ads
ފޮޓޯ: ނައުޝަމް ވަހީދު--
ނައުޝަމްގެ ފޮޓޯގަނޑަކުން ބެއްޔާ އާއި ދޮންމަރިޔަމްގެ ލޯބި!
ފޭސްބުކް ސްކްރޯލް ކުރަމުންދަނިކޮށް ލޮލުގައި އަޅައިގަތް ފޮޓޯގަނޑެކެވެ. ފޮޓޯގްރާފަރު ނައުޝަމް ވަހީދު ސޯޝަލް މީޑިއާއަށް ދޫކޮށްލާއިވާ މި ފޮޓޯގެ ކެޕްޝަން އެ ފޮޓޯގަނޑުހާ އަސަރުގަދަ އެވެ. ފެނިގެން ދިޔައީ "ލޯބި" މި ލަފުޒު ގަބޫލުނުކުރާ މީހުންނަށް ވެސް މިއީ ހަމަ ހަގީގަތުގައި ވެސް ލޯބި ވާހަކައަކަށް ވެގެން ޝެއާކުރި މަންޒަރެވެ.

މި ވާހަކަ އެންމެ ހާއްސަވާ ކަމަކީ އުމުރުން 95 އަހަރުވެފައިވާ ފިރިމީހާގެ ސިކުނޑީގެ މައްސަލައެއް ދިމާވެ ހަނދާނުގައި އެއްވެސް ކަމެއް ނެތްއިރުވެސް އަނބިމީހާ، އޭނާއަށްޓަކައި ވަމުން އަންނަ ގުރުބާނީ އެވެ. ޝަކުވާއެއް، ފޫހިކަމެއް ވެސް ނެތި އެވެ. 

އުމުރުން ދުވަސްވީ އެތައް ބަޔަކާއި ދިމާވެފައިވާ ނައުޝަމް ބުނާގޮތުންނަމަ މީގެ ކުރިން މިހާ ލޯބި ބަޔަކު ދިމައެއް ނުވެ އެވެ. ކިތަންމެ ދުވަސްވެފައި ތިއްބަސް، ނައުޝަމްގެ ކެމެރާއަށް އެމީހުން އެރީ، ލޯތްބާއި އޯގާތެރިކަން އިންތިހާއަށް ފެނުމުންނެވެ. 

މި ދެމަފިރިންގެ ކައިވެންޏަށް 50 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. ދެމަފިރިންގެ މެދުގައި އުމުރުގެ ތަފާތުކަން ވެސް އިންތިހާއަށް ބޮޑެވެ. ފިރިހެން މީހާއަށް 95 އަހަރުވީއިރު އަންހެން މީހާގެ އުމުރަކީ 64 އަހަރެވެ. 

ނައުޝަމް މިވާހަކަ ހިއްސާކުރަމުން ބުނީ، މީގެ ހަތް އަހަރުކުރިން ފިރިހެން މީހާގެ ސިކުނޑިއަށް ލިބުނު ގެއްލުމެއްގައި ހަނދާންތައް ގެއްލިފައިވާ ކަމަށެވެ. އަދި ވާހަކަ ވެސް ނުދެއްކޭ ކަމަށެވެ. އެކަމަކު ފިރިމީހާގެ ހަޔާތް ބަނަކޮށްލި މިދަނޑިވަޅުގައި ވެސް ދެގޮތެއް ނުވެ ހުރީ އޭނާގެ އަނބިމީހާ އެވެ. ކާންދީ ފެންވަރުވާއި، ސާފުކުރަނީ ވެސް އޭނާ އެވެ. 

އަންހެން މީހާ، ނައުޝަމް ކައިރީ ބުނެފައިވާ ގޮތުންނަމަ، އެއީ އަންހެން މީހާގެ ފުރަތަމަ ކައިވެންޏެވެ. ނަމަވެސް އޭނާއާ ދިމާވުމުގެ ކުރިން ފިރިހެން މީހާ 50 އަށް ވުރެ ގިނަ މީހުންނާ ކައިވެނިކޮށްފައިވެ އެވެ. އަދި އެ ދެމީހުންގެ ކައިވެނީގެ ދިގު 50 އަހަރުގެ ތެރޭގައި ހަތް ފަހަރެއްގެ މަތިން ވަރިވި އެވެ. ނަމަވެސް އަށް ވަނަ ފަހަރަށް ދެ މީހުން ކައިވެނިކޮށްގެން އުޅެމުން އަންނައިރު އެމީހުން ވަކިނުވެ، ތިބީ ހިތުގައި އޮތް ލޯތްބެއްގެ ބޮޑުކަމުން ކަމަށް ބުނެ އެވެ.

މި ދުވަސްވީ ދެމަފިރިންގެ ވާހަކަ ހިއްސާކޮށް ނިންމާލަމުން ނައުޝަމް ވަނީ އަންހެން މީހާ، އޭނާ ކައިރީ ބުނި އަސަރުގަދަ ބަސްކޮޅެއް ވެސް ހިއްސާކޮށްފަ އެވެ. 

"މިއަދު، އޭނާ ހަނދާނަކު ނެތް އަހަރެންމީ ކާކުކަމެއް. އަހަރެމެން ދެމީހުން އެކުގައި އުޅުން ދުވަސްތަކެއް ހަނދާނެއް ނެތް. އެކަމަކު އަހަރެން އޭނާ ދެކެވާ ލޯތްބަށް ކުޑަވެސް ބަދަލެއް ނާދެ،"

އެ ދެމަފިރިންގެ މި ވާހަކަ، ސޯޝަލް މީޑިއާގައި އިސާހިތަކު ވައިރަލްވީ، މިއީ މިޒަމާނުގައި އާންމުކޮށް ފެންނާނެ މަންޒަރަކަށް ނުވާތީ އެވެ. 

93%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
7%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް