ads
ފޮޓޯ: ޖެންޑާ މިނިސްޓްރީ
މުޖުތަމައުގެ އެހީގައި ޑްރަގް މައްސަލައަށް ހައްލެއް ހޯދަން ހަރަކާތެއް
މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމުގައި މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކަށް މިއަދު ޒިޔާރަތްކުރައްވަން ފައްޓަވައިފި އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 27 ވަނަ މާއްދާގައި ނޭޝަނަލް ޑްރަގް އޭޖެންސީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތުގައި މުޖުތަމައުގައި ހިމެނޭ ހުރިހާ ފަރާތްތަކެއްގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ކަމާބެހޭ ހުރިހާ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުން ހިމެނެ އެވެ. 

އެކަމާއި ގުޅިގެން ޖެންޑާ މިނިސްޓްރީން ބުނީ ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކަށް މިނިސްޓަރު ޒިޔާރަތްކުރައްވަމުން ގެންދަވަނީ އެ މަސައްކަތުގައި ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކުގެ ވެރިންނަށް މުހިންމު ދައުރެއް އަދާކުރެވޭނެ ކަމަށް ގަބޫލުކުރެވޭތީއާއި، ވަކިން ހާއްސަ ގޮތެއްގައި އެކަމަށް މުވައްޒަފުން އަހުލުވެރިކުރުވުމުގައި ސީނިއާ މެނޭޖްމަންޓުގެ ދައުރު އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން ކަމަށެވެ. 

ޖެންޑާ މިނިސްޓަރު މިއަދު ބައްދަލުކުރެއްވީ މޯލްޑިވްސް ކަސްޓަމްސް އާއި އެލައިޑް އިންޝުއަރެންސް އަދި އައިލެންޑް އޭވިއޭޝަން ސާވިސަސްގެ އިތުރުން، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ސީނިއާ މެނޭޖްމަންޓްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާ އެވެ. 

އެ ބައްދަލުކުރެއްވުމުގައި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތުގައި އެ ފަރާތްތަކުގެ އެއްބާރުލެއްވުން ބޭނުންވާކަން ފާހަގަކުރައްވައި، އެހީތެރިކަން ހޯދިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށް މިނިސްޓްރީން ބުނެ އެވެ. 

އެ މިނިސްޓްރީން ބުނާ ގޮތުގައި މި މަހުގެ ނިޔަލަށް ދައުލަތުގެ 15 އިދާރާ އަދި ކުންފުންޏަކާ ނޭޝަނަލް ޑްރަގް އޭޖެންސީން ބައްދަލުކުރުމަށް ހަމަޖެހިފައިވެ އެވެ. މިނިސްޓަރު ޒިޔާރާތްކުރައްވާނީ އޭގެ ތެރެއިން ބައެއް ތަންތަނަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް