
މިއަދު ރާއްޖެއައް އިންޑިއާއިން ވެކްސިން ގެނައުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ އިންޑިއާއަކީ ރާއްޖެއަށް އަބަދުވެސް އެންމެ ގާތުން އެހީތެރިކަން ފޯރުކޮށްދޭ ގައުމެއް ކަމަށާއި 2020 ވަނަ އަހަރު ކޮވިޑް 19 ގެ ބިރުވެރިކަމުގައި ރާއްޖެ އޮއްވައި އިންޑިއާއިން ވަނީ 250 މިލިއަން ޑޮލަރުގެ އެހީ ރާއްޖެއައް ފޯރުކޮށްދީފައި ކަމަށެވެ.
މީގެ އިތުރުން ވެސް ކޮވިޑްގެ ހާލަތުގައި އިންޑިއާއިން ވަނީ ކާބޯތަކެއްޗާއި މެޑިކަލް ޓީމްގެ އިތުރުން ރާއްޖޭގެ ހޮސްޕިޓަލްތަކަށް ބޭނުންވާ އެތައް ސިއްހީ އާލާތްތައް ފޯރުކޮށްދީފައި ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
އަދި ރާއްޖެއަކީ އިންޑިއާއިން ވެކްސިން ފޯރުކޮށްދިން ފުރަތަމަ ގައުމަށް ވުމުން އޭގެން ދައްކައިދެނީ އިންޑިއާއަށް ރާއްޖެ ވަރަށް މުހިއްމު ކަމަށާއި އިންޑިއާގެ ހިތްހެޔޮކަން ކަމަށެވެ. އަދި އިންޑިއާގެ އެހީތެރިކަމުގެ ސަބަބުން ރާއްޖެއަށް އާ އުންމީދުތަކެއް މިހާރު ލިބިއްޖެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ކޮވިޑް 19 އާ ދެކޮޅަށް ހަނގުރާމަ ކުރަން އެޅި ފުރަތަަމަ ފިޔަވަޅަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި އިންޑިއާގެ ސަރުކާރުގެ އެހީގެ ސަބަބުން ފާގަތިވި މަގެއް ކަމަށް ވެސް މިނިސްޓަރު ނަސީމް ފާހަގަކުރެއްވި އެވެ. އަދި އިންޑިއާއިން ރާއްޖެ ކަނޑައަޅާފައިވާ ސަފީރު ސަންޖޭ ސުދީރު އަދި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް ވެސް މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ.
ރާއްޖެއަށް އިންޑިއާއިން ހަދިޔާކުރި ވެކްސިނަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑު ޔުނިވާސިޓީ އާއި އެސްޓްރަޒެނެކާގެ ދިރާސާގެ މައްޗަށް ބިނާކޮށް އިންޑިއާގެ ސީރަމް އިންސްޓިޓިއުޓްގައި އުފައްދަމުން އަންނަ ކޮވިޝީލްޑްގެ އެއް ލައްކަ ޑޯޒް އެވެ.