ads
ހުކުރު ހުތުބާގެ ތެރެއިން-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އިސްލާމް ދީނަކީ އިލްމުގެ ދީން: ހުތުބާ
އިސްލާމް ދީނަކީ އިލްމުގެ ދީން ކަމަށާއި، އިސްލާމީ ރިސާލަތު ފެށުނީ ކިޔެވުމަށް ކުރެއްވި އަމުރުފުޅުން ކަމަށް މިއަދުގެ ހުތުބާގައި ބުނެފިއެވެ.

އެގޮތުން ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުމާ ކުރިމަތިލާފައިވާއިރު، ކޮވިޑާއި ގުޅިގެން މިދިޔަ އަހަރުގެ ކިޔެވުން ކުރިއަށް ގެންގޮސްފައިވަނީ އެފަދަ ހާލަތެއްގައި އުނގެނުމުގެ ކަންކަން ކުރިއަށް ގެންދެވެން އޮތް އެންމެ ފުރިހަމަ ގޮތަށް ކަމަށް ބުނެފައިވެއެވެ. އަދި ކޮވިޑްގެ މިހާލަތުގައިވެސް ތައުލީމު ހާސިލު ކުރުމަށް އާ އަޒުމަކާއެކު ދިރާސީ އަހަރުގެ ދެވަނަ ޓާމަށް މަރުހަބާ ކިޔުމަށް ތައްޔާރުވެފައި ވާކަން ހުތުބާގައި ފާހަގަ ކޮށްފައިވެއެވެ.

ވޭތުވެ ދިޔަ އަހަރު މުޅި ދުނިޔެ ތަހައްމަލު ކުރަމުން ދިޔަ ބަލިމަޑުކަމުގެ ހާލަތު އަދިވެސް ހަމައަކަށް ނޭޅޭކަން ހުތުބާގައި ފާހަގަ ކޮށްފައިވެއެވެ. އަދި ދަރިވަރުންނާއި ބެލެނިވެރިންވެސް ސާފުތާހިރުކަމާއި، ގައިދުރުކަމާއި، މާސްކު އެޅުމާއި، ސިއްހީ ދާއިރާއިން އަންގާ އެންގުންތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ސަމާލުވާން ޖެހޭނެކަމަށް ހުތުބާގައިވެއެވެ.

ދަރިން ސްކޫލަށް ފޮނުވަނީ ސްކޫލުތަކުގެ ވެރިންނާއި މުދައްރިސުންނަށް ފުރިހަމައަށް އިތުބާރު ކޮށްފައި ކަމަށްވުމުން، ދަރިވަރުންގެ އުނގެނުމާއި، އަހުލާގާއި، ރައްކާތެރިކަމަށް އިހަށް ވުރެ ބޮޑަށް މިއަދު މުދައްރިސުން ސަމާލުކަން ދޭން ޖެހޭ ކަމަށް ހުތުބާގައި ބުނެއެވެ.

މީގެ އިތުރުން އިސްލާމީ ރިސާލަތު ފެށިގެން އައީ ކިޔެވުމަށް ކުރެއްވި އަމުރުފުޅަކުން ކަމަށާއި އިސްލާމް ދީނަކީ އިލްމުގެ ދީން ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އަދި މާތް ﷲ ގެ އަމުރުފުޅާއި އެއްގޮތަށް މާތް ނަބިއްޔާ އިސްލާމީ މުޖުތަމައުގައި ތައުލީމު ފެތުރުއްވުމަށާއި، މުސްލިމުންގެ ދަރިންނަށް ކިޔަވައިދެއްވުމަށް ވަރަށް ހާއްސަ އިސްކަމެއް ދެއްވި ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

މިކަމުގެ ނަތީޖާއެއްގެ ގޮތުން ހޭލުންތެރި، އިލްމުވެރި އަދި އުފެއްދުންތެރި މުޖުތަމައުއެއް އުފަންވި ކަމަށް ހުތުބާގައި ފާހަކަ ކޮށްފައިވެއެވެ. އަދި މާތް ނަބިއްޔާ އިންދެވި އުނގެނުމުގެ އޮށްތަކުން ފެޅި ގަސްތައް ބިޔަވެ، މުޅި ދުނިޔެއަށް ފެތުރުނު އިލްމުގެ އަލިކަމުން ދުނިޔެ އާއި އާހުތަރުގެ ބާއްޖަވެރިކަމަށް މަގުދައްކުވައިދިން ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން އިލްމުތަކުގެ ތެރެއިން އެންމެ ޝަރަފުވެރި އިލްމަކީ ޝަރުއީ އިލްމުކަން ހުތުބާގައި ފާހަގަ ކޮށްފައިވެއެވެ. އަދި އަހަރެމެންގެ ދިރިއުޅުމަށް މަންފާ ކުރުވަނިވި، އަދި އަހަރެމެންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތު އަދާ ކުރުމަށް ދުނިޔަވީ ތަފާތު އިލްމުތަކުގައި ކުރިއަރާ ދިއުމަކީ އިސްލާމް ދީން އަމުރުކުރާ ކަމެއްގެ ގޮތުގައި ފާހަގަ ކޮށްފައިވެއެވެ.

މިފެށޭ ޓާމުގައި ދަރިވަރުން އިލްމީ ރޮނގުން ކުރިއެރުމާއި ތަރައްގީ ލިބޭތޯ މަސައްކަތް ކުރުމަށް އަޒުމް ކަނޑައެޅުމަށް ހުތުބާގައި އިރުޝާދު ދީފައިވެއެވެ. އަދި އިތުރި ހަރަކާތްތަކިން މުޅި މާހައުލަށް ދިރުން ގެނެސްދީ، އަމަލީ މައިދާނަށް ނިކުތުމަށް ދަރިވަރުންނަށް އިރުޝާދުދީފައިވެއެވެ.

ހަމައެއާއެކު ދަރިވަރުންނަށްޓަކާ މައިންބަފައިންނާއި ދައުލަތުން ކުރާ ހޭދައާއި، ތަނަވަސްކޮށްދީފައިވާ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ހުތުބާގައި ބުނެފައިވެއެވެ. އަދި ދަރިން ތަރުބިއްޔަތުކޮށް، އިސްލާމް ދީނާއި ގައުމަށް ވަފާތެރިބަޔަކަށް ދަރިން ހެދުމުގައި މުދައްރިސުން ބޮޑު ދައުރެއް އަދާ ކުރާ ކަމަށާއި، މި މަސައްކަތް ކުރެވޭނީ މުދައްރިސުން ކެތްތެރިކަމާއި ހިކުމަތްތެރިކަމާއެކު އަމިއްލަ މަސްއޫލިއްޔަތު އަދާ ކޮށްގެން ކަމަށް ބުނެފައިވެއެވެ.

އަހަރެމެންގެ ދަރިންނަށް އަދަބާއި އަހުލާގު އުނގަންނައި ދިނުމަކީ ގައުމުގެ ބިންގާ ހަރުދަނާ ކުރުމަށް އެޅޭ ބޮޑު ބާރެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އަދި ދެދުނިޔޭގެ ކާމިޔާބީ އާއި ފަލާހު ލިބެނިވި ގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމަށް އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާކަން ފާހަގަ ކުރައްވާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް