ads
ޖޭއެސްސީ--
2020 ގައި ޖޭއެސްސީއަށް ހުށަހެޅި ޝަކުވާތައް 152 ޕަސަންޓު އިތުރުވެއްޖެ
މިދިޔަ އަހަރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅި ޝަކުވާތައް އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 152 ޕަސަންޓު އިތުރުވެއްޖެ އެވެ.

މިއަދު އާއްމުކުރި ޖޭއެސްސީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2020 ވަނަ އަހަރު 288 ޝަކުވާ އެ ކޮމިޝަނަށް ހުށަހަޅާފައި ވެއެވެ. އެހެންކަމުން 2019 ވަނަ އަހަރު ހުށަހެޅި 114 ޝަކުވާ އާ އަޅާ ބަލާއިރު، 174 ޝަކުވާ އިތުރަށް މިދިޔަ އަހަރު ހުށަހެޅި އެވެ. އެއީ 152 ޕަސަންޓުގެ އިތުރުވުމެކެވެ. 

މި ދެ އަހަރާ އަޅާ ބަލާއިރު، 2018 ވަނަ އަހަރު ޖޭއެސްސީއަށް ހުށަހަޅާފައިވަނީ އެންމެ ހަތް ޝަކުވާ އެވެ. އެ ތިން އަހަރު ޖުމްލަ 409 ޝަކުވާ ހުށަހަޅާފައި ވާއިރު، އޭގެ ތެރެއިން 304 މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީން ދިރާސާކޮށްފައި ވެއެވެ.

މައްސަލަތަކާ ގުޅޭ ގޮތުން މިދިޔަ އަހަރު 72 ޖަލްސާ ބާއްވާފައި ވާއިރު، ދިރާސާ ކުރި މައްސަލަތަކުގެ ތެރެއިން 77 ޕަަސަންޓު ތަހުގީގު ކުރަން ނުފެންނަ ކަމަށް ނިންމި އެވެ. ތަހުގީގު ކުރުމަށް ފެންނަ ކަމަށް 12 ޕަސަންޓު މައްސަލަ ނިމުނުއިރު، 11 ޕަސަންޓު މައްސަލަ އަދިވެސް ދަނީ ދިރާސާ ކުރަމުންނެވެ.

your imageޖޭއެސްސީން އާއްމުކުރި ތަފާސްހިސާބު--

ޖޭއެސްސީން ތަހުގީގު ކުރުމަށް ނިންމި 114 މައްސަލަ ބެލުމަށް 44 ތަހުގީގު ކޮމިޓީ މިދިޔަ އަހަރު މަސައްކަތް ކުރި އެވެ. އެއީ އަހަރު ފެށިއިރު ބަލަމުން ދިޔަ 73 މައްސަލަ އާއި އަލަށް ފެށި 41 މައްސަލަ އާއި ބަލައި ނިންމާފައިވާ 54 މައްސަލަ އެވެ.

ކޮމިޓީތަކުން ތަހުގީގު ކުރި މައްސަލައިގެ ތެރެއިން 74 ޕަސަންޓު މައްސަލަ ސާބިތުވި އެވެ. އަދި 26 ޕަސަންޓު މައްސަލަ ސާބިތު ނުވާ ކަމަށް ނިންމި އެވެ. މައްސަލަ ސާބިތުވުމުން އެޅި ފިޔަވަޅުތަކަށް ބަލާއިރު، ނުވަ ފަނޑިޔާރުން ނުވަތަ މެޖިސްޓްރޭޓުން ވަކިކޮށް، ދެ ފަނޑިޔާރުން ނުވަތަ މެޖިސްޓްރޭޓުން ސަސްޕެންޑުކޮށް، ހަތަރު ފަރާތެއް ނަސޭހަތާއެކު ތަމްރީން ފުރިހަމަ ކުރުމަށް އަންގާފައި ވެއެވެ.

އޭގެ އިތުރު 2020 ވަނަ އަހަރު ޖޭއެސްސީން ޖުމްލަ 95 ޖަލްސާ ބާއްވާފައި ވާއިރު، މިއީ 2019 ވަނަ އަހަރާ އަޅާ ބަލާއިރު 3.5 ޕަސަންޓު އިތުރު އަދަދެއް ކަމަށް ތަފާސްހިސާބުން ދައްކަ އެވެ. އަދި މިދިޔަ އަހަރު އެ ކޮމިޝަނަށް ކަނޑައެޅި ބަޖެޓުގެ 94 ޕަސަންޓު ވަނީ ބޭނުންކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް