ads
ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ރިސޯޓުތަކުން ކަނޑަށް ކުނި އަޅާތީ ނަޝީދު ވެސް ކަންބޮޑުވެވަޑައިގެންފި
ރިސޯޓުތަކުގައި އުފެދޭ ކުނި ކަނޑަށް އަޅާ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މި ވާހަކަ މި ދުވަސްވަރު ބޮޑަށް ދެކެވެމުން ދަނީ ޓޫރިޒަމް ދާއިރާއަށް ހާއްސަކޮށް އެންވަޔަރްމެންޓް މިނިސްޓްރީން މާ ކުރިން ހަދާފައިވާ ގަވާއިދަކަށް ބަލައި ރިސޯޓުތަކުން އުފެދޭ ކުނި ކަނޑަށް އަޅަމުން އަންނަ މައްސަލައަށް ހައްލެއް ހޯދަން މަޖިލީހުގެ އެންވާރަމަންޓް ކޮމިޓީން މަސައްކަތް ފަށާފައި ވާތީ އެވެ. 

މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ސައްލެ) ވަނީ ރިސޯޓެއްގެ ދޯންޏަކުން ކަނޑަށް ކުނި އަޅާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާއަށް ދޫކޮށްލައްވާފަ އެވެ.

"ރާއްޖޭގެ ރިސޯޓުތަކުން ދުވާލެއްގެ މައްޗަށް 389 ޓަނުގެ ކުނި އުފައްދާ ކަމަށް ލަފާ ކުރެވޭއިރު، އޭގެ ތެރެއިން 233 ޓަނަކީ ކާބޯތަކެތީގެ ނުވަތަ އޯގެނިކް ކުނި. ގަވާއިދުގެ ދަށުން މިފަދަ ކުނިތައް ކަނޑަށް އެޅުމުގެ ހުއްދަ ރިސޯޓުތަކަށް ލިބިފައިވޭ. މި ވަރަށް ކުނި އަޅަމުން ދާ ނަމަ ގުދުރަތީ ގޮތުން މެނޭޖު ކުރެވޭ ވަރަށް އިތުރުވެދާނެ. އަޅުގަނޑުމެން ގަވާއިދު ބަދަލު ކުރަން ޖެހޭ،" ސައްލެ ވިދާޅުވި އެވެ. 

އެ ވީޑިއޯ ފެނި އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދާއިރު، އޭގެ ތެރޭގައި ނަޝީދު ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެމަނިކުފާނު ވިދާޅުވީ ކުނި ނައްތާލުމަށް މޫދަށް ކުނި އެޅުމަށް ވުރެ މާ ރަނގަޅު ގޮތްތައް ހުންނާނެ ކަމަށެވެ.

"މިއީ ބޮޑު މައްސަލައެއް އަދި ރިސޯޓުތަކުގެ އަދަދު އިތުރުވާ ވަރަކަށް މައްސަލައިގެ ބޮޑުކަން އިތުރުވާނެ. ޔަގީނުން ވެސް މިކަމަށް މާ ރަނގަޅު ހައްލުތައް އެބަހުރި، ކޮމްޕޯސްޓު ހެދުން ނުވަތަ ކާބޯތަކެތީގެ ކުނިން ބަޔޯގޭސް އުފެއްދުން؟ މީހުން ރާއްޖޭގައި ޗުއްޓީ ހޭދަކުރަނީ ރާއްޖޭގެ ގުދުރަތީ ރީތި މާހައުލުގެ ސަބަބުން. އަޅުގަނޑުމެން އެ ރީތިކަން ހަލާކު ކުރަމުން ދާއިރު، އޭގެ ގެއްލުން ވާނީ ވެސް ހަމަ އަޅުގަނޑުމެންނަށް،" ނަޝީދު ވިދާޅުވި އެވެ. 

އިއްޔެ މި މައްސަލާގައި މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް އިންޑަސްޓްރީޒް (މަޓީ) ގެ ވެރިން ވަނީ ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ. އެ ފަރާތްތަކުން ބުނީ ކުއްލިއަކަށް ގަވާއިދު ބަދަލުކޮށްފި ނަމަ ވިޔަފާރިތައް ބަނގުރޫޓުވެދާނެ ކަމަށެވެ. 

އެކަމާ ގުޅިގެން ކޮމިޓީގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވީ ފަޅު ރަށްތަކުގައި ރިސޯޓު ހަދަން ދޫކުރީ ކުއްލިއަަކަށް ނޫން ކަމަށާއި ކުނި މެނޭޖް ކުރުމާއި ކުނި ނައްތާލާނެ ދުނިޔޭގައި ލެއްވިހާ ވަސީލަތެއް ބޭނުން ކުރާނެ ކަމަށް ރިސޯޓު ހޯދުމަށް ބިޑްކުރާ ލިޔެކިޔުންތަކުގައި ހުންނާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް