އެންމެ ފުރަތަމަ ދިޕަކް ކަލާލްއާ ކައިވެނިކުރަން ކަމަށް ބުނެ އެތައް ސަކަރާތެއް ޖެހި އެވެ. އޭގެ ފަހުން ރާކޭޝް ނަމަކަށް ކިޔާ ވިޔަފާރިވެރިއަކާ ކައިވެނިކޮށްފައިވާ ކަމަށް ބުނެ އިންސްޓަގްރާމަށް ފޮޓޯލި އެވެ. އެކަމަކު ރާކޭޝްގެ ފޮޓޯއެއްގެ ހިސާބު ވެސް މިއަދާ ހަމައަށް ދައްކާލާފައި ނުވެ އެވެ. މިހެންކަމުން، އެއީ ވެސް ރާކީ ހެދި ދޮގެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
ކޮންމެއަކަސް މިހާރު ކުރިއަށްދާ ބިގްބޮސްގައި ވެސް ރާކީ އޭނާގެ ފިރިމީހާ ވަރަށް މިސްވެގެން އުޅޭ ކަމަށް ބުނެ އެވެ. އަދި އެއްވެސް މީހަކު އެކަން ގަބޫލުނުކުރާތީ ރާކޭޝް އެންމެންގެ ކުރިމައްޗަށް އައުމަށް އޭނާ އެދިފައިވެ އެވެ. މިގޮތަށް އުޅޭތީ އޭނާގެ ވާހަކަ ގަބޫލުކުރަން އެންމެންނަށް ވެސް ދައްޗެވެ.
މިފަހުން ރާކީގެ މަންމަ މިވަނީ އޭނާގެ ދަރިފުޅުގެ ދިފާއުގައި ވާހަކަ ދައްކާފަ އެވެ. އެގޮތުން ރާކީގެ މަންމަ ބަލި އެނދުގައި މިވަގުތު ވެސް އޮތްއިރު ހޮސްޕިޓަލުގެ ހުރިހާ ހަރަދެއް ބަލަހައްޓަނީ ރާކީގެ ފިރިމީހާ ރާކޭޝް ކަމަށް އޭނާގެ މަންމަ ބުނެ އެވެ. އަދި ރާކީގެ ފިރިމީހާ ވަރަށް ރަނގަޅު ކަމަށާއި އޭނާ އިންޑިއާއަށް އައުމަށް މަސައްކަތް ކުރާ ކަމަށް ވެސް ބުނެ އެވެ. އެހެންނަމަވެސް އުޅެން ޖެހިފައިވާ ބިޒީކަމުން ނާދެވިގެން އުޅެނީ ކަމަށް ވެސް ބުނެ އެވެ.
ބިގްބޮސްއަށް ރާކީގެ ފިރިމީހާ ގެނައުމުގެ މަސައްކަތް ކުރާ ކަމަށް ވެސް އަޑުތައް އެރި އެވެ.
ނެށުންތެރިއެއްގެ ގޮތުގައި މަގްބޫލު ރާކީ ވަނީ "މެއިން ހޫ ނާ" އާއި "އޭކް ކަހާނީ ޖޫލީ ކީ" އަދި "ޗުރާ ލިޔާ ހޭ ތުމްކޭ" ފަދަ ފިލްމުތަކުގައި މަސައްކަތް ކޮށްފަ އެވެ. އޭނާ ވަނީ ކަލާސް ޓީވީން ދައްކަމުން އަންނަ މަޝްހޫރު ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ ފުރަތަމަ ސީޒަނުން ވެސް ފެނިގެންގޮސްފަ އެވެ.
ރާކީ އުޅޭ ގޮތް މަޖާވެގެން ގިނަ ބަޔަކު އެ ވާހަކަ ދައްކަމުން އަންނައިރު މި ފަހަރުގެ ޝޯ މަޖާވާ ސަބަބަކީ އެއީ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.