ފަނޑިޔާރު ޝަހީދުގެ މައްސަލައެއް ޖޭއެސްސީން ބަލަމުން އަންނަ ކަމަށް ބުނެ ރާއްޖޭގެ ނޫހެެއްގައި ޝާއިރު ކުރި ލިޔުމެއް ހިއްސާ ކުރައްވާ ހައިލަމް ވިދާޅުވީ މައްސަލަ ހުށަހެޅި ފަހުން ދެ އަހަރު ވެފައިވާ ކަމަށެވެ.
މީގެ އިތުރުން ޖޭއެސްސީން މި މައްސަލައިގެ އަޑުއެހުން ނިންމާލި ފަހުން އަހަރެއްވީ އިރު ވެސް ގޮތެއް ނިންމާފައި ނުވަނީ މިފަދަ ދުވަހެއް އައުމުން ފަނޑިޔާރުގެ ކަރުގައި ހިފުމުގެ ބޭނުމަށް ކަމަށް ހައިލަމް ވިދާޅުވި އެވެ.
ޖޭއެސްސީން ބަލަމުން އަންނަ ފަނޑިޔާރު ޝަހީދުގެ ދެ މައްސަލައަކީ ވެސް މިކަމާ ގުޅުމެއް ނެތް ދެ މައްސަލަ އެވެ. އެގޮތުން އެއް މައްސަލައަކީ 2019 ވަނަ އަހަރުގެ އޮގަސްޓު މަހު ޖޭއެސްސީިން ބަލަން ފެށި މައްސަލައެކެވެ. އަދި އަނެއް މައްސަލަ ޖޭއެސްސީން ބަލަން ފެށީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. މި ދެ މައްސަލަ ބަލާތާ އަދި ވީ އަހަރެއްހާ ދުވަހެވެ. ހައިލަމް ވިދާޅުވި ގޮތަށް ދެ އަހަރު ދުވަހެއް ނޫނެވެ.
މި މައްސަލައާ ގުޅިގެން ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ޖޭއެސްސީގެ ސެކްރެޓަރީ ޖެނެރަލް އިޒްމީރާ ޝިހާމް ވިދާޅުވީ ޖޭއެސްސީން ބަލަމުން އަންނަ ފަނޑިޔާރު ޝަހީދުގެ ދެ މައްސަލައިގެ ތެރެއިން އެއް މައްސަލައިގެ ތަހުގީގު ނިންމާ، އެ މައްސަލައިގައި ފަނޑިޔާރު ޝަހީދު ޖަވާބުދާރީ ވެސް ވެފައި ވެއެވެ. އަދި ދެވަނަ މައްސަލައިގެ ތަހުގީގު ނިމި ރިޕޯޓް އެކުލަވާލާފައިވާ ކަމަށް އިޒްމީރާ ވިދާޅުވި އެވެ.
ހައިލަމް އަކީ ކްރިމިނަލް ކޯޓުގައި ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ގާޒީ އެވެ. ނަމަވެސް އެ މައްސަލަ އެއްކޮށް ނުނިމެނީސް ހައިލަމް ވަނީ ސަސްޕެންޑުކޮށްފަ އެވެ.
2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހައިލަމް ސަސްޕެންޑު ކުރީ، ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕެއް ކަމުގައިވާ "ސީސީއާރްސީ އެކުވެރިންގެ ދަރުބާރު" ގައި ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމުގެ ގޮތުން ހައިލަމް ޖެހި ފޮޓޯއަކާއި ގުޅިގެން ޖޭއެސްސީން ބެލި ސުލޫކީ މައްސަލައަކާއި ގުޅިގެންނެވެ. އަދި ހައިލަމް ސަސްޕެންޑު ކުރުމާއި ގުޅިގެން ރައީސް ޔާމީންގެ މައްސަލަ ބެއްލެވީ އޭރު ކްރިމިނަލް ކޯޓުގެ ހިންގުން ވަގުތީ ގޮތުން ހަވާލުކުރެވުނު ގާޒީ އަލީ ރަޝީދެވެ.