ads
ވީޑިއޯ ރިޕޯޓް: -
އައިއެސްއިން ތިމަރަފުށީ ކުޑަކުދިންނަށް އަސްކަރީ ތަމްރީނު ދިން!
މިދިޔަ އަހަރު ނޮވެމްބަރު މަހު ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގެ މައުލޫމާތު ފުލުހުން ވަނީ މިދިޔަ އަންގާރަ ދުވަހު އާންމުންނާއި ހިއްސާކޮށްފައެވެ. ޓެރަރިޒަމް ހަމަލާއެއް ރާއްޖެއަށް ދިނުމަށް ބަޔަކު ރާވަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނުގައި އަށް މީހަކު ހައްޔަރު ކުރި އިރު، އެ މީހުން ހަރުކަށި ވިސްނުމުގެ ފިކުރު ފަތުރާ ކަމަށާއި، ސްކޫލު ލެބޯޓްރީ ގޮއްވާލަން އުޅުނު ކަމުގެ މައުލޫމާތުތައް ފުލުހުން ވަނީ އާންމުކޮށްފައެވެ.

މި ބިރުވެރި ވާހަކަތަކާ ގުޅޭ ގޮތުން ތިމަރަފުށީ ރައްޔިތުންގެ ބަސް ހޯދާލަން ސީއެންއެމްއިން ވަނީ މަސައްކަތްކޮށްފަ އެވެ. އެހެން ނަމަވެސް މައުލޫމާތު ހިއްސާކުރަން ބޭނުންވީ އެންމެ މީހެކެވެ.

ނަން ހާމަކުރަން ބޭނުން ނުވާ އެމީހާ ބުނީ، މި މައްސަލަ ތަހުގީގު ކުރުމަށް މިދިޔަ އަހަރު ފުލުހުންގެ ބޮޑު ޓީމެއް އެ ރަށަށް ދިޔަ ކަމަށެވެ. އަދި ރަށަށް ދިޔަ ފުލުހުންގެ ޓީމު ވަނީ، ރަށުގެ ގިނަ އަދަދެއްގެ ކުޑަކުދިން އަދި ބޮޑެތި މީހުންނާ އިންޓަވިއުކޮށްފައި ކަމަށް އެމީހާ ބުންޏެވެ. 

އެގޮތުން އެކަން އެނގުމުން އެރަށު މީހުން ވަނީ ކުޑަކުދިންނާ ވާހަކަ ދައްކާ، މައުލޫމާތު ހޯދާފައެވެ. ބައެއް ކުދިން އެމީހުންގެ މަސައްކަތް ފުލުހުންނާއި ހިއްސާ ކުރި އެވެ. 

"ބައެއް ކުދިން ކިޔައިދިން ގޮތުގައި، އެ ޖަމާއަތުގެ މީހުން ވަރަށް ގިނައިން ކުދިން ގޮވައިގެން ކައިރި ފަޅު ރަށްތަކަށް ދޭޭ. ފަޅު ރަށްތަކަށް ދަނީ ކުދިންނަށް ތީރު ޖަހަން ދަސްކޮށްދޭން،" އެމީހާ ބުންޏެވެ.

މިއީ ފުލުހުން އާންމުކޮށްފައިވާ މައުލޫމާތެއް ނޫނެވެ. މި މައުލޫމާތު ލިބުނީ ތިމަރަފުށީ ރައްޔިތުންނާ ވާހަކަ ދެއްކުމުންނެވެ. ނަމަވެސް ތިމަރަފުށީގައި ހިންގި އޮޕަރޭޝަނުން ހަރުކަށި ފިކުރު ފަތުރާފައިވަނީ ކުޑަކުދިންނަށް އަމާޒުކޮށްގެން ކަމަށް ފުލުހުން ބުނެފައިވެ އެވެ. 

"ގިނައިން އެޕްރޯޗް ކުރަނީ 14 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިންނަށް،" ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ވަނީ ހަރުކަށި ފިކުރު ގަބޫލުކޮށް އެ ފިކުރު ފެތުރުމަށް މަސައްކަތް ކުރާ ފަރާތްތަކުން ކުޑަކުދިންނަށާއި، ދަތި ހާލުގައި އުޅޭ މީހުންނަށް އަދި ކުށްކުރާ މީހުންގެ ތެރެއިން ފައިސާއަށް ހެއްލޭ ކުދިންނަށް އަމާޒުކޮށްގެން ފުރަތަމަ މަރުހަލާގައި ދީނީ އަޅުކަންތައް އާންމު އުސޫލުން ކުރުމަށް ބާރު އަޅައި ވާހަކަ ދައްކައި ދީނީ ކަންކަމަށް ޝައުގުވެރިކުރުވާކަން ފާހަގަ ކުރެވުނު ކަމަށް ބުނެފައެވެ.

ދެން މަޑުމަޑުން ކުދިންނަށް ނަމާދު ކުރަން ދިއުމަށް ބާރުއަޅައި، އެފަދައިން ނަމާދުކުރަން ދާން ފެށުމުން މިސްކިތުގެ ޖަމާއަތަށް އަރަން ނުޖެހޭނެ ކަމަށާއި، ސަރުކާރުން ކަނޑައަޅާ އިމާމުންގެ ފަހަތުގައި ނަމާދުކުރުން ހުއްދަ ނުވާނެ ކަމަށް ބުނެ އެ ކުދިންނަށް ވަކި ޖަމާއަތް ހަދައިގެން ނަމާދު ކުރުވުމަށް ބާރުއަޅާކަން ތަހުގީގަށް ހާމަވި ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން، ދީނީ ގޮތުން ހިލާފު އުފެދޭ އެކި ބާވަތުގެ ވީޑިއޯތައް ދައްކައި، ހަރުކަށި ފިކުރާ ގުޅުން ހުރި ޕްރިންޓްކޮށްފައިވާ އެކި ފޮތްތައް އެ ކުދިންނާއި ހަވާލުކޮށް އެ ފޮތްތައް ކިޔުމަށް ބާރުއަޅައި، ހަރުކަށި ފިކުރުގެ މީހުން ކުރިއަށްގެންދާ ދަރުސްތަކާއި، ކްލާސްތަކުގައި ބައިވެރިވުމަށް ބާރުއަޅާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އިސްލާމިކް ސްޓޭޓް ހޮރާސަން ޕްރޮވިންސް ފަރާތުން ދިވެހިންގެ ތެރެއިން އަމީރެއްގެ ގޮތުގައި ތ. ތިމަރަފުށީ ފެހި ވިދުވަރު އަބްދުﷲ ޝަރީފް ކަނޑައަޅާފައިވާ ކަމަށް ފުލުހުން އިއްޔެ އާންމު ކޮށްފައިވާއިރު، ކުޑަކުދިން ހަނގުރާމައަށް މިފަދައިން ތައްޔާރު ކުރާ ވާހަކައަކީ ބިރުވެރި ވާހަކައެކެވެ. އިސްލާމިކް ސްޓޭޓް ފަދަ ޓެރަރިސްޓު ޖަމާއަތެއްގެ ފިޔަގަނޑު ރާއްޖެއާ ހަމައަށް ފޯރާފައި ވުމީ، ރާއްޖޭގެ ރައްޔިތުންނަށް ފިކުރީ ހަނގުރާމައަކާ ކުރިމަތިލާން ޖެހޭނެ ކަމެކެވެ. ތިމަރަފުށީގެ ރައްޔިތުން، ހާއްސަކޮށް ހަރުކަށި ފިކުރުގެ މީހުން އެމީހުންގެ ދަށަށް ގެނައުމަށް މަސައްކަތް ކުރި ކުދިން އަންނާނީ ފިކުރީ ހަނގުރާމައެއް ކުރަމުންނެވެ.

ސީއެންއެމްއަށް މައުލޫމާތު ދިން މީހާ ބުނީ، މި ޖަމާއަތުގެ ތެރޭ އެހެން ރަށްރަށުގެ މީހުން ހިމެނޭ ކަމަށެވެ. އަދި މި މީހުން ދިރިއުޅެނީ މާލޭގައި ދިރިއުޅޭ އެރަށު ބައެއްގެ ގޭގައި، ކުއްޔަށް ކަމަށް އެމީހާ ކިޔައިދިނެވެ. ހަރުކަށި ފިކުރުގެ މީހުން ގިނައިން އެއްވަނީ މިގެއަށް ކަމަށާއި، އެ ގެއަށް އަދިވެސް ގްރޫޕު ގްރޫޕަށް މީހުން ދާ ކަމަށް އެމީހާ ކިޔައިދިނެވެ. 

ފުލުހުން ވަނީ ތިމަރަފުށީގެ އާއްމު ރައްޔިތުންނަށް ހަރުކަށި ފިކުރުގެ މީހުންގެ ސަބަބުން އެކި ކަހަލަ ގޯނާތައް ކުރިމަތިވާ ކަމަށް ބުނެފައެވެ. އަދި އެރަށުގައި އޮތީ ބިރުވެރިކަން އުފެދި، މުޖުތަމައުގެ ތެރޭގައި ބައިބައިވުން އުފެދިފައި ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް