ads
އަހުމަދު ޝަރީޕް
ޝަރީފްގެ ކުއްލި މަރު: ބޮޑު ސިހުމެއް!
އިއްޔެ މުޅި ރާއްޖެ ސިއްސައިގެން ދިޔައީ ޒުވާނަކު ކުއްލި ގޮތަކަށް ދުނިޔެ ދޫކުރި ހަބަރު އަޑު އިވުމުންނެވެ. އެ ހަބަރު ވެގެން ދިޔައީ ގއ. މާމެންދޫ 47 އަހަރުގެ އަހުމަދު ޝަރީފްގެ އާއިލާއަށް ސިހުން ގެނުވި ހަބަރަކަށެވެ. ހީވެސް ނުކޮށް ހުއްޓާ ލޯބިވާ ފިރިމީހާ ދޫކޮށް ދިޔައީ އެވެ. އޯގާތެރި ކާފަ ކަފުނުގެ ހުދު ފޮތިކަނޑު ތެރެއަށް ގެއްލުނީ އެވެ.

އަހުމަދު ޝަރީފަށް ބޮޑުބޭބެ ކިޔާ އަހްމަދު އަޒްލީން ސީއެންއެމްއަށް މައުލޫމާތު ދެމުން ވިދާޅުވީ ޝަރީފްގެ މަރުގެ ހަބަރު ވެގެން ދިޔައީ މުޅި އާއިލާއަށް ވެސް ސިހުން ގެނުވި ހަބަރަކަށެވެ. އާއިލާގެ ފަރާތްތަކުން އަދިވެސް ހުރީ އެ ހާދިސާއިން އަރައި ނުގަނެވިފައި ކަމަށް ވެސް އޭނާ ބުންޏެވެ.

އެ ހާދިސާ ކިޔައިދެމުން އޭނާ ބުނީ އިއްޔެ ހަވީރު ބޭބެ ފުޓްބޯޅަ ކުޅެން ހުއްޓާ ބޭބެ ކުއްލިއަކަށް ވެއްޓުނީ ކަމަށެވެ. އަދި ނޭވާލުން ވަގަތުން ހުއްޓިގެން ދިޔަ ކަމަށެވެ. އެ ތަނުގައި ތިބި އެހެން ފަރާތްތަކުން އަވަސްވެގަތީ ސީޕީއާރު ދިނުމަށެވެ. އަދި ސީޕީއާރު ދިނުމުން ކުޑަކޮށް ނޭވާލީހެން ހީވި ކަމަށާއި ނަމަވެސް ހަތަރު ފަސް މިނެޓް ތެރޭގައި ޝަރީފްގެ ހަބަރު ހުސްވީ ކަމަށެވެ.

އަވަހަށް ވިލިގިނލި ހޮސްޕިޓަލަށް ބޭބެ ގެންދެވުނު ކަމަށާއި ނަމަވެސް އޭރުވެސް ބޭބެ އޮތީ މަރުވެފައި ކަމަށް އޭނާ ބުނެޏެވެ. ހޮސްޕިޓަލާ ހަވާލާދީ އޭނާ ބުނީ ބޭބެ މަރުވީ ހާޓް އެޓޭކެއްގައި ކަމަށެވެ. ނަމަވެސް ބޭބެއަކީ ހިތުގެ މައްސަލައެއް ހުންނަ މީހެއް ނޫން ކަމަށާއި ހަކުރު ބަލި އަދި ލޭ މައްޗަށް ދިޔުމުގެ މައްސަލަ ހުންނަ ކަމަށް އަޒްލީން ބުންޏެވެ.

އަހުމަދު ޝަރީފް ދުނިޔެއާ އަލްވަދާއު ކިޔާފައިވާ އިރު 26 އަހަރު އެކުގައި އުޅުނު އަނބިމީހާ ވަނީ ހުވަފަތްވެފަ އެވެ. އޭނާގެ ހަތަރު ކުދިންގެ ތެރެއިން 10 އަހަރުން ދަށުގެ ދެ ކުދިން ވަނީ ބައްޕަގެ ލޯބިން މަހްރޫމްވެފަ އެވެ. 

ގއ. ކޫއްޑޫގެ ޖެޓީ ސުޕާވައިޒަރަކަށް ހީވާގިކަމާއެކު މަސައްކަތް ކުރި އަހުމަދު ޝަރީފް ދުނިޔެއިން ވަކިވެ ދިޔައީ ގިނަ ބަޔަކު ރޮއްވާފަ އެވެ. ކުއްލިއަކަށެވެ. ނަމަވެސް އެ އާއިލާގެ ހަނދާނުގައި އެ އޯގާތެރި ބައްޕަ، ނިޔަނެތި ފިރިމީހާގެ ހަނދާންތައް އަބަދުވެސް ހުންނާނެ އެވެ.

8%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
74%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް