
އޭޕްރިލް 1، 1995 ގައި އެމްޑަބްލިއުއެސްސީ އުފެދުމާ ހަމައަށް ދިވެހިން ދިރިއުޅެމުން އައީ އެގޮތަށެވެ. ބަނޑިޔަލުގައި ބޯފެން ރައްކާކޮށް، ވަޅުން ފެންވަރައިގެންނެވެ. ޒަމާންތަކެއް ވަންދެން ދިރިއުޅުމުގެ ވައްޓަފާޅި އެގޮތަށް ދިޔަ ނަމަވެސް ވަކި ހިސާބަކުން އާބާދީ ބޮޑުވެ، ފެނުގެ ޑިމާންޑު ބޮޑުވުމުން މާލޭގެ ފެން ފަށަލަ ލޮނުވާން ފެށި އެވެ. މި ސަބަބަށްޓަކާ ސާފު، ރައްކާތެރި ބޯފެނުގެ މުހިއްމުކަން އިތުރުވި އެވެ. އެއާއެކު އޭރުގެ ސަރުކާރުން މިކަމުގެ މަސައްކަތް ފެށި އެވެ.
އެމްޑަބްލިއުއެސްސީ އުފެދުނީ އެ މަސައްކަތުގެ ތެރެއިންނެވެ. މާލޭގެ ގޭގެއަށް މާސާފު ބޯފެން ފޯރުކޮށްދޭން ހޮޅިތަކުން ފެން ދޫކުރުމުގެ ހިދުމަތް އެމްޑަބްލިއުއެސްސީ މެދުވެރިކޮށް ފަށާފައި ވަނީ މީގެ 25 އަހަރު ކުރިން މިއަދު އެވެ. ފެނަކީ ދަތި އެއްޗަކަށް ވެފައި އޮތް ދުވަސްވަރެއްގައި، އެމްޑަބްލިއުއެސްސީން ދޭން ފެށި އެ ހިދުމަތްވެގެން ދިޔެއީ ދިވެހިން އުފުލަމުން ދިޔަ އެތައް ތަކުލީފަކަށް ގިނަ ލުއިތަކެއް ގެނުވި ކަމަކަށެވެ. އެ ހަނދާންތައް އެތައް ބަޔެއްގައި ސިކުނޑީގައި އަދިވެސް ބިންވަޅުނެގިފައި ވާނެ އެވެ.
މާލޭގެ ގޭގެއަށް ފެނުގެ ހިދުމަތް ދިނުން ފައްޓަވައިދެއްވަން ޖެނުއަރީ 20، 1996 ގައި، މއ. ދޮންވެލިގޭގެ ފެން އިސްކުރު އޭރުގެ ރައީސް މައުމޫން ދޫކުރައްވަނީ. އެންމެ ފުރަތަމަ ފެން ދޫކުރީ މިގެޔަށް-- ފޮޓޯ: މިހާރު
ގޭގެއަށް ފެން ފޯރުކޮށްދޭން ފެށުމާއެކު ކުންފުނީގެ އަމާޒަކަށް ހެދީ ވީ އެންމެ އަވަހަކަށް މާލޭގެ ހުރިހާ ގެޔަކަށް ފެން ހޮޅި ގުޅުމެވެ. ގައުމެއްގެ ވެރިކަން ކުރާ ރަށުގެ ކޮންމެ ގޭބިސީއަކަށް ސާފު ބޯފެން ލިބޭނެހެން ހޮޅި ގުޅުމަކީ އޭރުގެ ފެންވަރުން އަދި މިހާރު ފެންވަރުން ބެލިޔަސް "މެގަ ޕްރޮޖެކްޓެކެވެ". ފުރަތަމަ 500 ގެއަށް ހޮޅި ގުޅައި، 158 ގެއަކަށް ފެން ދޫކޮށްގެން ފެށި މަސައްކަތް މާ ލަސްތަކެއް ނުވެ، މުޅި މާލެއަށް ފުޅާކޮށްލާ، ހުރިހާ ގެއަކަށް ސާފު ފެން ދޫކުރަން ފެށި އެވެ.
މިއަދު އޭގެ 25 އަހަރު ފަހުން ފެނުގެ ހިދުމަތް އައިސްފައި މިވާ ހިސާބަށް ބަލާލުމުން ހިތަށް ވެރިވަނީ ޝުކުރާއި ތައުރީފުގެ ޝުއޫރުތަކެވެ. އެމްޑަބްލިއުއެސްސީން ފެށި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އިހުގައި ދިވެހިންނަށް ތައްސަވުރު ނުކުރެވޭހާ ބޮޑެތި ފަސޭހަތަކެއް ދިރިއުޅުމަށް މި ވަނީ އައިސްފަ އެވެ. މިހާރު އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭ އިސްކުރު ފެނަކީ މި ސަރަހައްދަށް ބެލި ކަމުގައި ވިޔަސް، ގައުމަކުން ފޯރުކޮށްދޭ އެންމެ ފެންވަރު ރަނގަޅު ފެނަށް ވާނެ ކަމާ މެދު ޝައްކެއް ނެތެވެ.
އެމްޑަބްލިއުއެސްސީގެ އިސްކުރު ފެނަކީ ބޯން ރައްކާތެރި ފެނެއް--
މީގެ 25 އަހަރު ކުރިން ފެށި އެ މަސައްކަތުގެ ތެރެއިން ފެނުގެ ކޮލިޓީ ވެއްޓިޔަ ނުދީ، ދުވަހަކަށް ވުރެ ދުވަހެއް ރަނގަޅު، ހެޔޮ ބަދަލުތައް ގެންނަމުން ދިޔުމަކީ އެ ކުންފުންޏާ މެދު ދިވެހިންގެ މެދުގައި އޮތް އިތުބާރާއި ޔަގީންކަމުގެ ސިއްރެވެ. ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ބުއިމުގެ ބަދަލުގައި އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭ އިސްކުރު ފެން ބޯ މީހުން ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުން ދިޔުމަކީ އެކަމުގެ ސާބިތު ހެއްކެވެ! އެމްޑަބްލިއުއެސްސީގެ މި މިންނެތް މަސައްކަތަށް "ރިހި25" ފުރުމުން އައްސަރިބަހާއި ސާބަހެވެ!