ads
ޝެއިހް އަލީ ޒައިދު--
އިސްލާމް ދީން ދަންނަ ބަޔަކު ތައުލީމީ މުއައްސަސާއަށް ގެއްލުން ނުދޭނެ: ޝެއިހް ޒައިދު
އިސްލާމް ދީން ދަންނަ ބަޔަކު ތައުލީމީ މުއައްސަސާއަށް ގެއްލުންދޭން ހިތަށްވެސް ނާރުވާނެކަމަށް ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު މިހެން ވިދާޅުވީ، ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓްއާ ގުޅިގެން ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދޭން އުޅުނީ ތިމަރަފުށީ ސްކޫލުގައި ކަމަށް ފުލުހުން ބުނެފައިވާތީ އެކަމަށް އިޝާރާތްކުރައްވާ ކުރެއްްވި ޓްވީޓެއްގައެވެ.

ޝެއިހް ޒައިދު ވިދާޅުވީ، ސްކޫލްތަކަށް ގެއްލުން ދިނުމަކީ ޔަގީނުންވެސް ހަރުކަށި ވިސްނުމެއް ކަމަށެވެ. އަދި "ތައުލީމީ މުވައްސަސާތަކަށް ގެއްލުން ދިނުމަކީ އިސްލާމްދީން ރަނގަޅު ދަންނަ ބަޔަކު ކުރަން ހިތުވެސް ލާނެ ކަމެއް ނޫން" ކަމަށެވެ. ޒައިދު ވަނީ، މިކަހަލަ ނުރައްކާތެރި ފިކުރުތަކުގައި މަދުން ނަމަވެސް ބައެއް ޒުވާނުން ޖެހުމަކީ ވަރަށް ހިތާމަ ހުރިކަމެއްކަން ފާހަގަކުރައްވާފައެެެވެ. 

އިސްލާމިކް ސްޓޭޓްއާ ގުޅިގެން ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދޭން އުޅުން އަށް މީހަކު ފުލުހުން އިއްޔެ ވަނީ ހައްޔަރުކޮށްފަ އެވެ. 

އެމީހުން ރާއްޖޭގައި ހަމަލާއެއް ދޭން އުޅޭ ކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ފުލުހުން ކުރި ތަހުގީގުގައި ހަމަލާ ދޭން އުޅުނީ 2020 ވަނަ އަހަރު ތ. ތިމަރަފުށީ ތައުލީމީ މަރުކަޒުގައި އޯލެވެލް އިމްތިހާނު ހަދަމުންދާ ވަގުތާ ދިމާކަޮށް އެ ސްކޫލްގެ ލެބޯޓަރީ ގޮއްވާލައިގެން ކަމަށާއި އެ ސްކޫލުގެ ލެބޯޓަރީގެ ކެމިކަމް ރައްކާ ކުރާ ގުދަން ފަޅާލާފައިވާކަން ތަހުގީގުން ހާމަވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. އެމީހުން ވަނީ އިސްލާމިކް ސްޓޭޓަށް މާލީ ގޮތުން ވެސް އެހީ ފޯރުކޮށްދީފަ އެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި ތިމަރަފުށީގައި ދީނުގެ ނަމުގައި ހަރުކަށި ފިކުރު ގަބޫލު ކުރާ ފަރާތްތަކުން އިސްވެ ތިބެ ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދުކޮށް ޓެރަރިޒަމަށް ހިތްވަރުދީ އެ ޖަމާއަތްތަކުގެ އަމަލުތަކަކީ ސަބަބުވެރި އަމަލުތަކެއް ކަމަށް ދައްކައި ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓު ޖަމާއަތުގެ އިރުޝާދުގެ ދަށުން ރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ރާވަފައިވާ ކަމަށެވެ. އަދި ތިމަރަފުށީގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ އިސް ފަރާތްތަކުން އޮޕަރޭޓް ކުރާ "ނަސްހާ-3" ދޯނީގައި އިމްޕްރޮވައިސްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ތައްޔާރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ބުންޏެވެ.

އެ މައްސަލައިގައި ނިމިދިޔަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ތިމަރަފުއްޓާއި މާލޭގެ އިތުރުން ކަނޑުމަތީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ވަނީ ހަ މީހަކު ހައްޔަރުކޮށްފަ އެވެ. އަދި ހަމަ އެ މަހުގެ 27 ވަނަ ދުވަހު ވަނީ އިތުރު ދެ މީހަކު އެ މައްސަލައިގައި ހައްޔަރުކޮށްފަ އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ތ.ތިމަރަފުށި/ އަސްރަފީވިލާ އަހްސަން މުހައްމަދަކީ ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ އަދި މީހަކަށް މަރުގެ އިންޒާރުދިން ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީގެ ކުރިން ހައްޔަރު ކުރި މީހެއް ކަމަށް ފުލުހުން މައުލޫމާތުދެ އެވެ. އަދި އެ މައްސަލައިގައި ހައްޔަރު ކުރި ތ.ތިމަރަފުށީ/ ކެނެރީގެ، އަލީ މުނީޒަކީ މަސްތުވާތެކެތި ބޭނުން ކުރުމާއި އެ ތަކެތި ގެންގުޅޭ ކަމަށް ތުހުމަތު ކުރެވުނު މައްސަލައަކާ އަދި މުދަލަށް ގެއްލުންދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް