ads
ފުވައްމުލައް--
ފުވައްމުލަކުގެ ނެރުތައް ބަންދުކޮށްދޭން އެދިއްޖެ
ފުވައްމުލަކަށް ދިމާވެފައި ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް އެ ސިޓީގެ ހުޅަނގު ފަރާތުގައިވާ ހަތަރު ނެރު ބަންދުކުރެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށް ޕްލޭނިން މިނިސްޓްރީގައި އެދިއްޖެ އެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން އެކަމަށް އެދި ޕްލޭނިން މިނިސްޓްރީއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އެ ރަށުގެ ނެރުތަކުގެ ސަބަބުން ގިނަ އަދަދަކަށް ވެއްޔާއި ގާ ބޭރުވަމުންދާ ކަމަށެވެ. 

"މިކަން ހައްލުކޮށް ރަށްގިރުން ކުޑަކުރުމަށްޓަކައި ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފޭސް 2011 ވަނަ އަހަރު ވަނީ ފެށިފަ އެވެ. މި ޕްރޮގްރާމުގެ ތެރެއިން މި ރަށުގެ އިރުމަތީ ފަރާތުގެ ހަތަރު ނެރު ވަނީ ބަންދުކުރެވިފަ އެވެ. އަދި އެކަމުގެ ނަތީޖާ ވެސް ރަނގަޅު ކަމަށް ރަސްގެފަންނު ސަރަހައްދަށް ބަލާލުމުން ފާހަގަކުރެވެ އެވެ." އެ ސިޓީގައި ލިޔެފައި ވެއެވެ.

ފުވައްމުލަކު ކައުންސިލުން ބުނީ މި ވަގުތު ވެސް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ބޮޑު ޕްރޮޖެކްޓެއް އެ ރަށުގައި ކުރިއަށްދާ ކަމަށާއި މި ދުވަސްވަރު ނެރުތައް ބައްދާލެވޭ ނަމަ ހަރަދު ކުޑަވާނެ ކަމަށެވެ. 

އަދި އެމްޓީސީސީގެ އެކި މަޝްރޫއުތަކަށް ބޮޑު ހިލަ ރާއްޖޭގައި ގިނަވެފައި ހުރުމަކީ އެކަށީގެންވާ ކަމަކަށް ވާތީ، މި ދުވަސްވަރު މި މަސައްކަތް ކުރުމުން ހަރަދު ކުޑަކޮށް، ފުވައްމުލަކުގެ ރަށްގިރުމުގެ މައްސަލަ ހައްލު ކުރެވިދާނެ ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.

އެހެންކަމުން އެ ކައުންސިލުން އެދިފައި ވަނީ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ ދެވަނަ ފޭސްގެ ގޮތުގައި އެ ރަށު ހުޅަނގު ފަރާތުގެ ހަތަރު ނެރު ބަންދުކޮށްދިނުމަށެވެ. 

ފުވައްމުލަކަކީ އަތޮޅެއްގެ ސިފަތައް ލިބިގެންވާ ރަށެއް ނޫނެވެ. ފުވައްމުލައް އުފެދުނީ މާކަނޑާ ގުޅިފައިވާ ވިލަކުން ކަމަށްވެ އެވެ. ވިލެއް، ފަޅެއް މިހާރަކު ނޯވެ އެވެ. ވަށައިގެން ފުއްޓަރެވެ. އާނުގަނޑު ގިނަވެފައި، އޮންނަނީ މާސިންގާކޮށް ހެދި އަޑިއަށް ބިޔަ ހޮހަޅަ ހެދިފަ އެވެ. 

ފުވައްމުލަކުގައި މޫދަށް އެރި އުޅެނިކޮށް ގެނބުނު ކުދިންތަކެއް ސަލާމަތްކުރަން އުޅުމުގެ ތެރޭގައި އެ ރަށު އުމުރުން 17 އަހަރުގެ އަހްމަދު ފައުޒާން މިދިޔަ ހަފްތާގައި ވަނީ މަރުވެފަ އެވެ.

ފަހުގެ ތާރީހުގައި ފުވައްމުލަކުގައި މޫދަށް 25 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ވެއެވެ. ފައުޒާންގެ މަރާއެކު ފުވައްމުލަކުގައި މީހުން މޫދަށް އެރި އުޅޭ ހިސާބުތައް ރައްކާތެރި ކުރެވޭނެ ގޮތްތައް ހެދުމަށް އެކި ފަރާތްތަކުން ގޮވާލަން ފެށި އެވެ.

ފުވައްމުލަކު ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޟިރާރު މިއަދު ސީއެންއެމްއަށް ވިދާޅުވީ މޫދަށް އެރި އުޅެނިކޮށް ދިމާވާ ހިތާމަވެރި ހާދިސާތަކާ ނެރުތައް ބެއްދުމާ ސީދާ ގުޅުމެއް ނުވާ ކަމަށެވެ. 

ޟިރާރު ވިދާޅުވީ ފުވައްމުލައް ގުދުރަތީ ގޮތުން އެގޮތަށް އުފެދިފައި އެ ވަނީ ރަށުގެ ރައްކާތެރިކަމަށްޓަކައި ކަމަށާއި ފަޅެއް އަދި ވިލެއް ނެތުމުން މީހުން މޫދަށް އެރި ހަދަން ޖެހެނީ ހަމަ އެތަނަށް ކަމަށެވެ. 

"އޮއެވަރާ ހެދި ވެސް މީހުން ގެނބޭ. އެހެންވީމަ ނެރުތައް ބަންދުކުރުމުން ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ. އެކަމަކު ނެރުތައް ބަންދުކުރުމަކީ ކޮންމެހެން މި ދިމާވާ ހިތާމަވެރި ހާދިސާތަކާ ގުޅުން ހުރި ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ޟިރާރު ވިދާޅުވީ ނެރުތައް ބަންދު ކުރުމުން އެ ރަށަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބޭނެ ކަމަށާއި މި ވަގުތު މި މަސައްކަތް ފަށައިފި ނަމަ ދައުލަތަށް ހަރަދު ކުޑަކޮށް، މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. 

ފުވައްމުލަކު ކައުންސިލުން ޕްލޭނިން މިނިސްޓްރީގައި އެކަމަށް އެދިފައި ވާއިރު، ނެރުތައް ބެއްދުމަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

"ވަން ފުވައްމުލައް" ނަމުގައި ހިންގާ ހަރަކާތަކުން ފެށި ޕެޓިޝަނުގައި ދެ ދުވަހުގެ ތެރޭގައި 2،132 މީހުން ސޮއިކޮށްފައި ވެއެވެ. ފުވައްމުަލަކު ސިޓީގެ މޭޔަރު އަބްދުﷲ ފަލާހް ޝަރީފް ވަނީ އެ މަސައްކަތުގައި އެއްބާރުލުންދެއްވާނެ ކަމުގެ ޔަގީންކަން އެ ހަރަކާތަށް ދެއްވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް