ads
ކޮވިޑް ރާއްޖެއިން ފެނުމުގެ ކުރިން ތައްޔާރުވުމުގެ ގޮތުން މާލޭގައި ބޭއްވި ޑްރިލްއެއް-
މާސްކު އެޅުން މަޖުބޫރު ނޫނީތަ؟
ހަވީރު ގަޑީގައި ސައިކަލުގައި ނިކުތީ ކުޑަކޮށް ހިތްހަމަ ޖައްސާލުމަށެވެ. ސޯޝަލް ސެންޓަރާ ދިމާލުން މަޖިދީ މަގަށް ނިކުތް ވަގުތު ފެނިގެން ދިޔައީ މުޅިން ތަފާތު މަންޒަރެކެވެ. ފުރަތަމަ ވެސް ހިތަށް އެރީ މާސްކު އެޅުން މިހާރު މަޖުބޫރު ނޫނީ ބާއެވެ.

ސޯޝަލް ސެންޓަރާ ދިމާލުން މަޖީދީ މަގު ހުރި ގޮތަށް އެއްގަމަށް އަރާއިރު އެތާ ކަންމައްޗަކަށް އިން ރެސްޓޯރަންޓުން ޕޮޕްކޯނު ގަނެގެން ދިޔަ ކުޑަ އާއިލާއެކެވެ. ބަލާބެލުމަށް މަންމައަކާ ތިން ކުދިންނެވެ. ފެންނަ ފެނުމަށް އެތަނުން އެއްވެސް ކުއްޖަކީ ދެ އަހަރުން ދަށުގެ ކުއްޖެއްހެނެއް ހިއެއް ނުވެއެވެ. ނަމަވެސް އެ ކުދިންނާއި އެ ކުދިންގެ މަންމަ އަތުގައިވެސް މާސްކެއް ނެތެވެ. ފަހަރުގައި ދަބަހަށްލާފައި ފޮރުވާފައި އޮތުމީ އެކަށޭނަ ކަމެކެވެ. 

ކުޑަކޮށް ކުރިއަށް ދިޔައިރު ކަންމައްޗަކަށް ވާ ގޮތަށް ސިނގިރޭޓު ޖަހާލައިގެން ތިބި ދެތިން ޒުވާނުންނެވެ. އެއްބަޔަކު ސައިކަލު މަތީ، އަނެއް ބަޔަކު ކޮޅަށް ތިބި އިރު އެންމެ މީހެއްގެވެސް މާސްކެއް ނެތެވެ. ކުޑަމިނުން ގައިދުރު ކަމެއްވެސް ނެތީއެވެ. ނަމަވެސް އެއް ބަބުލްއެއްގެ ބައެއް ކަމަށް ވުމީ ވެދާނެ ކަމެކެވެ.

ދެން ލޮލުގައި އަޅައިގަތީ ސައިކަލުގައި ދިޔަ ދެ ޒުވާނުންނެވެ. ހަމަ މާސްކެއް ނެތެވެ. އެފަދަ އެތައް ބަޔަކު ލޮލުގައި އަޅައިގަތެވެ. މާސްކު އަޅައިގެން ތިބި މީހުންގެ ތެރެއިންވެސް ފެނުނީ ގިނައިން ދަތްދޮޅީގައި މާސްކު އަޅުވައިގެން ތިބި މީހުންނެވެ. ގައިމު މިއީ މާސްކު އެޅުން މަޖުބޫރު ތަނެއްގެ ހާލަތު އޮންނަންވީ ގޮތެއް ނޫނެވެ.

ތަކުރާރުކޮށް ފަރުދީ ޒިންމާގެ ވާހަކަ ދައްކާއިރު، ކޮންމެ މީހެއްގެވެސް ބަބުލްގައި ހިމެނޭ ހައި ރިސްކު މީހުންނާއި ކުޑަކުދިންގެ ރައްކާތެރިކަމުގެ ވާހަކަ ދައްކާއިރު، ފެނިގެން ދަނީ ޒިންމާދާރު ކުޑަ އަމަލުތަކެކެވެ. ކޮވިޑްގެ ކޭސްތައް މިދޭތެރެއިން މަދުވި ނަމަވެސް، މިއީ ކޮވިޑްގެ އިތުރު ރާޅެއް އައުމުގެ ފުރުސަތު ބޮޑުކަން ގަބޫލުކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަކީ ކޮންމެ މީހަކު އަމިއްލައަށް ކުރަންވީ ކަމެކެވެ.

ގަބޫލުކުރަން ޖެހޭ ހަގީގަތަކީ، ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ، ބޭރުން އަންނަ މީހުން ރާއްޖެއަށް ގެންނަ ލާރިން ފުއްދައިގެން އުޅެންޖެހޭ ބައެއް ކަމެވެ. ކޮވިޑްގެ އާ ވޭރިއަންޓެއް ދުނިޔޭގެ އެކި ގައުމުތަކަށް ފެތުރިފައިވާއިރު، ފަރުވާ ކުޑަވުމުގެ ސަބަބުން އިތުރު ލޮކްޑަައުންއަކަށް ދިއުމީ ދިވެހިންނަށް އަދި ރާއްޖޭގެ އިގުތިސާދަށް ވެސް އުފުލޭނެ ބުރައެއް ނޫނެވެ. 

އުސޫލުތަކަށް ތަބާވުން ނޫން ގޮތެއް ނެތެވެ. މާސްކު އަޅައިން އުޅުމަކީ ކިތަންމެ ބޮޑު ތަކުލީފެއް ނަމަވެސް، މިއަދު މިވަނީ މި ތަކުލީފަށްވެސް ހޭނެން ޖެހިފައެވެ. ސިއްހީ ދާއިރާއާއި ފްރަންޓުލައިނުގެ މަސައްކަތްތެރިން އަށްގަޑިއިރަށް ވުރެ ގިނައިރު ޕީޕީއީ ލައިގެން އުޅޭއިރު، އެއާ ބަލާފައި މާސްކު އަޅައިގެން ކުޑަ ވަގުތުކޮޅެއް އުޅުމީ އަޅާ ކިޔޭނޭ ދެކަމެއް ނޫނެވެ. އަހަރެމެން ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން އުޅުމީ، އެމީހުން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުން ކަމަށް ބެލެވެއެވެ. ނަމަވެސް ފަރުވާކުޑަކޮށް، އެކަމުން ބަލި އިތުރަށް ފެތުރިގެން ދާދިއުމަކީ، ސިއްހީ ދާއިރާއާއި ފްރަންޓުލައިނުގެ މަސައްކަތްތެރިންނަށް ޖެއްސޭ އިތުރު ތަކުލީފެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް