ads
ވީޑިއޯ ރިޕޯޓް-
ފަތުރުވެރިން މާސްކު ނާޅާ ވާހަކަ، ކުރެވޭ ކަމެއް ނެތް؟
އެއް އިރެއްގައި ދިވެހިން މަސްވެރިކަމަށް ބަރޯސާޥެފައި އޮތް ނަމަވެސް، މިއަދުގެ ހަގީގަތަކީ މިހާރު ދިވެހިން ބަރޯސާ ވަނީ ފަތުރުވެރިކަމުގެ ދާއިރާއަށް ކަމެވެ. ކޮވިޑް 19ގެ ސަބަބުން މި ދާއިރާއަށް ގިނަ ގުނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނު އިރު، ބޮޑު ލޮކްޑައުންއަކަށްފަހު މި ދާއިރާ އަލުން ހުޅުވާލީ ރައްކާތެރިކަމަށް އެކި ފިޔަވަޅުތައް އެޅުމާއެކުއެވެ. މަޑުމަޑުން ފަތުރުވެރިކަން ހަމައަކަށް އެޅެން ފަށާފައިވާއިރު، މިހާރު އެންމެ ގަދައަށް އިވެނީ ރާއްޖޭގެ ސަރުކާރުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފަތުރުވެރިން އަމަލު ނުކުރާ ވާހަކައެވެ.

ކޮވިޑް 19ގެ ސަބަބުން ރާއްޖޭގައި އެންމެ ބޮޑު ނޭދެވޭ އަސަރެއް ކުރި އެއް ސިނާއަތަކީ ފަތުރުވެރިކަމުގެ ސިނާއަތެވެ. މުޅި ރާއްޖެ މި ސިނާއަތަކަށް ބަރޯސާވެފައިވާ ފަތުރުވެރިކަމުގެ ސިނާއަތް ކުރި އެރުވުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނައިރު، ދެވަނަ ލޮކްޑައުންއަކަށް ރާއްޖެ ދިޔަ ނުދިނުމުގެ ގޮތުން ވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް މުޅި ރާއްޖޭގައިވެސް އަޅާފައެވެ. 

އެގޮތުން ފަތުރުވެރިން ދަތުރުކުރާ ރާއްޖޭގެ ހުރިހާ ރަށެއްގައި އާންމު ތަންތަނުގައި މާސްކު އެޅުން މަޖުބޫރު ކޮށްފައިވާއިރު، ފަތުރުވެރިން އަންނަ ރަށްރަށާއި، ފަތުރުވެރިން ދަތުރު ނުކުރާ ރަށްރަށާ ދެމެދު ދަތުރު ކުރުމާމެދު އަމަލު ކުރަންވީ ގޮތްތައްވެސް ސަރުކާރުން ވަނީ އާންމުކޮށްފައެވެ.

މިފަދަ ގިނަ އުސޫލުތަކަށް ގިނަ ދިވެހިން ބޯލަނބަމުން އަންނަކަމީ އުފާވެރި ފާލެކެވެ. ނަމަވެސް ހިތާމައަކީ ރާއްޖެއަށް އަންނަ ފަތުރުވެރިން މިފަދައިން ކަން ނުކުރާކަމެވެ. 

ދާދި އިހަކަށް ދުވަހަކު ސޯޝަލް މީޑިއާ އުތުރި އެރީ ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އައި ޕާކިސްތާނުގެ މަޝްހޫރު ތަރި، ހަރީމް ޝާހް ވެލާނާ އެއާޕޯޓުގައި މާސްކް ނާޅާއި އުޅުނު ޓިކްޓޮކެއް އާންމު ކުރުމާއި ގުޅިގެންނެވެ. މި ޓިކްޓޮކްގައި ފުލުހަކު އޭނާ ކައިރީ މާސްކް އަޅަން ނަސޭހަތްތެރިވާ މަންޒަރާއި، އެކަމަށް ސަމާލުކަމެއް ނުދީ ހަރީމް އުޅޭ މަންޒަރު ފެނިގެން ދެއެވެ.

މި ވީޑިއޯއަށް އެތައް ދިވެހިންނެއް ވަނީ ފާޑުކިޔުން އަމާޒުކޮށްފައެވެ. އެގޮތުން ގިނަ ބަޔަކު ވަނީ ފުލުހުން އެކަމާ ފިޔަވަޅު ނޭޅުމުން އެކަމަށް ފާޑު ކިޔާފައެވެ. އަދި ގިނަ ބަޔަކު ދަތުރުފަތުރުތަކަށް އަދި ވަޒީފާއަށްދާ ރާއްޖޭގެ މައި އެއާޕޯޓުފަދަ ތަނެއްގައި މާސްކު ނާޅާ އުޅުމަކީ އާންމުންނަށްވެސް ހުރި ނުރައްކާތެރިކަމެއް ކަމަށްބުނެވެސް އެއްބަޔަކު ވަނީ ފާޑު ކިޔާފައެވެ.

މިއީ ހަމައެކަނި މި ވަކި ތަރިއެއްގެ ވާހަކައެއް ނޫނެވެ. އަދި ހަމައެކަނި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވާހަކައެއްވެސް ނޫނެވެ. ނަމަވެސް ރާއްޖެއަށް އަންނަ ބައެއް ފަތުރުވެރިން އެއާޕޯޓު އަދި އާންމު ތަންތަނުގައި މާސްކު ނާޅާ އުޅޭ ކަމީ ފެންނަ ހިތާމަވެރި މަންޒަރެކެވެ. އެއްތަނުން އަނެއް ތަނަށް ދަތުރުކުރުމަށް ބޯޓަށް އަރާފައި މާސްކު ނާޅާ ތިބޭ ވާހަކައަކީވެސް ތުންތުން މަތިން ނަމަވެސް އިވޭ އަޑުތަކެވެ.

ފެނިގެން ދަނީ މިފަދަ ކަންކަމަށް ފިޔަވަޅެއް ނޭޅިދާތަނެވެ. ފަރުވާ ކުޑަ ކުރެވޭތަނެވެ. މެހެމާންދާރީ އަދާކުރުމުގައި އަވަދިނެތިވާއިރު، ރައްކާތެރިކަން މަތިން ހަނދާން ނެތިގެންދާ މަންޒަރެވެ. ރިސޯޓަކުން ބޮޑު ކްލަސްޓާއެއް ފެނުނުތާ އަދި ގިނަ ދުވަހެއް ނުވާނެއެވެ. ވީއިރު މިފަދަ ކަމެއް ދެވަނަ ފަހަރަށް ވިޔަ ނުދިނުމަށް ކުރެވެން ހުރި ކޮންމެ ކަމެއް ކުރުމީ މުހިއްމު ކަމެކެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް