ads
ފޮޓޯ: އެމްޓީސީސީ
ފެރީގެ ނިޒާމުން ރާއްޖެ ގުޅާލަން އެމްޓީސީސީއާ ހަވާލުކޮށްފި
ފެރީގެ ނިޒާމުން ރާއްޖެ ގުޅާލުމަށް ސަރުކާރުން ކުރިއަށް ގެންދާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީއާއެކު މިއަދު ސޮއިކޮށްފި އެވެ.

މިއަދު ހެނދުނު އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނަރަލް ފާތިމަތު ޝަނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެވެ. 

އެ އެއްބަސްވުމުގެ ދަށުން މިއަހަރުގެ ތެރޭގައި ފެރީގެ ހިދުމަތް ފަށަން ހަމަޖައްސާފައި ވަނީ އެންމެ އުތުރުގެ ތިން އަތޮޅުގަ އެވެ. އެގޮތުން ހއ. އާއި ހދ. އަދި ށ. އަތޮޅުގެ 41 ރަށެއްގައި އަންނަ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ފެރީގެ ހިދުމަތް ފެށޭނެ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ އެމްޑީ އާޒިމް ވިދާޅުވީ އެ މަޝްރޫއުގެ ދަށުން ހަފްތާގެ ކޮންމެ ދުވަހަކު ފެރީގެ ހިދުމަތް ފެށޭނެ ކަމަށެވެ. އަދި ފެރީގެ ހިދުމަތަށް ބުރޫ އަރާފާނެ ކަމެއް މެދުވެރިވިޔަ ނުދިނުމަށްޓަކައި ބެކަޕް ޕްލޭނެއް ހަދައި ތައްޔާރަށް އޮންނާނެކަން އާޒިމް ފާހަގަކުރައްވަ އެވެ.

އާޒިމް ވިދާޅުވި ގޮތުގައި ހިދުމަތް ދިނުމުގައި 14 ލޯންޗު ބޭނުންކުރާއިރު ތިން ލޯންޗެއް ބެކަޕްގެ ގޮތުގައި ބޭނުންކުރާނެ އެވެ.

"ހަމަގައިމު ވެސް މި ނެޓްވޯކް ފުރިހަމަވެގެންދިއުމުން ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހަތަކެއް އަދި ލުއިތަކެއް ލިބިގެންދާނެ. މީގަ ބޭނުންކުރާނީ ބޮޑެތި ލޯންޗުތަކެއް. 47 ފޫޓު ހުންނާނެ ގާތްގަނޑަކަށް. 40-50 މީހުންގެ ކެޕޭސިޓީ ހުންނާނެ. އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހަކަމާއެކު އަރާއި ފައިބައި އަމިއްލައަށް ދިރިއުޅެވޭނެ ގޮތަކަށް ހެދުމަށް މިނިސްޓަރު އަސްލަމް ހާއްސަ އިސްކަމެއް ދެއްވި. އެގޮތުން އެމީހުންނަށް ގޮނޑީގައި ލޯންޗަށް އެރެން ޖެހޭ ކަމަށް ޝަރުތުކުރި،" އާޒިމް ވިދާޅުވި އެވެ.

އޭގެ އިތުރުން އާޒިމް ވިދާޅުވީ، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވެސް ލޯންޗަށް ފަސޭހައިން އެރޭނެގޮތަކަށް ލޯންޗުތައް ފަރުމާކުރެވިފައިވާއިރު އެކަމުގެ މައިގަނޑު މަގްސަދަކީ މުޖުތަމުގައި އެއްވެސް މީހަކު ބާކީ ނުކުރުމެވެ. 

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ގައުމީ ފެރީ ވިއުގެ ދަށުން މިއަދު ސޮއިކުރެވިގެންމިދިޔަ ހިދުމަތަކީ މިހާރު ދެމުން އަންނަ ދޯނި ފެރީއަށް ވުރެ ހައި ސްޕީޑު ހިދުމަތެއް ދިނުމަށް ސޮއިކުރެވުނު އެއްބަސްވުމެއް ކަމަށެވެ. 

އަދި އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރެވިފައި ވަނީ ހިދުމަތް މެދުނުކެނޑި ފޯރުކޮށްދެވޭނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ހޯދައިދިނުމަށް ކަމަށް ނަހުލާ ވިދާޅުވި އެވެ. 

ނަހްލާ އިތުރަށް ވިދާޅުވީ މި ފެރީގެ ހިދުމަތް ޝެޑިއުލްކުރެވިގެންދާނީ ސިއްހީ ހިދުމަތް ހޯދުމަށާއި އެހެނިހެން ހިދުމަތް ހޯދުމަށް ރަށްތަކަށް ދަތުރުކުރާ މީހުންނަށް ފަސޭހަވާނެ ގޮތަށެވެ. 

އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކްއަކީ މުޅި ރާއްޖެ އަށް އަމާޒުކޮށް ފަސިންޖަރުން އަދި މުދާ އުފުލާ ފެރީ ހިމެނޭ ގޮތަށް ތިން ޒޯނާއި ހަ ރީޖަން ގުޅާލުމަށް ފަރުމާކުރި ވިއުގަ އެކެވެ.

އެ ޒޯންތަކުގައި ތިން ބާވަތެއްގެ ފެރީ ރޫޓް ހުންނާނެ އެވެ. ކައިރީގައިވާ ރަށްރަށަށް ކުރާ ކުރު ދަތުރަށް ކޮމިއުޓާ ލިންކް ބޭނުންކުރާއިރު ހާއްސަ ވަކި ބޭނުންތަކަށް ދުރުގައި ހުންނަ ރަށްރަށަށް ނޮން ކޮމިއުޓާ ލިންކް ބޭނުންކުރާނެ އެވެ. އަދި ހައިވޭ ލިންކަކީ އެއް ޒޯނުން އަނެއް ޒޯނަށް ދަތުރުކުރާ ރޫޓުތަކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް