ވާނަމަ، އެ ލޯބިވެވުނު މީހާ އާއި ދޭތެރޭ ވިސްނެއެވެ. ހިޔާލު ކުރެވެ އެވެ. އޭނާ އަށް ކަމުދާނީ ކޮންކަހަލަ މަންޒަރުތަކެއްކަމާއި، ކޮންކަހަލަ ކަންތައްތަކެއް ކަމާއި މެދު ވިސްނައި އޭނާ ބޭނުންވާ ގޮތަށް ބަދަލުވުމަށް މަސައްކަތްކުރެވެ އެވެ.

ލޯބިވެވުނު މީހާ ހަމަލޮލަށް ފެނުމާއި އެކީ ބައެއް ފަހަރު އަތާ ފައިން ވާގި ދޫވެ، އަތް ފައި ފިނިވެ އެވެ. ހިތުގެ ވިންދު އަވަސްވެ، ދާހިއްލަ އެވެ. އަދި މާބޮޑަށް އޭނާ އާއި ދޭތެރޭ ވިސްނެން ފަށައި، ހަށިގަނޑު ތުރުތުރު އަޅައި، މޫނު މައްޗަށް ޖަމްބު ކުލަވަރު އަރައެވެ.

ލޯބިވެވުމުން ތިމާއަށް ލޯބިވެވުނު މީހާ އުފަލުގައި ބަހައްޓަން ކޮންމެ ފަދަ މަސައްކަތެއްވެސް ކުރާނެ އެވެ. އެގޮތުން ތިމާގެ އުފަލަށް ވުރެ، ލޯބިވެވުނު މީހާގެ އުފަލަށްޓަކައި ކޮންމެ ފަދަ މަސައްކަތެއްވެސް ގިނަ މީހުން ކުރާނެ އެވެ. ތަފާތު ގުރުބާނީތައް ވާނެ އެވެ. އެގޮތުން އޭނާ އަށް ވަގުތު ދިނުމަށްޓަކައި ވަގުތު ހުސްކުރާނެ އެވެ.

ކޮންމެއަކަސް ލޯބިވެވުމަކީ ބަޔާންކުރަން ދަތި އިހުސާސްތައް ކުރުވައިދޭ ކަމެކެވެ. ތިމާއަށް ލޯބިވެވުމުން ކުރެވެނީ ކޮންފަދަ އިހުސާސްތަކެއް ހެއްޔެވެ؟

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
29%
ސަތޭކައަކުން ސުމެއް
71%
ވަރަށް ސަލާމް
ކޮމެންޓްސް