ads
-----------
ފްލައިން ސްކޫލްގެ މައްސަލަ ހައްލުކުރަން ޖީއެމްއަކަށް ދިވެއްސެއް!
އައްޑޫ ސިޓީ ހިތަދޫގައި އޭޝިއަން އެކަޑަމީ އޮފް އެއިރޯނޮޓިކްސްއިން ހިންގަމުން އަންނަ ފްލައިން ސްކޫލުގެ މައްސަލަތައް ހައްލުކުރަން އެތަނުގެ ޖެނަރަލް މެނޭޖަރަކަށް ދިވެއްސަކު ހަމަޖައްސައިފިއެވެ.

އެ މަގާމަށް ހަމަޖައްސާފައި ވަނީ މ. ޒޭވަރު، މުހައްމަދު ފަޒީލް ރަޝީދެވެ.

އެ އެކަޑަމީން އެކަން ހާމަކޮށް ބުނީ އެ މަގާމަށް ދިވެއްސަކު ހަމަޖައްސާފައި ވަނީ ސްކޫލު ހިންގުމުގައި ދަރިވަރުންނަށް ދިމާވާ ދަތިތައް ސަރުކާރާއި ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ހައްލުކުރުމަށް ދަރިވަރުންނަށް ފަސޭހަކުރުމުގެ ގޮތުން ކަމަށެވެ. 

އެގޮތުން ދަރިވަރުންނަށް ދިމާވެފައިވާ ދަތިތަކަށް މުސްތަގުބަލުގައި އަވަސް ހައްލެއް ގެނޭވެނެ ކަމަށް އުއްމީދުކުރާ ކަމަށް ބުނެފައިވެ އެވެ.

މީގެ ކުރިން، ފްލައިން ސްކޫލު ހިންގުމުގައި ތިބީ ހުސް ބިދޭސީންނެވެ. 

2001 ވަނަ އަހަރު ތަސްދީގުކުރި ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގާނޫނުގެ ދަށުން، 2014 ވަނަ އަހަރުން ފެށިގެން ރަޖިސްޓްރީކޮށް ހިންގަމުން އަންނަ އައްޑޫ ފްލައިން ސްކޫލުގެ އެކި މައްސަލަތައް ފަހަކަށް އައިސް ވަނީ ފެންމަތިވެފަ އެވެ. 

ފްލައިން ސްކޫލްގެ ގާތްގަނޑަކަށް 60 ޕަސެންޓު ކުދިންނަކީ ލޯނު ނަގައިގެން ކިޔަވާ ކުދިން ކަމަށް ވެއެވެ. އެ ކުދިންނަށް ހުރުމާއި ކެއުމުގެ ހަރަދު ލިބިފައި ވަނީ ސްކޫލަށް ވަންނައިރު ހަވާލުކުރެވޭ ޕްލޭސްމެންޓްގައިވާ މުއްދަތަށް ކަމަށް ވާތީ، ކޯސް ނުނިމި ގިނަ ދުވަސްވުމުގެ ސަބަބުން ދަރިވަރުންގެ ލޯނު އެއްކޮށް ހުސްވެ ބައެއް ދަރިވަރުން ވަނީ ކޯސް މެދުކަނޑާލަން ވެސް ޖެހިފަ އެވެ.

އަދި ލޯނު އެއްކޮށް ހުސްވުމުން ކޯސް ކުރިއަށް ގެންދިއުމަށްޓަކައި އިތުރަށް އެކިއެކި ތަންތަނުން ލޯނު ބައެއް ކުދިން ނަގާފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. 

ބާރަ މަސް އަދި 18 މަހުން ކޯސް ނިމޭނެ ކަމަށް ދަރިވަރުންނަށް އެންގި ނަމަވެސް އެވްރެޖް ގޮތެއްގައި ސްކޫލުން ކޯސް ނިންމާލެވެނީ ތިން އަހަރު ނުވަތަ އެއަށްވުރެ ގިނަ ދުވަހުން ކަމަށް ދަރިވަރުން ބުނެ އެވެ.

ފްލައިން ސްކޫލުގެ މައްސަލަ މަޖިލީހުން ވެސް ބަލަމުން އަންނައިރު އެ މައްސަލައާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކަ ކޮމެޓީގެ ހަ މެމްބަރަކު މި ފަހުން ވަނީ އައްޑޫއަށް ވެސް ވަޑައިގެން އެތަނުގެ މެނޭޖްމަންޓާއި ދަރިވަރުންނާއި ބައްދަލުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް