ads
ޑރ. މުހައްމަދު މުއިއްޒު--
އަލަށް ފްލެޓް އަޅަންވީ ނޫންތޯ؟ ކާކުތޯ ހުއްޓުވަނީ؟: މުއިއްޒު
ހިޔާ ފްލެޓްތަށް ދިނުން ލަސްވާ މައްސަލާގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަނެއްކާވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންއިން މިރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒުވަނީ، ހިޔާ ފްލެޓް ތަކާއި ގުޅޭގޮތުން ސަރުކާރަށް އަނެއްކާވެސް ވަރަށް ބޮޑު ތުހުމަތެއްވެސް ކުރައްވާފައެވެ. އެގޮތުން މުއިއްޒު ވިދާޅުވީ، މިހާރުވެސް ފްލެޓްތައް ލިބެންޖެހޭ ނިކަމެތި އެތައް ރައްޔިތުންނެއް އަތުން ފްލެޓްތައް އަތުލައި، ސަރުކާރުން ބޭނުންވާ ބަޔަކަށް ފްލެޓް ދިނުމަށް ފޯމުތައް ފުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ފްލެޓްތަކުގެ ދާއިމީ ލިސްޓު އިއުލާން ނުކުރެވި ލަސްވާ ސަބަބަކީ އެއީކަމަށެވެ. 

މުއިއްޒު ވިދާޅުވީ، މިސަރުކާރަށް 3 އަހަރު ވާން ދާއިރު މިހާތަނަށް ރައްޔިތުންނަށްޓަކައި ކޮށްދެވުނު އެއްވެސް ކަމެއް ނެތްކަމަށާއި، ރައީސް ޔާމީންގެ ސަރުކާރުގައި އެޅި ފްލެޓްތައްވެސް ހުރީ ހުރިގޮތަށް އޭގެ ހައްގުވެރިންނާއިވެސް ހަވާލު ނުކުރެވި ކަމަށެވެ. 

ހިޔާ ފްލެޓްތަކުގެ ދާއިމީ ލިސްޓު އިއުލާން ނުކުރެވި ލަސްވާ މައްސަލާގައި މުއިއްޒު އިތުރަށް ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން ފްލެޓްތައް އޭގެ ހައްގުވެރިންނަށް ދިނުމަށް އެކުލަވާލީ ވަރަށް ދެފުއް ފެންނަ ގޮތްތަކަކަށް ކަމަށާއި، ނަމަވެސް މިސަރުކާރުން އައިސް އެ އުސޫލު ކަމުނުދާ ކަމަށްވުނެ އެތައް ނިކަމެތި ރައްޔިތުން މަގުމަތި ކުރަމުންދާ ކަމަށެވެ. 

މުއިއްޒު ވިދާޅުވީ، ފްލެޓްތައް އަތުލާފައި ތިބި ގިނަ ރައްޔިތުން ވަރަށް ނިކަމެތި ކަމަށާއި ދިރުއުޅެމުން އަންނަނީ ކުދި ކޮޓަރިތަކުގައި 5 ދަރިން ގޮވައިގެން ޑިއުޓީ ބަހައިގެން ނިދައިގެން ކަމަށެވެ. ނަމަވެސް އެފަރާތްތަކުގެ އަތުން ފްލެޓްތައް އަތުލީ ދިރިއުޅުމުގެ ހާލަތު މަތިވެގެން ޕޮއިންޓް އުނިކުރުމަށްފަހު ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ، އަލަށް ފްލެޓް އަޅަންވީ ނޫންތޯ ވިދާޅުވެ ސަރުކާރަށް ގޮންޖައްސަވާފައެވެ. އެގޮތުން ސަރުކާރަށް 3 އަހަރު ވާންދާއިރު ރައީސް ޔާމީންގެ ސަރުކާރުން އެޅި ވަރަށް ވުރެން ގިނަ ފްލެޓް އެޅާނެ ވަގުތު ލިބިއްޖެކަމަށް މުއިއްޒު ވިދާޅުވިއެވެ. 

މިއީ ސިއްހީ ހާލުކޮޅު ދެރަވެގެން ދާދިފަހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ހޯދުމަށްފަހު އިދިކޮޅުގެ ޖަލްސާއެއްގައި މުއިއްޒު ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް