ސަފީރު ކުރެއްވި ޓުވިޓެއްގައި ވިދާޅުވެފައިވަނީ ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ ދަތިކަމުގެ ތެރޭގައި ވެސް ޗައިނާގެ ކުންފުނިތަކުން ރާއްޖޭގައި މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާ ކަމަށާއި މިއީ ބަލިމަޑުކަމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމުގެ އެހީއެއް ކަމަށެވެ.
އަދި ރާއްޖެއިން ދެމުން އަންނަ އެއްބާރުލުމުގެ ސަބަބުން ބީޔޫސީޖީ އާއި ޗައިނާގެ އެހެން ކުންފުނިތަކުން ވަނީ އެ ދަތިކަމުގެ ތެރޭގައި ވެސް އަލުން މަސައްކަތް ފަށާފައި ކަމަށާއި އެއީ ރާއްޖޭގެ އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް ދެވޭ އެހީތެރިކަމަކަށް ވާނެ ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކުރުމުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ އެއާޕޯޓަށް ވަޑައިގެންނެވި އިރު ޗައިނާ ސަފީރު ވެސް ވަޑައިގެން ޗައިނާގެ ކުންފުނިތަކުން ކުރާ މަސައްކަތްތަކާ ބެހޭ ގޮތުން ރައީސަށް މައުލޫމާތު ދެއްވި އެވެ.
އެއާޕޯޓު ތަރައްގީ ކުރުމުގެ 1.2 ބިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫއުގައި ޓާމިނަލްތައް ހެދުން ފަދަ ބޮޑެތި މަސައްކަތްތައް ހަވާލުކޮށްފައިވަނީ ޗައިނާގެ ކުންފުނިތަކަށެވެ.