ads
ފައުޒާން-
ފައުޒާންގެ ގުރުބާނީއިން ގައުމު ރޮއްވާލައިފި: ރައީސް
އިއްޔެ ފުވައްމުލަކު ސިޓީގައި މޫދަށް އެރި އުޅެނިކޮށް މަރުވި އަހްމަދު ފައުޒާން ހަސަންގެ ގުރުބާނީއިން ގައުމު ރޮއްވާލައިފި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އުމުރުން 17 އަހަރުގެ ފައުޒާން މަރުވީ ގެނބިގެން އުޅުނު ކުދިންތަކެއް ސަލާމަތް ކުރަން ގަދަ އޮއިވަރުގެ ތެރެއަށް ފުންމާލައިގެން އުޅުމުގެ ތެރޭގަ އެވެ. ފައުޒާން ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ މޫދު އަޑިންނެވެ. އޭނާ މަރުވީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. 

ފައުޒާނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކޮށްދެއްވުން އެދި ދުއާ ކުރައްވަމުން ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ފައުޒާނަށް ތައުރީފު ކުރައްވާފަ އެވެ.

"އަހްމަދު ފައުޒާން އަޅުގަނޑުމެންނާ ވަކިވެގެން އެ ދިޔައީ ހިތްވަރު ގަދަ ކަމުގެ ލާމަސީލު ނަމޫނާ ދައްކުވައިދީފައި. އޭނާގެ އެ ގުރުބާނީން ގައުމު ރޮއްވައިލާފައި. އަޅުގަނޑުގެ ދުއާއަކީ ފައުޒާނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކޮށްދެއްވުން،" ރައީސް ވިދާޅުވި އެވެ.

އިއްޔެ ހަވީރު ފުވައްމުލަކުގައި ހިނގި މި ހާދިސާގައި ގެނބުނު ކުދިން ސަލާމަތްކޮށް ސަލާމަތުގެ އައްސޭރިއަށް ފައުޒާން މިސްރާބު ޖެހިތަނާހެން އޭނާ މޫދުގެ ތެރެއަށް ގަނބުވާލީ ނެގި ބޮޑު ރާޅަކުން ކަމަށް ވެއެވެ. 

ފައުޒާނުގެ މަރާއެކު އެތައް ބަޔަކަށް ފުން އަސަރުތަކެއް ކޮށްފައި ވާއިރު، ސޯޝަލް މީޑިއާގައި މީހުން ދަނީ ހިތާމަފާޅުކުރަމުންނެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް