ads
ވީޑިއޯ ރިޕޯޓް-
އުސޫލުތައް ކިޔައިދޭތާ އަހަރެއް، ވާ ކަމެއް ނެތް!
ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަކީ މީހަކަށް ނޭނގޭނެ ކަމެއް ނޫނެވެ. އަދި އާ ކަމެއް ވެސް ނޫނެވެ. ނަމަވެސް ހިތާމައަކީ ކޮވިޑްގެ ބަލިމަޑުކަމުގައި އުޅޭތާ އަހަރެއް ވާއިރު ވެސް، މި އުސޫލުތަކާއި އެއްގޮތަށް އަމަލު ކުރަން ދަސްނުވާތީ އެވެ.

ކޮވިޑްގެ މި ބަލިމަޑުކަމުގެ ސަބަބުން، އަދި މާލޭގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތުމުގެ ސަބަބުން، މާލެ އަދިވެސް ލޮކްޑައުންގައި އޮތް ކަހަލަ އެވެ. މީގެ ކުރިން ގިނަ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އެޅި ނަމަވެސް، މިދިޔަ އަހަރުގެ ފަހު ކޮޅު ސަރުކާރުން ވަނީ ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑުތަނުން ލުއި ދީފައެވެ.

މިއާއެކު މާލެއިން އެހެން ރަށްރަށަށް ދަތުރުކުރާ މީހުންނަށް ވެސް ބޮޑެތި ލުއިތަކެއް ދީފައިވެއެވެ. އެގޮތުން ވަކި ހިދުމަތެއް ދިނުމަށް، ނުވަތަ ވަކި މަސައްކަތެއް ކުރުމަށް ކުރު މުއްދަތަކަށް އެހެން ރަށްރަށަށް ދާ މީހުންނަށް ކަރަންޓީނު ވުމެއް ނެތި ދަތުރު ކުރެވޭ ގޮތް ހަމަޖެއްސިއެވެ. އަދި މާލެއިން ރަށްރަށަށް ދަތުރު ކުރާ މީހުންގެ ކަރަންޓީނުގެ މުއްދަތު 14 ދުވަހުން 10 ދުވަހަށް ކުޑަ ކުރެވިގެން ދިޔައެވެ.

ނަމަވެސް އަދިވެސް މީހުން ކަރަންޓީނު އުސޫލުތަކާއި ހިލާފުވާކަމީ ހިތާމަ ހުރި ކަމެކެވެ. އެންމެ ފަހުން ވެސް އިވުނު ހަބަރަކީ ތ. ބުރުނީގައި ކަރަންޓީނުގައި ހުރި މީހަކު، ކަރަންޓީނު އުސޫލުތަކާ ހިލާފުވެ، ކަރަންޓީނުވި ގެއިން ބޭރުގައި އުޅޭ ވާހަކައެވެ. އަދި އެކަމާ ގުޅިގެން އެރަށަށް ފުލުހުން ދިޔަ ކަމުގެ ވާހަކައެކެވެ.

ފާއިތުވި ހަފްތާގައި ވެސް ވަނީ މާލެއިން ގއ. ނިލަންދޫއަށް ކަރަންޓީނުވާން ދިޔަ މީހަކު ގއ. މާމެންދޫއަށް ފޭބި މައްސަލައެއް ފެންމަތިވެފައެވެ. މި ހާދިސާގައި އެ މީހާ މާމެންދޫއަށް ފައިބާފައިވަނީ ފިހާރައަކަށް ވަނުމަށެވެ. ނަމަވެސް އޭނާ އައި ބޯޓު ފުރުމާއެކު އޭނާ މާމެންދޫގައި ތާށިވީއެވެ. އަދި އެމީހާ ކައުންސިލަށް ދިއުމުން ކައުންސިލުން ވަނީ އޭނާ ފުލުހުންނާ ހަވާލުކޮށްފައެވެ.

