ads
ކޮވިޑް ވެކްސިން--
ރާއްޖެ ގެންނަން މި އުޅެނީ ކޮން ވެކްސިނެއް؟
އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީ އާއި ސިންގަޕޫރުގެ އެސްޓްރަޒެނެކާ ކުންފުނިން އުފެއްދި ކޮވިޑް-19 ވެކްސިން މިހާރު ދަނީ ދުނިޔޭގެ ގައުމުތަކުގައި ބޭނުންކުރަމުންނެވެ. މި ވެކްސިން ބޭނުންކުރުމުގެ ހުއްދަ ރާއްޖެއިން ވެސް ދީފައިވާއިރު، މިއަދުގެ ވަގުތެއްގައި ވެކްސިންގެ 100،000 ޑޯޒްގެ ފުރަތަމަ ޝިޕްމަންޓް އިންޑިއާގެ ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް އަންނާނެ އެވެ.

މި ވެކްސިން މިއަދު ރާއްޖެއާ ހަމައަށް އަންނައިރު، މިކަމާ ގުޅޭ މާ ގިނަ މައުލޫމާތެއް ކަމާ ބެހޭ ފަރާތްތަކުން އާއްމުކޮށްފައެއް ނުވެ އެވެ. ނަމަވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ ރާއްޖޭގައި ބޭނުންކުރާނީ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދަ ލިބިފައިވާ އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މިންގަނޑުތަކަށް ވެސް ފެތޭ ވެކްސިންތަކެއް ކަމަށެވެ.

ރާއްޖޭގެ މުޅި އާބާދީއަށް ބޭނުންވާ މިންވަރަށް ވެކްސިން ގަތުމަށް ނިންމާފައިވާއިރު ރާއްޖެއިން ގަންނަ ވެކްސިނަކީ މި ވަގުތު ތައްޔާރުކޮށްފައިވާ ވެކްސިންތަކުގެ ތެރެއިން އެންމެ އެކަށޭނެ އަދި ރައްކާކުރުމަށް އެންމެ ފަހި ވެކްސިން ކަމުގައި ދުނިޔޭގެ ގިނަ ގައުމުތަކުން ވެސް ފާހަގަކުރާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެ ވެކްސިނަކީ މިއަދު އިންޑިއާ މެދުވެރިކޮށް ލިބޭ "ކޮވިޝީލްޑް" ވެކްސިނެވެ.

އޮކްސްފޯޑް ވެކްސިނަކީ ކޮބާ އަދި އޭތި މަސައްކަތް ކުރަނީ ކިހިނެއް؟

މި ވެކްސިން އުފައްދާފައިވަނީ ރާމާމަކުނުގެ ހަށިގަނޑުން ނަގާފައިވާ އާދައިގެ ރޯގާގެ ވައިރަސް (އެޑީނޯވައިރަސް)ގެ ބަލިކަށި ވާޝަންއެއް ބޭނުންކޮށްގެންނެވެ. އެ ވައިރަސް ބަދަލުކޮށްފައިވަނީ ކޮރޯނާވައިރަސްއާ ވައްތަރު ކުރުމަށެވެ. ނަމަވެސް މޮޑިފައިކޮށްފައިވާ މި ވައިރަހުން ބައްޔެއް ނުޖެހޭނެ އެވެ.

މީހެއްގެ ގަޔަށް މި ވެކްސިން ޖެހުމުން، އޭތި ހަށިގަނޑަށް ބާރު އަޅަނީ އެންޓިބޮޑީޒް އުފެއްދުމަށެވެ. އަދި މި އެންޓިބޮޑީޒްގެ ހަމައެކަނި މަސައްތަކީ ކޮރޯނާވައިރަސް އިންފެކްޝަނަށް ހަމަލާ ދިނުމެވެ. 

ދިރާސާތަކުން ދައްކާ ގޮތުގައި މި ވެކްސިނަކީ ކޮވިޑް-19 އާ ދެކޮޅަށް އެންމެ ކާމިޔާބު އެއް ވެކްސިނެވެ. 

ފައިޒާގެ ކޮވިޑް ވެކްސިނާ ހިލާފަށް މި ވެކްސިން އާދައިގެ ފްރިޖެއްގައި ވެސް ރައްކާކުރެވޭނެ އެވެ. އެހެންކަމުން މި ވެކްސިން ރައްކާކޮށް، އެއް ތަނުން އަނެއް ތަނަށް އުފުލުމަށް ފަސޭހަ އެވެ. 

މި ވެކްސިން އެހާ އަވަހަށް އުފެއްދުނީ ކިހިނެއް؟

2020 ވަނަ އަހަރު އައުމުގެ ކުރިން ވެސް އޮކްސްފޯޑް ޔުނިވާސިޓީގެ ސައިންޓިސްޓުން ތިބީ ތަފާތު އެކި ބަލިތަކާ ދެކޮޅަށް މަސައްކަތް ކުރާނެ ވެކްސިނެއް އުފެއްދުމުގެ މަސައްކަތުގަ އެވެ. އެހެންކަމުން އެފަދަ ވެކްސިނެއް އުފެއްދުމަށް ބޭނުންވާ ވަރަށް ބޮޑު މަސައްކަތް އޮތީ ކޮވިޑް ދުނިޔެއަށް ފެތުރުނު އިރުވެސް ނިމިފަ އެވެ. 

ވެކްސިނެއް ތަހުލީލު ކުރުމުގެ ހުރިހާ މަރުހަލާއަކުން މި ވެކްސިން ވަނީ ފާސްވެފަ އެވެ. ނަމަވެސް ތަހުލީލު މަރުހަލާތަކުގެ ސްޕީޑް އަވަސްކޮށްފައި ވެއެވެ. އަދި އެއް މަރުހަލާ ނިމުމުގެ ކުރިން ޖެހިގެން އޮތް މަރުހަލާ ކުރިއަށް ގެންދިޔުމުން އަވަހަށް ޓެސްޓުތައް ނިންމާލެވުނެވެ.

މި ވެކްސިނަށް ހުއްދަ ދެވުނީ ކޮން އިރަކު؟

އިނގިރޭސިވިލާތުގައި މި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދިނީ ޑިސެމްބަރު 30، 2020 ގައެވެ. އޭގެ ފަސް ދުވަސް ފަހުން ފުރަތަމަ ޑޯޒްތައް ދޭން ފެށި އެވެ.

މި ސަރަހައްދުން ރާއްޖެ އާއި އިންޑިއާގެ އިތުރުން ބައެއް އެހެން ގައުމުތަކުން ވެސް ވަނީ މި އަހަރުގެ ކުރީކޮޅު މި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފަ އެވެ. އިންޑިއާގައި މިހާރު ވެސް ދަނީ މި ވެކްސިންގެ ފުރަތަމަ ޑޯޒް ދެމުންނެވެ. 

މި ވެކްސިން ކާމިޔާބުތަ؟

ތަހުލީލުތަކުން ދައްކާ ގޮތުގައި މި ވެކްސިން ދީފައިވާ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް މި ކާމިޔާބެވެ. މީގެ ސަބަބުން ހަށިގަނޑުގައި އެންޓިބޮޑީޒް އުފައްދާ ކޮވިޑާ ދެކޮޅަށް މަސައްކަތް ކުރެ އެވެ. އޭގެ ތެރޭގައި އުމުރުން 55 އަހަރުން މަތީގެ މީހުން ވެސް ހިމެނެ އެވެ.

ތަހުލީލުގެ މަރުހަލާގައި ޑޯޒްތައް ޓެސްޓު ކުރީ އެކި މިންވަރަށެވެ. އެގޮތުން ބައެއް ބައިވެރިންނަށް ދެ ފުލް ޑޯޒް ދިން އިރު، އެހެން ބައިވެރިންނަށް ދިނީ އެއް ފުލް ޑޯޒާއި ބައި ޑޯޒެވެ. 

މީގެ ދެ ފުލް ޑޯޒަށް ހުއްދަ ދިނީ އެގޮތަށް މި ވެކްސިން ބޭނުން ކުރުމުން ކޮވިޑާ ދެކޮޅަށް 62 އިންސައްތަ ކާމިޔާބު ކަމާއެކު މަސައްކަތް ކުރާތީ އެވެ. ނަމަވެސް މި ބައްޔާ ދެކޮޅަށް އުފެއްދި އެހެން ވެކްސިންތައް ފަދައިން މި ވެކްސިނުގެ ސަބަބުން ކޮވިޑް ޖެހުން ހުއްޓޭނެ ކަމެއް އަދި ޔަގީނެއް ނޫނެވެ. އެކަން ޔަގީންވާނީ ވެކްސިން ދޭން ފަށާތާ ދުވަސްކޮޅެއް ފަހުންނެވެ.

އޮކްސްފޯޑް ވެކްސިންއަކީ ފައިޒާ ވެކްސިންހާ ބާރުގަދަ ވެކްސިނެއްތަ؟

ތަހުލީލުން ދެއްކި ގޮތުގައި ފައިޒާ ވެކްސިންގެ ކާމިޔާބީ ރޭޓަކީ 95 އިންސައްތަ އެވެ. އެކަމަކު ތަހުލީލުތައް ކުރިއަށް ގެންދިޔަ ގޮތް ދެ ވެކްސިނަށް ތަފާތުވުމުން، ނަތީޖާ ތަފާތުވުން އެކަށީގެންވެ އެވެ. 

އިންފްލުއެންޒާއާ ދެކޮޅަށް ދޭ ވެކްސިން މަސައްކަތް ކުރަނީ 50 އިންސައްތައާ ހަމައަށް ކަމަށް ވާއިރު، އޮކްސްފޯޑް ވެކްސިނުގެ 62 އިންސައްތަ ކާމިޔާބުވުމަކީ މިއަށް އިތުބާރު ބޮޑުވާ ސަބަބެކެވެ.

އޭގެ އިތުރުން އޮކްސްފޯޑް ވެކްސިން ޖެހި މީހުންގެ ތެރެއިން އެއްވެސް މީހަކު އެޑްމިޓު ކުރަން ޖެހިފައެއް ނުވެ އެވެ. އަދި ބަލި ހާލަތު ސީރިއަސް ނުވެ އެވެ.

މި ވެކްސިނުން ކޮވިޑާ ދެކޮޅަށް ރައްކާތެރިކޮށްދޭނީ ކިހާ ދުވަހަކަށް؟

ކޮވިޑާ ދެކޮޅަށް އުފައްދާ އެހެން ވެކްސިންތައް ފަދައިން މި ސުވާލުގެ ޖަވާބު ވެސް އަދި ހޯދިފައެއް ނުވެ އެވެ. ނަމަވެސް ބޮޑަށް ބެލެވޭ ގޮތުގައި ފްލޫ ޝޮޓް ޖަހާ ގޮތަށް އަހަރަކު އެއް ފަހަރު މި ވެކްސިން ޖަހަން ޖެހުން އެކަށީގެންވެ އެވެ.

ނޯޓު: މި ރިޕޯޓުގައި ހިމެނޭ މައުލޫމާތު ބިނާވަނީ ބީބީސީގައިވާ ލިޔުމެއްގެ މައްޗަށެވެ.
33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް