ads
ވީޑިއޯ ރިޕޯޓް-
65 އަހަރުގެ އަނިޔާއަށް އިންސާފު ހޯދަން އެންމެ ދެ އަހަރު!
އިންތިގާލީ އިންސާފުގެ ބިލު މަޖިލީހަށް ހުށަހެޅުނު ދުވަސް ވެގެން ދިޔައީ ގިނަ ބަޔަކަށް ވަރަށް އުފާވެރި ދުވަހަކަށެވެ. އެ ދުވަސްވީ އެކި މައްސަލަތަކަށް އިންސާފު ލިބިދާނެ ކަމުގެ އުއްމީދުގައި ތިބި މީހުންނަށް ލިބުނު އިތުރު ހިތްވަރަކަށެވެ. އިންސާފު ލިބޭނެ ކަމުގެ ކުޑަނަމަވެސް އުއްމީދަކަށެވެ.
Advertisement

އިންތިގާލީ އިންސާފުގެ ބިލު އޮކްޓޫބަރު 28 2019 ގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅީ، މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އެވެ. އަދި މި ބިލު މަޖިލީހުން ބަލައިގަތީ އެ އަހަރުގެ ނޮވެމްބަރު މަހު 27ގަ އެވެ.

އޭގެ ފަހުން މަޖިލީހުގައި މި ބިލަށް ބަހުސް ކޮށް، ކޮމެޓީ މަރުހަލާގައި ބިލަށް ވާހަކަ ދައްކާ، ބިލަށް ގެންނާނެ ބަދަލު ގެނައުމަށްފަހު މަޖިލީހުން މި ބިލު ފާސްކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 29 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އެ އަހަރުގެ ތިންވަނަ ދައުރުގެ 23 ވަނަ ޖަލްސާގަ އެވެ. އަދި މި ބިލު ގާނޫނަކަށް ބަދަލުވެގެން ދިިޔައީ ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހު 17ގައި މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމާއެކު އެވެ.

އިންތިގާލީ އިންސާފުގެ ގާނޫނަކީ ކޮބާ؟

އިންތިގާލީ އިންސާފުގެ ގާނޫނަކީ ކޮބާތޯ ބެލުމުގެ ކުރިން އިންތިގާލީ އިންސާފަކީ ކޮބާކަން އެނގުން މުހިއްމެވެ. އިންތިގާލީ އިންސާފު ނުވަތަ ޓްރާންސިޝަނަލް ޖަސްޓިސް އަކީ ދިގު މުއްދަތެއްގައި ކޮށްފައި ހުރި އިންސާނީ ހައްގުތަކާއި މިނިވަންކަމާ ހިލާފު ކަންކަމަށް ޝަރުއީ ދާއިރާގެ ތެރެއިން އަދި ބޭރުން، ރައްޔިތުންގެ އިތުބާރު ހުރި ގޮޮތެއްގައި މި ކަންކަން ބެލޭނެ ނިޒާމެއް ގާއިމު ކުރުމެވެ. މިއީ އަނިޔާއާއި ގެއްލުން ލިބުނު މީހުންނަށް އެކަށީގެންވާ އިންސާފާއި ބަދަލު ހޯދައިދިނުމަށް އެކުލަވާލާފައިވާ ގާނޫނެކެވެ.

މި ގާނޫނަކީ ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ފެށުނު ދުވަސް، 1 ޖަނަވަރީ 1953 އިން ފެށިގެން މިހާރުގެ ސަރުކާރުގެ ވެރިކަން ފެށުނު ދުވަސް، 17 ނޮވެމްބަރު 2018 އާއި ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތައް ބަލައި، ތަހުގީގުކޮށް، ހަގީގަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް މި ގާނޫނުގެ ދަށުން ފޯރުކޮށްދޭ ހައްލުތައް މެދުވެރިކޮށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައެޅުމުގެ ގާނޫނެކެވެ.

މި ގާނޫނު ފާސްކުރީ އިންސާފުގެ އިންތިޒާރުގައި ތިބި އެތައް ބަޔަކަށް އިންސާފު ހޯދައިދިނުމުގެ ވައުދާއެކުއެވެ. އެކި ސަރުކާރުތަކުގައި އެ ސަރުކާރުންގެ ބޮޑުންނާއި ހުރެ ނާއިންސާފާއި ކުރިމަތިލާން ޖެހުނު އެކި ރައްޔިތުންނަށް ހައްގު އިންސާފު ހޯދައި ދިނުމަށެވެ.

އެގޮތުން މި ގާނޫނުގެ ދަށުން އުފެއްދި އޮމްްބަޑްސްޕާސަންގެ އޮފީހުގެ ޗީފް އޮމްބަޑްސްޕާސަން އަދި އޮމްބަޑްސްޕާސަންގެ މަގާމަށް ހޮނިހިރު ދުވަހު ރައީސް ސޯލިހު ވަނީ ދެބޭފުޅުން އައްޔަން ކުރައްވާފައެވެ. އޮމްްބަޑްސްޕާސަންގެ އޮފީހަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި، ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ ގާނޫނީ ޝަހުސެއް ކަމަށް އިންތިގާލީ އިންސާފުގެ ގާނޫނުގައި ބުނެފައިވެއެވެ. އަދި މި އޮފީހަށް އަމިއްލަ ނަމުގައި މުއާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ ކަމަށާއި، ވަކި ސިއްކައެއް އޮންނާނެ ކަމަށް މި ގާނޫނުގައިވެއެވެ.

މި އޮފީހުގެ ދައުރުގެ ގޮތުގައި ގާނޫނުން ކަނޑައަޅާފައިވަނީ ދެ އަހަރެވެ. ނަމަވެސް މި އޮފީހުގެ މަސައްކަތް ނިމުމުން އޮފީސް އުވާލެވޭނެ ކަމަށް މި ގާނޫނުގައިވެއެވެ. އަދި ދެ އަހަރު ދުވަހުގެ މުއްދަތުގައި މި އޮފީހުގެ މަސައްކަތް ނިންމޭނެ ކަމަށް ރައީސްއަށް ގަބޫލުނުކުރެވޭނަމަ، އެ މުއްދަތު ހަމަވުމުގެ 30 ދުވަސް ކުރިން އެ އޮފީހުގެ މަސައްކަތް ނިންމާނެ ނިޒާމެއް ރައީސުލްޖުމްހޫރިއްޔާ ގާއިމް ކުރަން ޖެހޭ ކަމަށް މި ގާނޫނުގައި ވެއެވެ.

މި ގާނޫނުގެ ދަށުން އޮމްްބަޑްސްޕާސަންގެ އޮފީހު މަސައްކަތް ކުރުމަށް ހަމަޖައްސާފައިވަނީ އަނިޔާ ލިބިފައިވާ ފަރާތާއި އަނިޔާ ދިން ފަރާތް ސުލްހަވެރިކުރުމަށް ކަމަށް މި ގާނޫނުގައިވެއެވެ. އަދި ދެ ފަރާތް ސުލްހަވެރި ކުރުމަށް އެ އޮފީހުން ކުރާ މަސައްކަތަށް އެއްވެސް ފަރާތަކުން އެއްބާރުލުން ނުދީފިނަމަ، ދެ ފަރާތާއި ވާހަކަ ފައްކައިގެން ދެ ފަރާތް ސުލްހަވެރިކުރަން ކުރެވެން ހުރި އެންމެހާ ގޮތްތައް ހޯދާ، ދެ ފަރާތް ސުލްހަވެރިކުރުމަށް އޮމްްބަޑްސްޕާސަންގެ އޮފީހުން މަސައްކަތް ކުރަން ޖެހޭ ކަމަށް މި ގާނޫނުގައިވެއެވެ.

އަނިޔާ ލިބިފައިވާ ފަރާތާއި އަނިޔާ ދިން ފަރާތް ސުލްހަވެރި ނުކުރެވިއްޖެ ހާލަތެއްގައި ދައުވާ ކުރުމަށް އެކަށީގެންވާ ހެކި ހުރިނަމަ، އެފަދަ މައްސަލަތަކުގައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް މައްސަލަ ފޮނުވުމަށް މި ގާނޫނުގައި ބަޔާން ކޮށްފައިވެއެވެ. އަދި މަދަނީ ގެއްލުމުގެ ބަދަލު ހޯދުމާއި، މުދަލާއި ފައިސާ އަނބުރާ ހޯދުމުގެ ކަންކަން ހިމެނޭ ހާލަތެއްގައި، އެ މައްސަލަތަކުގައި ފިޔަވަޅު އެޅުމަށް ބަންޑާރަ އޮފީހަށް ފޮނުވަން މި ގާނޫނުގައި ކަނޑައަޅާފައިވެއެވެ.

އިންސާފަކީ ކޮންމެ މީހެއްގެ ހައްގެއް، އިންސާފު ލިބިދޭން ޖެހޭ!

މި ރާއްޖޭގައި އިންސާފު ނުލިބޭ އެތައް މައްސަލަތަކެއް އެބަހުއްޓެވެ. އެކި މީހުންގެ މަރުގެ މައްސަލަތަކާއި، ޖަލުތަކުގައި ނާއިންސާފާއި ކުރިމަތިލި މީހުންގެ އިތުރުން ސަރުކާރުގެ އެކި އިސްމަގާމުތަކުގައި ތިބި މީހުންނާއި ގުޅިގެން އެކި ކަހަލަ ނާއިންސާފާއި ކުރިމަތިލި މީހުންވެސް އެބަތިއްބެވެ. 

މިގޮތުން ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައިވެސް އެތައް ރައްޔިތުންނަކަށް ނުހައްގުން އަނިޔާ ދީފައިވެއެވެ. ޖަލުގައި އެކި މީހުންނާއި މެދު އަމަލު ކުރި ގޮތުގެ ވާހަކައަކީ އަދިވެސް ތުންތުން މަތިންވެސް އިވޭ ވާހަކަތަކެވެ. ހަމައެއާއެކު ތާރިހު ހެކިދޭ ކަންކަމެވެ. ގައިމުވެސް އައްޑޫ، ފުވައްމުލަކު އަދި ހުވަދު އަތޮޅު ވަކި ދައުލަތެއް އުފެއްދުމަށް ކުރި މަސައްކަތުގައި އެ އަތޮތަކުގެ މީހުންނަށް ލިބިފައިވާ އަނިޔާތަކަކީ އަދާއި ޖެހެންދެން އިންސާފު ނުލިބި ހުރި ކަންކަމެވެ. މިއީ ހައްތަހާވެސް އިންސާފު ހައްގު ކަންކަމެވެ. 

ދެން އައި ރައީސް މައުމޫންގެ ދިގު 30 އަހަރުގެ ވެރިކަމުގައި ޖަލުތަކުގައި ނުހައްގުން އެކި މީހުންނަށް އަނިޔާދިން ވާހަކަތަކަކީ ދުވަހަކުވެސް ހަނދާން ނުނެތޭ ފަދަ ކަންކަމެވެ. ހާއްސަކޮށް ސިޔާސީ ކުށްވެރިންގެ ގޮތުގައި ޖަލުތަކުގައި އަނިޔާ ދިން މީހުންގެ ލިސްޓު ވަރަށް ދިގެވެ. ގައިމުވެސް އީވާން ނަސީމުގެ މަރަކީ ގިނަ ބަޔަކު އަދިވެސް ރަނގަޅަށް ހަނދާން ހުންނާނެ މަރެކެވެ. މިފަދަ އަނިޔާތަކަށް އިންސާފު ހޯދައިދިނުމަށް މިހާރުވެސް މާލަސްވެއްޖެއެވެ.

ދެން އައީ ރައީސް ނަޝީދާއި ރައީސް ވަހީދުގެ ވެރިކަމެވެ. މި ވެރިކަމުގައިވެސް ޖަލުތަކުގައި އަނިޔާދޭކަމުގެ ވާހަކަތައް އިވިފައި އެބަހުއްޓެވެ. އެންމެ ފަހުން ވެރިކަމުން ފޭބި ރައީސް ޔާމީންގެ ވެރިކަމުގެ ހާލަތަކީވެސް މިއީއެވެ. ގައިމުވެސް މި އަނިޔާވެރިކަން ތަހައްމަލު ކުރި އެންމެނަށް އިންސާފު ހައްގެވެ. މި ގާނޫނަކީ މި ކަމަށް ލިބުނު އުއްމީދެކެވެ.

މި ގާނޫނަކީ ސިޔާސީ މަގުސަދެއް، ނޫނީ ސަރުކާރު ކަރަށް މެހުނު މަޅިއެއް؟

ސުލްހައާއި ހަމަޖެހުން ގާއިމު ކުރުމަށް ސަރުކާރުން މަޖިލީހަށް ހުށަހެޅި މި ބިލު ފާސްކުރިއިރު، މި ގާނޫނަކީ ސިޔާސީ ބޭނުމެއްގައި، ވަކި ބައެއްގެ ކިބައިން ބަދަލު ހިފުމަށް ފާސް ކުރި ގާނޫނެއް ކަމަށް ތުހުމަތު ކުރާ މީހުން މަދެއް ނޫނެވެ. އަދި ގިނަ ބަޔަކު ވަނީ މި ގާނޫނަކީ ސަރުކާރުގެ ކަރަށް މެހޭ މަޅިއެއް ކަމަށްވެސް ތުހުމަތު ކޮށްފައެވެ.

މި ގާނޫނާއި ގުޅިގެން ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވަނީ މި ގާނޫނުގެ ސަބަބުން ރުޅިވެރިކަމާއި ބައިބައިވުން އުފެދިގެންދާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ސުނާމީގެ ބިރުވެރި ހާލަތުން އަރައިގަތީ އެކުގައި ކަމަށާއި 16 އަހަރަށް ފަހު މިގައުމުގެ ރައީސްއަށް، އެއްބައިވަންތަކަމަށް ވުރެ ބޮޑަށް ވިސްނުނު އެންމެ މޮޅު އުކުޅަކީ 1953 އާއި ހަމައަށް އަތްފުނާ އަޅައި ފަރުދުންގެ މައްސަލަތައް އުފަންކޮށް ނަފުރަތާއި ރުޅިވެރިކަމާއި ބައިބައިވުން އުފެއްދުން ކަމަށް އިދިކޮޅުން އަންނަނީ ތިހުމަތު ކުރަމުންނެވެ. 

މި ބިލަކީ ސިޔާސީ ވަކި މަންފާއެއް ހޯދުމަށް މީހުން ބުނާ ބުނިމަކީވެސް ކަމަކުން ކަމެއް ނެތި ކުރާ ތުހުމަތެއް ނޫނެވެ. އެގޮތުން މިއީ ސިޔާސީ ބިލެއްކަމަށް ބުނާ މައިގަނޑު ސަބަބަކީ އެންމެ ފުރަތަމަ މި ބިލު ހުށަހެޅި އިރު، 1 ޖެނުއަރީ 2012 އިން 17 ނޮވެންބަރު 2018 އާއި ހަމައަށް ބިލުގައި މުއްދަތު އޮތުމެވެ. އޭރު ފާޑުކިޔަމުން ދިޔައީ އެއީ އެ މުއްދަކީ މިހާރުގެ އިދިކޮޅު މައިޕާޓީ ޕީޕީއެމްއާއި އެ ޕާޓީގެ އިސްވެރިން ހިމެނޭ ސަރުކާރުތަކެއް އެ މުއްދަތުގައި އޮތުމުންނެވެ. ފާޑުކިއުންތަކާއެކު އެ މުއްދަތު 1953 ވަނަ އަހަރާއި ހަމަައަށް ދިގު ދަންމާލިއެވެ. ނަމަވެސް އަދިވެސް މި ބިލުގެ ދަށުން އުފައްދާ އޮފީސް ދެމި އޮންނާނީ 2 އަހަރަށް ކަމަށް އޮތް އޮތުމަށް ބަދަލެއް ނުގެނެއެވެ. މިހެންކަމުން އެފަދަ ކުރުމުއްދަތެއްގައި 65 އަހަރު ދުވަހުގެ ނާއިންސާފު ބެލުމަށް އެންމެ ދެ އަހަރު އެކަށީގެންވާނީ ކިހިނެއްތޯއެވެ؟ 

މި ގާނޫނަކީ ރާއްޖޭގައި ޖުމްހޫރީ ވެރިކަން ނުވަތަ ރައްޔިތުންގެ ވެރިކަން ފެށުނީއްސުރެ މި ޒަމާނާއި ހަމައަށް ހިންގާފައި ހުރި މައްސަލަތަކަށް އިންސާދފު ހޯދައި ދިނުމަށް އެކުލަވާލައިފައިވާ ބިލެކެވެ. އުފެދޭ ސުވާލަކީ މި ބިލުން ރައްޔިތުންނަށް އެކަށީގެންވާ ގޮތަކަށް އިންސާފު ހޯދިދާނެތޯއެވެ؟ އިންސާފު ލިބޭތޯ ތިބި އެތަށް ދިވެހިންނަށް އިންސާފު ހޯދުމަށް ލިބުނު މި ކުޑަ އުއްމީދުގެ އަލިކޮޅުން އެމީހުންނަށް އިންސާފު ލިބޭނެތޯއެވެ؟ ނޫންނަމަ މިއީ 2 އަހަރެއްހާ ދުވަހަށް ދައްކާލި ދަޅައެއްތޯއެވެ؟ ނޫނީ މިކަންވެސް ވެގެންދާނީ އިންސާފުގެ ނަމުގައި، ސިޔާސީ ފައިދާއަށް، ވަކި ބައެއްގެ ކިބައިން ބަދަލު ހިފުމަށް ޖަހާ މަޅިއަކަށް ތޯއެވެ؟ 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް