ads
ޕީޖީ ހުސައިން ޝަމީމް-- ފޮޓޯ: ސީއެންއެމް
ޕީޖީ ޝަމީމްގެ ގަލަމުން: ތަހުގީގުގައި ހަނު ހުރެވޭނެ ހާލަތްތައް
ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ހަނު ހުރުމުގެ ހައްގަކީ ކޮންމެ މީހަކަށް ވެސް ލިބިގެންވާ ހައްގެކެވެ. ނަމަވެސް މި ހައްގުގެ ބޭނުން ކުރުމުގެ މާނައަކީ އަމިއްލަ ނަފުސާ ދެކޮޅަށް ހުރި ހެކި ހާމަނުކޮށް، ހަނުހުރުން ނޫން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއެވެ.

ޕީޖީ ޝަމީމްގެ އަމިއްލަ ބްލޮގްގައި އިއްޔެ ޝާއިއު ކުރެއްވި ލިޔުމެއްގައި ބުނެފައިވަނީ "ޖިނާއީ ކުށެއްގެ ތުހުމަތެއްގައި ސުވާލު ކުރާ މީހުންނަށް ގާނޫނީ އިންޒާރުދިނުމާ ގުޅޭ އިރުޝާދު"ގެ ނަމުގައި އިރުޝާދެއް ލިޔެ، މިދިޔަ ހަފްތާތެރޭ ނެރެފައިވާ ކަމަށެވެ.

މި އިރުޝާދުން ހަނު ހުރުމުގެ ހައްގު ލިބިގެންވާކަން ހަނދާންކޮށްދިނުމުގެ އިތުރުން، ހަނުހުރެ، ތިމާއާ އެއްކޮޅަށް ހުރި ހެކި ހާމަނުކުރާ ހާލަތެއްގައި، އެކަންކަން އިތުރަށް ބެލުމުގެ ފުރުސަތެއް ނޯންނާނެ ކަމަށާއި، އެކަމުގެ ޒިންމާ އުފުލަންޖެހޭނީ ތުހުމަތުގައި ހުރި މީހާ ކަމަށް ތުހުމަތުގައި ހުރި މީހާއަށް ބުނެދޭން އޮންނާނެ ކަމަށް ޝަމީމް ވިދާޅުވެފައިވެ އެވެ. 

ޝަމީމް ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 47 ވަނަ މާއްދާގެ (ހ) ގައި ހަނުހުރުމުގެ ހައްގު ކޮންމެ މީހަކަށް ލިބިގެންވާ ކަމަށް އޮންނަ ކަމަށެވެ. އަދި ހަމަ އެ ގާނޫނުގެ (ބ) ގައި އޮންނަނީ، "...އޭނާގެ ފަރާތުން ދެވޭ މައުލޫމާތަކީ އޭނާއާ ދެކޮޅާށް ހެކީގެ ގޮތުގައި ބޭނުން ކުރެވޭނެ މައުލޫމާތެއް ކަމުގައި ނުވާ ނަމަ، އެ މައުލޫމާތެއް ގާނޫނު ތަންފީޒުކުރާ އިދާރާއަށް ހާމަކުރަންވާނެއެވެ. ހަނު ހުރުމުގެ ހައްގުގެ ބޭނުމެއް ނުކުރެވޭނެއެވެ." މިހެންނެވެ. 

އަދި މީގެ މިސާލެއް ނަންގަވަމުން ޝަމީމް ވިދާޅުވީ މައްސަލައެއްގައި ދައުވާ ކުރުމަށް ފުލުހުން ޕީޖީ އޮފީހަށް ހުށަހަޅަން ތައްޔާރުވެފައިވާ މައްސަލަ ރައްދުވާ ޓީޗަރަކާ ބައްދަލު ކުރެއްވި ކަމަށެވެ. އެމީހާގެ ފޯނުގައި އޮތް ފޮޓޯއަކާ ގުޅިގެން އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ އެމީހާއަށް ކުރާއިރު، އެމީހާ އާއި ވާހަކަ ދައްކައިގެން ލިބުނު މައުލޫމާތުން އޭނާގެ މައްޗަށް ތުހުމަތެއް ނޯންނާނެ ކަމަށް ފެންނަ ކަމަށް ޝަމީމް ވިދާޅުވިއެވެ.

އެ މީހާގެ މައްޗަށް ތުހުމަތު ކުރެވުމުން، އެމީހާ ވަނީ ގާނޫނީ ވަކީލުންގެ އިރުޝާދުގެ މަތިން އޭނާއަށް ގާނޫނުން ލިބިފައިވާ ހަނު ހުރުމުގެ ހައްގު ބޭނުން ކުރުމަށް ނިންމާފައި ކަމަށް ޝަމީމް ވިދާޅުވިއެވެ. ނަމަވެސް މިކަމުގެ ސަބަބުން އޭނާގެ ފޯނަށް އެ ފޮޓޯ އައި ގޮތާއި، އޭނާ އެ ފޮޓޯ ޑިލީޓް ކުރި ގޮތާއި، އެ ފޮޓޯ ފެނުނީ ޑީލީޓް ކޮށްފައިވާ ފޮޓޯތަކުގެ ތެރެއިންކަން ފަދަ މައުލޫމާތުތައް ތަހުގީގަށް ހާމަވެފައި ނުވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

އެމީހާ ހަނު ހުރުމުގެ ސަބަބުން މިއީ ތަހުގީގުގެ ތެރެއިން ލިބިފައި ނުވާ މައުލޫމާތުތައް ކަމަށް ވުމުން، ތަހުގީގުން ނުލިބޭ މައުލޫމާތަކަށް ޕީޖީއަށް ގޮތެއް ނުނިންމޭނެ ކަމަށް ޝަމީމް ފާހަގަ ކުރައްވާފައިވެއެވެ. އަދި މިކަން ވިޔަ ނުދިނުމަށް ހަނު ހުންނަ މީހާއަށް ހަނުހުރުމުގެ ނަތީޖާ ކިޔައިދިނުމަކީ ކޮންމެވެސް މީހަކު ކުރަންޖެހޭ ކަމެއްގެ ގޮތުގައި ފެންނަ ކަމަށާއި، މިކަން ނުކިޔައިދޭނަމަ ބައެއް މީހުންނަށް ނުހައްގުން އަދަބެއް ލިބުމަކީ ނުހަނު ގާތުގައި އޮންނާނެ ކަމެއް ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ޕީޖީއިން މިކަމާ ގުޅިގެން ފޮނުވި އިރުޝާދަކީ މިފަދަ ކަންކަން ވިޔަނުދިނުމަށް އެކުލަވާލާފައިވާ އިރުޝާދެއް ކަމަށެވެ. އަދި މިފަދައިން ހަނުހުރެވޭނެ ހާލަތްތައް ކިޔައިދިނުމަކީ ތަހުގީގު ކުރާ މީހާ ދޭ ފުރުސަތެއް ކަމަށާއި ފުރުސަތުގެ ބޭނުން ހިފުމަކީ ތުހުމަތުގައި ހުންނަ މީހާގެ ކަމެއް ކަމަށް ޝަމީމް ވިދާޅުވިއެވެ.

ހުރިހާ މީހުންގެ ވެސް އަމާޒަކީ އިންސާފު ކަމަށާއި، މި އިރުޝާދާއި އެއްގޮތުގެ މަތިން ކަން ހިނގަން ފެށުމުން ނިޒާމު އިތުރަށް ހަރުދަނާވާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް