
މި ވާހަކަ މި ދުވަސްވަރު ބޮޑަށް ދެކެވެމުން ދަނީ ޓޫރިޒަމް ދާއިރާއަށް ހާއްސަކޮށް އެންވަޔަރްމެންޓް މިނިސްޓްރީން މާ ކުރިން ހަދާފައިވާ ގަވާއިދަކަށް ބަލައި ރިސޯޓުތަކުން އުފެދޭ ކުނި ކަނޑަށް އަޅަމުން އަންނަ މައްސަލައަށް ހައްލެއް ހޯދަން ރައްޔިތުންގެ މަޖިލީހުގެ އެންވާރަމަންޓް ކޮމިޓީން މަސައްކަތް ފަށާފައި ވާތީ އެވެ. މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް އިންޑަސްޓްރީޒް (މަޓީ) ގެ ވެރިން އިއްޔެ ވަނީ ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ.
ކޮމިޓީގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ގެންދަވަނީ ރިސޯޓުތަކުން އަމަލު ކުރާ ގޮތަށް ތަކުރާރުކޮށް ފާޑުވިދާޅުވަމުންނެވެ. އަދި ކުއްލިއަކަށް ގަވާއިދަށް ބަދަލު ގެނެސްފި ނަމަ ވިޔަފާރިތައް ބަނގުރޫޓުވެދާނެ ކަމަށް މަޓީން ބުނުމުން ބޮންޑޭ ވިދާޅުވީ ފަޅު ރަށްތަކުގައި ރިސޯޓު ހަދަން ދޫކުރީ ކުއްލިއަަކަށް ނޫން ކަމަށާއި ކުނި މެނޭޖް ކުރުމާއި ކުނި ނައްތާލާނެ ދުނިޔޭގައި ލެއްވިހާ ވަސީލަތެއް ބޭނުން ކުރާނެ ކަމަށް ރިސޯޓު ހޯދުމަށް ބިޑްކުރާ ލިޔެކިޔުންތަކުގައި ހުންނާނެ ކަމަށެވެ.
މި ވާހަކަތަކަށް ފަހު އިއްޔެ ބޮންޑޭ ވަނީ ސޯޝަލް މީޑިއާގައި އެތައް ބަޔަކު ކަންބޮޑު ކުރުވި ފޮޓޯތަކެއް އާއްމުކޮށްފަ އެވެ. އެ ފޮޓޯތަކުން ފެންނަނީ ރާއްޖޭގެ ރަށެއްގެ މޫދަށް ކުނި އަޅާފައި އޮތް މަންޒަރެވެ. މިއީ ކުނި މެނޭޖުކުރާނެ ނިޒާމެއް ނެތް ރަށްރަށުގައި އާދައިގެ މަތިން ކަންކުރާ ގޮތަށްވާ އިރު، އެ ފޮޓޯތައް ފެނި ގިނަ ބަޔަކު އެންމެ ކަންބޮޑުވީ އެ ފޮޓޯތައް ނިސްބަތްވާ ރަށް އެނގުމުންނެވެ. އެއީ ރާއްޖޭގައި ގެސްޓުހައުސްގެ ވިޔަފާރި އެންމެ ފުޅާ ދާއިރާއަށް އެންމެ ކާމިޔާބު ކަމާއެކު ކުރަމުން އަންނަ ކ. މާފުށީގެ ހާލަތެވެ.
"އެއްކޮޅުން ރާއްޖޭގެ ޓުއަރިޒަމް ޕްރޮމޯޓް ކުރަނީ އެވެ. އަނެއްކޮޅުން ރާއްޖޭގެ ޓުއަރިޒަމް ޑީމޯޓް ކުރަނީއެވެ! މި މަންޒަރަކީ ކ. މާފުށީގެ މަންޒަރެކެވެ. މިއަދުގެ މަންޒަރަކެވެ! ގެސްޓުހައުސް އޮޕަރޭޓް ކުރާ ރަށްތައް މި ހާލަތަށް ދާއިރު ކަމާބެހޭ އިދާރާތަކަށް ހޭވެރިކަމެއް ނާދެއެވެ!،" ބޮންޑޭ ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައި ވެއެވެ.
އެއާއެކު ޕޯސްޓަށް ކޮމެންޓު ކުރި ބައެއް މީހުންގެ ނުރުހުން އަމާޒުވީ މާފުށީގެ ކައުންސިލަށެވެ. ކައުންސިލަކުން ހިންގާ ރަށެއްގައި ކުނީގެ ހާލަތު އެ ދަރަޖައަށް ދިޔުމަކީ ކަންބޮޑުވާން ޖެހޭ މައްސަލައެއްގެ ގޮތުގައި ބައެއް މީހުން ފާހަގަކުރި އެވެ. އަދި މާފުށީގެ ވިޔަފާރިވެރިންނަށް ވެސް އެތައް ބަޔަކު ފާޑުކިޔާފައި ވެއެވެ.
މާފުށީ ކައުންސިލުގެ ނައިބު ރައީސް ނަޝީދާ އާދަމް މިއަދު ސީއެންއެމްއަށް ވިދާޅުވީ އެ ރަށުގެ ކުނީގެ މައްސަލައަކީ ކައުންސިލާއި ރަށުގެ ރައްޔިތުންގެ ވެސް އެންމެ ބޮޑު ކަންބޮޑުވުން އޮތް މައްސަލަ ކަމަށެވެ. ނަމަވެސް ކަމާ ބެހޭ އިދާރާތަކާ ތަކުރާރުކޮށް މަޝްވަރާކޮށްގެން ވެސް އެކަމަށް ހައްލެއް ހޯދިފައި ނުވާ ކަމަށް ނަޝީދާ ވިދާޅުވި އެވެ.
"2020 ވަނަ އަހަރު މި ރަށަށް ގެނައި ބޮޑު އިންސިނެރޭޓަރެއް. އެ ސިސްޓަމް ގެނެސް ބެހެއްޓި ނަމަވެސް، މިއަދާ ހަމައަށް އެ ބޭނުން ކުރެވޭ ގޮތެއް ނުވޭ. އެއަށް ބޭނުންވާ ވެހިކަލް އާއި އެހެން ތަކެތި އަދިވެސް ރަށަކަށް ނުލިބޭ. އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން އަވަސް ކުރެވޭތޯ. އެކަމަކު އަދިވެސް އިންސިނެރޭޓަރު ބޭނުން ކުރެވޭނެ ދުވަހެއް ނޭނގޭ،" ނަޝީދާ ވިދާޅުވި އެވެ.
ނަޝީދާ އެހެން ވިދާޅުވިއިރު، ފޮޓޯތައް ފެނި ހިޔާލުފާޅުކުރި ބައެއް މީހުން ވަނީ ތިމާވެށި ރައްކާތެރި ކުރުމުގެ މަސައްކަތަށް ހޭދަކުރުމަށް ނަގަމުންދާ ގްރީން ޓެކްސް ބޭނުންކޮށްގެން ސަރުކާރުން ކުރަނީ ކޮން ކަމެއްތޯ ސުވާލު އުފައްދާފަ އެވެ. ގްރީން ޓެކްސްގެ ގޮތުގައި އެންމެ ބޮޑު މިންވަރު ދައްކާ އެއް ރަށަކަށް ހަމަ ގައިމުވެސް މާފުށި ވާނެ އެވެ. އެކަމަކު އެ ރަށުގެ ކުނީގެ މައްސަލަ އޮތް ހާލަތަށް ބަލާއިރު، މި ޓެކުހުގެ ފައިދާ އެ ރަށަށް ކުރާ ކަމަކަށް ނުބެލެވެ އެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އެންމެ ފަހުން އާއްމުކުރި ތަފާސްހިސާބަށް ބަލާއިރު، ނިމުނު ޑިސެމްބަރު މަހު އެކަނިވެސް ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 25 މިލިއަން ރުފިޔާ ލިބުނެވެ. ނިމުނު އަހަރުގެ ޖެނުއަރީން ޑިސެމްބަރަށް ބަލާ ނަމަ، 351 މިލިއަން ރުފިޔާ ގްރީން ޓެކްސްގެ ގޮތުގައި ލިބުނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބަށް ބަލާއިރު، މާފުށީގައި މި ވަގުތު ރަޖިސްޓްރީކޮށްގެން 42 ގެސްޓުހައުސް ހިންގަމުން ދެއެވެ. މި ތަންތަނުގައި ހުރި ޓޫރިސްޓް ކޮޓަރީގެ އަދަދު 1،000 އަށް ވުރެ މައްޗެވެ. ކޮވިޑް-19 އާ ގުޅިގެން އައި ލޮކްޑައުނަށް ފަހު ބޯޑަރު ހުޅުވާލުމުން ވެސް ގިނަ އަދަދެއްގެ ފަތުރުވެރިން މާފުއްޓަށް އަންނަމުން ދެއެވެ. ފަތުރުވެރިންގެ މެދުގައި މާފުށީގެ މަގްބޫލުކަމަށް ބަދަލެއް ނާންނައިރު، ފަތުރުވެރިންގެ އަތުން ނަގާ ގްރީން ޓެކްސްއިން އެންމެ ގިނަ ފައިސާ ލިބޭނެ އެއް ރަށަކަށް އެ ރަށް ވާނެ އެވެ.
މާފުށީގެ ކުނީގެ މައްސަލައާ ގުޅޭ ގޮތުން އެންވާރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އަހްމަދު މުރުތަޒާ މިއަދު ސީއެންއެމްއަށް ވިދާޅުވީ މާފުއްޓަކީ ލޯކަލް ޓޫރިޒަމް ފުޅާ ދާއިރާއެއްގައި ހިނގާ ރަށަކަށް ވާތީ އެރަށުގެ ކުނީގެ މައްސަލައިގެ ކަންބޮޑުވުންތައް މިނިސްޓްރީއަށް ވަރަށް ގިނައިން ލިބޭ ކަމަށެވެ. އަދި އެކަމަށް ވަގުތީ ހައްލެއް ހޯދުމުގެ ގޮތުން އިންސިރެރޭޓަރެއް އިންސްޓޯލުކޮށް، ބޭނުކުރެވޭނެ ގޮތް ހަދާފައިވާ ކަމަށް މުރުތަޒާ ވިދާޅުވި އެވެ.
އޭގެ އިތުރުން އޭނާ ވިދާޅުވީ އިންސިނެރޭޓަރު ބޭނުން ކުރުމަށް ކޮންމެހެން ވެހިކަލެއް ބޭނުން ނުވާނެ ކަމަށެވެ. ވެހިކަލް ނެތި އެކަން ކުރަން ކުޑަކޮށް އުނދަގޫވެދާނެ ކަމަށާއި ނަމަވެސް ވެހިކަލް ނެތިވެސް އިންސިނެރޭޓަރު ބޭނުން ކުރެވޭނެ ކަމަށް މުރުތަޒާ ވިދާޅުވި އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މިނިސްޓްރީގެ ބަޖެޓު ހުރި ގޮތުން މި ވަގުތު ރަށްރަށަށް ވެހިކަލް ފޯރުކޮށްދިނުމަކީ ފަސޭހަ ކަމެއް ނޫނެވެ. އޭގެ އިތުރުން ގްރީން ޓެކްސް ތިމާވެށީގެ ކަންކަމަށް ބޭނުން ނުކުރާ ކަމަށް ދެކެވޭ ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑަކަށް ނޭނގޭ ދެން ކީއްވެގެން ކަމެއް ބައެއް މީހުން އެހެން ބުނަމުން ދަނީ. މިހާރު ވެސް ގްރީން ޓެކްސް ބޭނުންކޮށްގެން އަޅުގަނޑުމެން ވާނީ ތިމާވެއްޓާ ގުޅޭ ގިނަ މަޝްރޫއުތަކެއް ރަށްރަށުގައި ހިންގާފައި،" މުރުތަޒާ ވިދާޅުވި އެވެ.
ކޮންމެއަކަސް ފަތުރުވެރިންނާއި ދިވެހިންގެ މެދުގައި ވެސް ހިތްފަސޭހަކޮށްލަން ދާން މަގްބޫލު މާފުށީގެ ނުފެންނަ ފަރާތް މި ފޮޓޯތަކުން މި ވަނީ އެތައް ބަޔަކަށް ފެނިފަ އެވެ. އަދި ފަތުރުވެރިކަމަށް ބަރޯސާވެފައިވާ މާފުށި ފަދަ ރަށަކުން މިފަދަ މަންޒަރެއް ފެނިގެން ނުވާނެ ކަމަށް އެންމެން ވެސް އެއްބަސްވެ އެވެ. ފަތުރުވެރިކަން ޕްރޮމޯޓު ކުރަމުން ދާއިރު، ފަތުރުވެރިކަން ޑީމޯޓްވާ ފަދަ އެންމެހާ ކަންކަމުން ދުރުވާން އެބަ ޖެހެ އެވެ. އަނެއްކޮޅުން މީގެ ގެއްލުން އޮތީ ހަމައެކަނި ފަތުރުވެރިކަމާއި އިގްތިސާދަކަށް ވެސް ނޫނެވެ. އެހެންކަމުން މިއީ ވީ އެންމެ އަވަހަކަށް ހައްލު ކުރަން ޖެހޭ ބޮޑު މައްސަލަ އެކެވެ.