ads
ރައީސް މައުމޫން އަދި އަނބި ކަނބަލުން ނަސްރީނާ
ބައެއް މީހުން އެދެނީ ރައީސް މައުމޫނު މައާފަށް އެދެން!
ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް މައާފަށް އެދެން ޖެހޭނެކަމަށް ބުނެ ބައެއް މީހުން ޝުއޫރު ފާޅުކޮށްފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުރީގެ ރައީސް މައުމޫން ޓުވިޓާއަށް ދޫކޮށްލެއްވި ސުވާލަށް މިވަނީ އެތައް ބަޔަކު ޖަވާބު ދީފައެވެ. އެ ސުވާލަށް 24 ގަޑިއިރު ވެސް ނުވަނީސް، ވެސް 71 މީހަކު ޖަވާބު ދީފައިވެއެވެ. 

އޭގެތެރެއިން ބައެއް މީހުން ވަނީ ރައީސް މައުމޫނު ދިވެހިރާއްޖޭގައި ވެރިކަން ކުރެއްވި ދުވަސްތަކާއި، ވެރިކަމުުން ފައިބާ ވަޑައިގެން ކުރެއްވި ހިދުމަތްތަކަށް ޝުކުރު އަދާކޮށް ތައުރީފު ކޮށްފައެވެ. 

ނަމަވެސް ރައީސް މައުމޫނު ޓުވިޓާއަށް ރޭ ދޫކޮށްލެއްވި ކުރު ސުވާލު  "ހައު ކޭން އައި ކޮންޓްރިބިއުޓް؟" (އަޅުގަނޑަށް އެހީވެވޭނީ ކިހިނެއްތް؟) މި ސުވާލަށް ޖަވާބު ދިން މީހުންގެ ތެރެއިން ގިނަ ބަޔަކު ވަނީ އެމީހުންގެ އުދާސްތައް ބަނޑުންކޮށްލާ އެމަނިކުފާނު މައާފަށް އެދުމަށް ގޮވާލާފައެވެ.

އެމަނިކުފާނަށް " އެހީވެވޭނީ ކިހިނެއްތް؟" ތޯ ސުވާލު ކުރިމަތި ކުރުވި ދުވަހަކީ އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕާސަން އަދި އޮމްބަޑްސްޕާސަންގެ މަގާމަށް ބޭފުޅުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް  އައްޔަނު ކުރެއްވި ދުވަހެވެ.

ރައީސް މައުމޫނު ރައްޔިތުން ކުރިމަތީގައި މައާފަށް އެދެން ޖެހޭނެކަމަށް ދެކޭ ބައެއް މީހުން ބުނަނީ، ރައީސް މައުމޫނުގެ ސަބަބުން އާއިލާތަކަށް ވަރަށް ބޮޑަށް ނިކަމެތިކަން ލިބިފައިވާކަމަށެވެ. 

"ރައްޔިތުން ކުރިމަތީގައި މައާފަށް އެދިލައްވާ. އެއީ އަނިޔާ އާއި ހިތާމައާ އަދި އެތައް އާއިލާއަކަށް ދިން ތަދުގެ ބަދަލުގައި،" އުމޭ މުހައްމަދު ކިޔާ މީހަކު ބުނެފައިވެއެވެ. 

އަނެއް ބަޔަކު ރައީސް މައުމޫނުގެ އަރިހުން މައާފަށް އެދުމަށް އެދެނީ ބަޔަކަށް އަނިޔާ ދެވިފައިވާނަމައެވެ. 

އަދި ބައެއް މީހުން ބުނަނީ އަނިޔާ ދިން މީހުންނާއި ހައްގުތައް ގެއްލުވާލި މީހުންނަށް ހަގީގަތް ހާމަކޮށްދޭން ޖެހޭކަމަށެވެ.

އިންތިގާލީ އިންސާފުގެ ގާނޫނަކީ، 1953 ޖަނަވަރީ 1 އިން ފެށިގެން 2018 ނޮވެންބަރު 17 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތައް ބަލައި، ތަހްގީގުކޮށް، ހަގީގަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް މި ގާނޫނުގެ ދަށުން ފޯރުކޮށްދޭ ހައްލުތައް މެދުވެރިކޮށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައެޅުމުގެ ގާނޫނެކެވެ. 

އެ ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި އަމަލެއްގެ ސަބަބުން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގެންފައިވާނަމަ، އެ އަމަލުތަކަށް ޒިންމާވާ ފަރާތްތައް މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޖަވާބުދާރީކުރުވައި، އެފަރާތްތަކުގެ އަމަލުތަކުގެ ސަބަބުން އަނިޔާ ލިބުނު ފަރާތްތަކަށް މި ގާނޫނުގެ ދަށުން ފޯރުކޮށްދޭ ހައްލުތަކުގެ ޒަރީއާއިން އިންސާފު ހޯދައިދިނުމާއެކު، ކުރިއަށް އޮތް ތަނުގައި އެފަދަ ކަންކަން ނުވާނެކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކޮށް، ގާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތުކުރުން ހިމެނެ އެވެ.

25%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
6%
ސަތޭކައަކުން ސުމެއް
19%
ވަރަށް ސަލާމް
ކޮމެންޓްސް