ads
ޑރ. ޖަމީލް--
ހައްޔަރުކުރީ ގައިރުގާނޫނީކޮށް: ޖަމީލް
ޕީޕީއެމްގެ ހިތްވަރުގަދަ ފަހުލަވާނުން އަދި ލީޑާޝިޕްގެ އެންމެ ބޭފުޅުން ހައްޔަރުކުރީ ގައިރުގާނޫނީކޮށް ކަމަށް އިދިކޮޅުގެ ލީގަލް ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ބޭއްވި އިހްތިޖާޖުގެ ތެރެއިން އެ ކޯލިޝަނުގެ ބައެއް ލީޑަރުންނާއެކު 24 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. 

އެކަމާއި ގުޅިގެން ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުލްހަވެރިކަމާއެކު ސިޔާސީ ހަރަކާތް ހިންގުމަކީ ކުށެއް ނޫން ކަމަށާއި ޕީޕީއެމްގެ ހިތްވަރުގަދަ ފަހުލަވާނުން އަދި ލީޑާޝިޕްގެ އެންމެ ބޭފުޅުންނާއެކު އަބްދުއްރަޙީމް އަބްދުﷲ ހައްޔަރުކޮށްފައިވަނީ ޣައިރު ގާނޫނީކޮށް ކަމަށެވެ.

ޖަމީލް ވިދާޅުވީ ކުރިން ވެސް އެމްޑީޕީ ސަރުކާރު ނިމުނީ މިގޮތަށް ޗާޓުން ބޭރުން ކަންތައް ކުރުމުން ކަމަށެވެ. 

އިދިކޮޅު ކޯލިޝަނުން މިއަދު މެންދުރު އިލެކްޝަންސް ކޮމިޝަން (އީސީ) ކައިރިއަށް އެއްވީ ލޯކަލް ކައުންސިލް އިންތިހާބު އަވަސް ކުރުމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލުމުގެ ބޭނުމުގަ އެވެ.

މިއީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ދެމެހެއްޓުމަށް ތާއީދުކޮށް ހައިކޯޓުން ހުކުމް ކުރުމާއި ގުޅިގެން އެކަން ބަލައިނުގަނެ ސީދާ ހަރަކާތަށް ނިކުތުމަށް ނިންމި ނިންމުމާއެކު މަގު މައްޗަށް ނިކުތް ފުރަތަމަ ފަހަރެވެ.

މިރޭ ވެސް އިދިކޮޅުގެ ސަޕޯޓަރުން އަންނަނީ ޕީޕީއެމް އޮފީސް ކައިރީ ހަރަކާތްތެރިވަމުންނެވެ. އެހެންނަމަވެސް އެ ސަރަހައްދުގައި ފުލުހުން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް