ހުވާކުރެއްވުމަށް ފަހު ކުރެއްވި ޓްވީޓުގައި ވެސް ބައިޑެން ވިދާޅުވީ ގައުމަށް ދިމާވެފައިވާ ކާރިސާތަކާ ކުރިމަތިލުމަށް ވަގުތު ބޭކާރުކުރެވެން ނެތް ކަމަށެވެ.
އިއްޔެ އެކަނިވެސް ބައިޑެން ވަނީ 15 ރިޔާސީ އަމުރުގައި ސޮއިކުރައްވާފަ އެވެ. އޭގެ ތެރޭގައި އެންމެ ބޮޑު ކަމަކީ ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތް އިތުރަށް ވަރުގަދަ ކުރުމެވެ.
އެގޮތުން ސަރުކާރުގެ އިމާރަތްތަކުގައި އުޅޭއިރު، މާސްކު އެޅުން ބަޖުބޫރު ކުރުމާއި ގައިދުރުކަން ބެހެއްޓުން ދެން މަޖުބޫރު ވާނެ އެވެ. އޭގެ އިތުރުން ބަލިމަޑުކަން ކޮންޓްރޯލް ކުރަން އާ އޮފީހެއް އުފެދޭނެ އެވެ.
ހަމަ އެހެންމެ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަކިވުމަށް ޓްރަމްޕް ފެއްޓެވި މަސައްކަތް ހުއްޓުވާ، އަލުން އެ ޖަމިއްޔާ އާއެކު މަސައްކަތް ކުރިއަށް ގެންދާނެ އެވެ.
އޭގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި އިމިގްރޭޝަނާ ގުޅޭ ސިޔާސަތުތައް ވެސް ވަނީ ބަދަލުކޮށްފަ އެވެ. ބައިޑެން މަސައްކަތް ފެއްޓެވީ އެމެރިކާގެ 46 ވަނަ ރައީސްގެ ގޮތުގަ އެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލާގައި އަލުން ޕެރިސް އެގްރީމަންޓުގައި ބައިވެރިވެ، މި މަސައްކަތުގައި އިސް ދައުރެއް އެމެރިކާއިން އަދާކުރަމުން ދާނެ އެވެ.
އިމިގްރޭޝަން މައްސަލާގައި މެކްސިކީ ބޯޑަރު ކައިރީގައި ފާރެއް ބިނާކުރަން ޓްރަމްޕް ނެރުއްވި އަމުރު ބާތިލުކޮށް، ބައެއް މުސްލިމު ގައުމުތަކަށް އޮތް ދަތުރުކުރުމުގެ ދަތިތައް ވަނީ ނައްތާލާފަ އެވެ.