ads
ޑރ. ނަޒްލާ ރަފީގް--
ވެކްސިންގެ ހަތް ލައްކަ ޑޯޒް ހޯދަން އެސްޓްރާޒެނެކާއެކު އެއްބަސްވެއްޖެ
ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ކޮވިޑް ވެކްސިން ހޯދުމަށް އެސްޓްރަޒެނެކާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެ އެވެ.

ކޮވިޑް ވެކްސިން ޓާސްކް ފޯހުގެ ވެރިޔާ ޑރ. ނަޒްލާ، ދައުލަތުގެ މީޑިއާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ރާއްޖެއަށް މިއަދު ލިބުނު އެއް ލައްކަ ޑޯޒްގެ ވެކްސިނަކީ ކޮވެކްސް ފެސިލިޓީގެ ތެރެއިން ލިބުނު ވެކްސިން ނޫން ކަމަށެވެ. އެ ވެކްސިނަކީ އިންޑިއާ ސަރުކާރުގެ އެހީގައި ލިބުނު ވެކްސިންކަން ފާހަގަކުރައްވާ ޑރ. ނަޒްލާ ވިދާޅުވީ ހަތް ލައްކަ ޑޯޒްގެ ވެކްސިން ގަތުމަށް އެސްޓްރަޒެނެކާ ކުންފުންޏާއެކު މިހާރު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައި ކަމަށެވެ. 

ޑރ. ނަޒްލާ ވިދާޅުވީ ރާއްޖެއިން ކޮވެކްސް ފެސިލިޓީގައި ވެސް ބައިވެރިވެފައިވާ ކަމަށާއި އެގޮތުން އެ ފެސިލިޓީގެ ދަށުން ވެސް ރާއްޖެއަށް ވެކްސިން ލިބޭނެ ކަމަށެވެ. އަދި އެކަމާއި ގުޅިގެން ކުރަން ޖެހޭ ކަންކަމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ. 

"ދެން ފަހަރެއްގަ ކޮންމެވެސް ވަރެއްގެ ވެކްސިން ކޮވެކްސް ފެސިލިޓީގެ ތެރެއިން 20 އިންސައްތައަށް ވުރެ ކުޑަ މިންވަރެއް ތަންކޮޅެއް އަވަހަށް ލިބުމުގެ ފުރުސަތު ވެސް އެބައޮތް. އެބޭފުޅުން ބޭނުންވާ މައުލޫމާތު އަޅުގަނޑުމެންވާނީ ފޯރުކޮށްދީފައި. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އެ ވެކްސިން ވެސް ލިބޭތޯ ނޫންތޯ އެނގިގެންދާނެ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އޭގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ އެކި ގައުމުތައް މެދުވެރިކޮށް ވެކްސިން ހޯދުމުގެ މަސައްކަތް ފޮރިން މިނިސްޓްރީ މެދުވެރިކޮށް ވެސް ކުރަމުން އަންނަ ކަމަށެވެ. 

ޑރ، ނަޒްލާ ވިދާޅުވީ ރާއްޖޭގައި ޖަހާނީ ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކުރެވިފައިވާ ވެކްސިނެއް ކަމަށާއި އެގޮތުން ވެކްސިން ހޯދުމުގެ ކަންކަން ކުރަމުން އަންނައިރު ވެސް ބަލަމުން އަންނަނީ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭތޯ ކަމަށެވެ. 

މިއަދު ރާއްޖެއަށް ގެނައި އެސްޓްރަޒެނިކާ ވެކްސިނަކީ ސީރަމް އިންސްޓިޓިއުޓް އިން އުފައްދަމުން އަންނަ ވެކްސިނެކެވެ. އެ ވެކްސިނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ކޮވެކްސް ފެސިލިޓީގެ ދަށުން ވެސް ދޭން ނިންމާފައިވާ ވެކްސިންތަކުގެ ތެރޭގައި ހިމެނޭ ވެކްސިނެއް ކަމަށް ޑރ. ނަޒްލާ ވިދާޅުވެ އެވެ. އޭގެ އިތުރުން ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބަލައި މިންގަނޑުތައް ވެސް ކަށަވަރުކުރުމަށް ފަހު ވެކްސިން ޖަހަން ފަށާނެ ކަމަށް ވިދާޅުވި އެވެ. 

އެހެންނަމަވެސް ޑރ. ނަޒްލާ ވިދާޅުވީ މި ވެކްސިން ޖަހަން ފެށޭނެ ސީދާ ތާރީހު ވިދާޅުވާން އަދި ނޭނގޭ ކަމަށެވެ. އަދި ވެކްސިން ޖެހުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރު ވެސް ވަމުންދާކަމަށް ވިދާޅުވި އެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް