ads
އާޔާ އާއި އޭނާގެ ބައްޕަ--
އާޔާއަށް ބައްޕަ ލޯބިން ދިނީ ކިޑްނީ!
ދަރިންނަކީ މާތްﷲ ދެއްވާ އެންމެ ބޮޑު އެއް ނިއުމަތެވެ. ދަރިއަކު ލިބެން އުޅޭކަމުގެ ހަބަރާއެކު އެ ކުއްޖާއަށްޓަކައި އެތައް ހުވަފެންތަކެއް މައިންބަފައިން ދެކެ އެވެ. ނަމަވެސް ދިރިއުޅުމުގެ ކޮންމެވެސް ހިސާބަކުން އެ ހުވަފެންތަކުގައި ކުލަ ޖެހިދާނެ ކަމުގެ އުއްމީދު ގިނަ ފަހަރަށް ގެއްލެނީ ދިމާވާ ކޮންމެ ވެސް ސިއްހީ މައްސަލަތަކެއްގެ ސަބަބުންނެވެ. ކޮންމެއަކަސް، ދިމާވާ ކޮންމެ ހާލަތެއްގައި ވެސް މައިންބަފައިން ދެގޮތެއް ނުވެ، ތިބޭކަން އެމީހުންވާ ބޮޑެތި ގުރުބާނީތަކުން ހާމަވެ ޔަގީންވެގެންދެ އެވެ.

އެފަދަ އެއް ބައްޕައަކީ، ހދ. ހަނިމާދޫއަށް އުފަން އެ ރަށު އާހިސްތާ، އިބްރާހީމް ހަސަން އެވެ. އޭނާ މި ވަނީ އޭނާގެ މިހާރު އުމުރުން 13 އަހަރުގެ ދަރިފުޅު، އައިޝަތު އާޔާއަށްޓަކައި ކިޑްނީ ހަދިޔާކޮށްފަ އެވެ. 

މި މަހުގެ 21 ވަނަ ދުވަހު، އާޔާގެ ކިޑްނީ ޓްރާންސްޕްލާންޓް ކޮށްފައިވަނީ އިންޑިއާ ބެންގަލޫރުގެ އެންޔޫ ހޮސްޕިޓަލުގަ އެވެ. އެ އޮޕަރޭޝަން ކާމިޔާބުވެފައިވާއިރު އާޔާ އާއި އޭނާގެ ބައްޕަގެ ހާލު ވެސް ރަނގަޅެވެ. 

އުމުރުން 43 އަހަރުގެ އިބްރާހީމް، އޭނާގެ ދަރިފުޅަށްޓަކައި ކިޑްނީ ހަދިޔާކުރި އިރު އެ އާއިލާ އިންޑިއާގައި ދިރިއުޅެމުންދާތާ މިހާރު އަހަރެއްހާ ދުވަސް ވެއްޖެ އެވެ. ކޮވިޑާއެކު އޮޕަރޭޝަން ލަސްވެގެން ދިޔައިރު، އެހާ ގިނަ ދުވަހު އެކޮޅުގައި ހޭދަކުރަން ޖެހިފައިވުމުގެ ސަބަބުން އާއިލާގެ މާލީ ހާލަތު ދަށަށް ގޮސް، ސީއެންއެމް އިން ވާނީ އާޔާއަށް އެހީވުމަށް މީގެ ކުރިން އެހީގެ ލިޔުމެއް ވެސް ޝާއިއުކޮށްފަ އެވެ.

އާޔާއަކީ އުމުރުން ދެ އަހަރު ބައިން ފެށިގެން ތަފާތު އެކި ސިއްހީ މައްސަލަތަކަށް ފަރުވާ ހޯދަމުން އައި ކުއްޖެކެވެ. އެގޮތުން އުމުރުން ދެ އަހަރު ބައިގާ ހުން އައިސް ގިނަ ދުވަސްތަކެއް ވާތީ އޭރު ޑޮކްޓަރަށް ދެއްކީ ރަށު ހޮސްޕިޓަލަށް ކަމަށް މީގެ ކުރިން ސީއެންއެމްއަށް ދިން އިންޓަވިއުއެއްގައި އޭނާގެ ބައްޕަ ބުނެފައިވެ އެވެ. 

އެގޮތުން ކިޑްނީ ބަލީގެ ޝިކާރައަކަށްވެފައިވާކަން އެނގުނީ ވަރަށް ބޮޑަށް ބަލިވެގެން އައިވީ ގުޅާފައި ގިނަ ދުވަސްތަކެއް ވަންދެން ބޭއްވުމަށް ފަހު ދޫކޮށްލިއިރު ލޮލާއި ބަނޑާއި ތަންތަން ފުފިފައި ހުރުމުން، ޓެސްޓްތަކެއް ހަދަން މާލެއަށް އައި އައުމުގެ ތެރެއިންނެވެ. 

އިބްރާހީމް ބުނީ، ކުޅުދުއްފުށީ ހޮސްޕިޓަލުން އޭރު ޔޫރިން ޓެސްޓުތަކެއް ނުހެދިގެން ޖެހިގެން އައި ދުވަހު ހަނިމާދޫ މަގުން ދަރިފުޅު ގޮވައިގެން އައީ މާލެ ކަމަށެވެ. އަދި އައިޖީއެމްއެޗުން ޓެސްޓުތަކެއް ހެދުމަށް ފަހު، ނެފްރޯޓިކް ސިންޑްރޮމް ބަލި ދަރިފުޅަށް ޖެހިފައިވާ ކަމަށް ބުނި ކަމަށެވެ. ނެފްރޯޓިކް ސިންޑްރޮމަކީ ކުޑަ ކަމުދާ އެއްޗެހީގައި ހުންނަންވާ މިންވަރަށް ވުރެ އިތުރަށް ޕްރޮޓިން ހުރުމުގެ ސަބަބުން ގައި ދުޅަވެ ޖެހޭ ބައްޔެކެވެ.

އޭރުއްސުރެ އާޔާއަށް ފަރުވާ ހޯދުމަށް އޭނާގެ މައިންބަފައިން ނުކުރާ މަސައްކަތެއް ނެތެވެ. އިންޑިއާ އާއި ރާއްޖެއިން ގަވާއިދުން ޑޮކްޓަރަށް ދައްކަމުން އަންނަނިކޮށް އެ ކުޑަކުޑަ އާއިލާއަށް އަނެއްކާވެސް ކުރިމަތިވީ އިތުރު ހިތާމައެކެވެ. އެއީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އާޔާ ބަލިވެގެން ޑޮކްޓަރަށް ދެއްކުމުން އެ ކުއްޖާގެ ކިޑްނީ މަސައްކަތް ކުރަނީ ވަރަށް ކުޑަކޮށް ކަމަށް ޑޮކްޓަރުން އެންގި އެވެ. އެއާއެކު އާއިލާއިން ފުރައިގެން އިންޑިއާއަށް ދިޔަ އެވެ. ދަރިފުޅުގެ ދެ ކިޑްނީ ވެސް ފެއިލްވެފައިވާކަން ޔަގީންވީ އެ ހިސާބުންނެވެ. 

އެހެންވެ، އެމަޖެންސީކޮށް ޑައިލަސިސް ހެދުމަށް އާޔާގެ ކަރަށް ހޮޅިއެއް ލައްވައި އެ މަސައްކަތް އޭރު އައިޖީއެމްއެޗުގައި ފެށި އެވެ. އަދި އޭރުއްސުރެ އާޔާގެ ބައްޕަ ހުރީ ދަރިފުޅަށް ކިޑްނީ ދޭން ނިންމައިގެންނެވެ. އޭރު ސީއެންއެމްއަށް އިބްރާހިމް ބުނީ އިންޑިއާއަށް ގޮސް، ކިޑްނީ މެޗްވެއްޖެ ނަމަ އަންނާނީ އޮޕަރޭޝަން ވެސް ކޮށްގެން ކަމަށެވެ. 

މާތްﷲ ގެ އިރާދަފުޅާއެކު މިދިޔަ ބުރާސްފަތި ދުވަހު، މި ވަނީ އެ އޮޕަރޭޝަންކޮށް، ކާމިޔާބުވެފަ އެވެ.

95%
ކަމުގޮސްފި
1%
އަޑުއެހިތާ މިހުރީ
2%
ސަތޭކައަކުން ސުމެއް
3%
ވަރަށް ސަލާމް
ކޮމެންޓްސް