ފުލުހުން އޭނާ ޖޫރިމަނާ ކުރުމަށް ފަހު އަލުން ކައުންސިލާ ހަވާލުކުރި ނަމަވެސް، މާމެންދޫ ކައުންސިލުން ވަނީ މިކަން ދޮގު ކޮށްފައެވެ. އަދި ފުލުހުން އެމީހާ ކައުންސިލް ގޯތި ތެރެއަށް ދޫކޮށްލީ ކަމަށާއި، އެމީހާގެ އަމިއްލަ މާލީ ތަނަވަސް ކަމެއް ނެތުމުން އަދި ކައުންސިލްގެ ވެސް މާލީ ތަނަވަސްކަމެއް ނެތުމުން އެ މީހާ ކަރަންޓީނުވާނެ އިންތިޒާމު ހަމަޖެހޭ ގޮތް ނުވީ ކަމަށް މާމެންދޫ ކައުންސިލުން ބުނެފައިވެއެވެ. ފުލުހުންގެ އެހީ އާއެކު އެމީހާ ނިލަންދޫއަށް ގެންގޮސްފައިވަނީ އެ ރަށު ރައްޔިތުން ނިކުމެ، ކައުންސިލް ކައިރީ އަޑުގަދަކުރުމުގެ ސަބަބުންނެވެ.

ނަަމަވެސް މިއީ އެއްވެސް ހާލެއްގައި ހިނގައިގެން ވާނެ ކަމެއް ނޫނެވެ. ކޮވިޑާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން، މާލެއިން ނުވަތަ ކޮމިއުނިޓީ ސްޕްރެޑް އޮތް ތަނަކުން ބަލި ނެތް ތަނަކަށް ނުވަތަ ރަށްރަށަށް ދާނަމަ، "ހާލުބެލުން" ޕޯޓަލް މެދުވެރިކޮށް އެޗްޕީއޭއިން ހުއްދަ ހޯދަން ޖެހެއެވެ. އަދި އެ ރަށަކަށް ގޮސް ދިހަ ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރުމަށް ފަހު ކޮވިޑަށް ޓެސްޓު ކުރަން ޖެހެއެވެ. ނަމަވެސް މާމެންދޫގައި ހިނގި މި ހާދިސާގައި މިފަދައިން ވެފައެއް ނެތެވެ. އޭނާ މާމެންދޫއަށް އެރީ ނަގަން ޖެހޭ އެއްވެސް ހުއްދައެއް ނެތިއެވެ. 

ބުރުނީގައި ހިނގި ހާދިސާގައި ހިމެނޭ މީހާ އަދި މާމެންދޫގައި ހިނގި ހާދިސާގައި ހިމެނޭ މީހާ ވެސް އަމަލު ކުރީ އާންމު ރައްޔިތުން ނުރައްކަލަށް ހުށަހެޅޭނެ ފަދަ ގޮތަކަށެވެ. އެ ދެ ރަށުގައި ވެސް ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްދާނެ ފަދަ ގޮތަކަށެވެ. މުޅި ދުނިޔެއިން ވެސް އަލަށް ފެނުނު ބަލިމަޑުކަމަކާ ހަނގުރާމަ ކުރަމުން އަންނަ ވަގުތު، އަމިއްލަ ނަފްސުގެ އިތުރުން އެހެން މީހުންނާ މެދު ވިސްނާލުން މުހިއްމެވެ.

ސަރުކާރުން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަކީ ރައްޔިތުންނަށް ޖެއްސުމަށް އަޅާ ފިޔަވަޅުތަކެއް ނޫނެވެ. ނަމަވެސް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތަކެކެވެ. މި ފިޔަވަޅުތަކަށް ބޯ ލަނބާ ކިޔަމަންވުމީ އެންމެންގެ ރައްކާތެރިކަމަށް، އަދި މި ބަލިމަޑު ކަމުން އަރައިގަތުމަށް މުހިއްމު ކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް