ގެމަނަފުށީގެ މަޝްހޫރު ޒުވާން މަސްވެރިޔާ ޓްވިޓާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ގެމަނަފުށީ އުފާ ދޯނިން ދެއްވަދޫ ރައްޔިތުންނަށް މަސް ހަދިޔާކޮށްފައިވާ ކަމަށާއި އެ މަސްތައް ދެއްވަދޫގެ ކައުންސިލްގެ ބޭފުޅުންނާއި އެ ރަށު ފުހުލުންނާ ހަވާލުކުރި ކަމަށެވެ.
ދެއްވަދޫ ކައުންސިލްގެ މެމްބަރު މައުމޫން އިބްރާހިމް ސީއެންއެމްއަށް ވިދާޅުވީ ގެމަނަފުށިން އެ ރަށަށް ހަދިޔާކުރީ 700 ކިލޯގެ މަސް ކަމަށެވެ. އަދި މިހާރު އެ ރަށުގެ ހުރިހާ ގޭބީސީތަކަށް ވަނީ މަސް ބަހާ ނިމިފައި ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
މީގެ އިތުރުން މައުމޫން ވަނީ ގއ. އަދި ގދ. ގެ ހުރިހާ ކައުންސިލްތަކުން ދެއްވަދޫއަށް ވަމުންދާ އެހީއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފަ އެވެ.
އާބާދީގައި 1300 އެއްހާ މީހުން ދިރިއުޅެމުންދާ ދެއްވަދޫއަކީ މަސްވެރި ރަށެކެވެ. އާމްދަނީ ހޯދުމަށް މުޅި ރަށް މަސްވެރިކަމަށް ބަރޯސާވެފައި އޮތް ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު، ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ރަށް އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ.
އެ ދުވަހުން ފެށިގެން ރަށަށް އަރައި ފޭބުން މަނާކުރެވިފައި އޮތުމާއެކު މަސްވެރިކަަމަށް ބަރޯސާވެފައިވާ އެ ރަށަށް މަސް ލިބޭނެ ގޮތެއް ނެތެވެ. އެހެންކަމުން ގއ. އަދި ގދ. ގެ އެކި ރަށްރަށުން ދަނީ އެކި ގޮތްގޮތަށް ދެއްވަދޫއަށް އެހީވަމުންނެވެ.