ads
ވައިސް ފޮރިން މިނިސްޓަރު ލޫ ޝައުހުއީ--
ކޮވިޑް ވެކްސިންގެ ކަންކަމުގައި ރާއްޖެ އާއެކު މަސައްކަތް ކުރަން ބޭނުން: ޗައިނާ
ރާއްޖެ އާއި ޗައިނާގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން އެންމެ ފުރަތަމަ ވެސް އިސްކަން ދޭންވީ ކޮވިޑް-19 ވެކްސިނުގެ ކަންކަމުގައި ދެ ގައުމުން އެކުގައި މަސައްކަތް ކުރުމަށް ކަމަށް ޗައިނާއިން ބުނެފި އެވެ.

ޗައިނާ އާއި ރާއްޖެއާ ދެމެދު ހަތްވަނަ ޑިޕްލޮމެޓިކް ކޮންޒަލްޓޭޝަން ބައްދަލުވުން އިއްޔެ ވަނީ ބާއްވާފަ އެވެ. ވީޑިއޯ ލިންކުގެ ޒަރިއްޔާއިން ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބަައިވެރިވެ ވަޑައިގެންނެވީ ސްޓޭޓް ފޮރިން މިނިސްޓަރު އަހްމަދު ހަލީލެވެ. އަދި ޗައިނާގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ ވައިސް ފޮރިން މިނިސްޓަރު ލޫ ޝައުހުއީ އެވެ.

އެ ބައްދަލުވުމަށް ފަހު ޗައިނާ ސަރުކާރުން ނެރުނު ބަޔާނުގައި ޝައުހުއީ ވިދާޅުވެފައި ވަނީ ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތްތަކަށް ގެންދަން އެންމެ ފުރަތަމަ އިސްކަން ދޭންވީ ވެކްސިނުގެ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރަން ކަމަށެވެ.

ޗައިނާ އާއި ރާއްޖޭގެ ގުޅުމުން ރަމްޒުކޮށްދެނީ ބޮޑެތި އަދި ކުދި ގައުމުތަކުގެ މެދުގައި އޮންނަ ހަމަހަމަކަން ކަމަށާއި މިއީ ދެ ގައުމަށް ފައިދާވާ ކަންކަމުގައި ގުޅިގެން ކުރިއެރުން ހޯދުމުގެ މިސާލެއް ކަމަށް ވެސް ވިދާޅުވި އެވެ. 

ވެކްސިނުގެ ކަންކަމުގައި އެއްބާރުލުން ދިނުމުގެ އިތުރުން ބަލިމަޑުކަމުން ލިބުނު ފިލާވަޅުތަކުގެ ތަޖުރިބާ އެއް ގައުމުން އަނެއް ގައުމާ ހިއްސާ ކުރުމުގެ މުހިއްމު ކަމާއި، ފަގީރުކަން ނައްތާލުމާއި، ކާބޯތަކެތީގެ ޔަގީންކަން ގާއިމްކުރުމާއި، އާޢްމު ސިއްހަތުގެ ދާއިރާ ވަރުގަދަ ކުރުމުގެ މުހިއްމު ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

މި ވަގުތު ދެވަނައަށް އެންމެ މުހިއްމީ އިގްތިސާދު އަލުން ބިނާ ކުރުން ކަމަށް ފާހަގަކުރައްވާ ޝައުހުއީ ވިދާޅުވީ ޗައިނާގެ ބެލްޓު އެންޑް ރޯޑް މަޝްރޫއަށް އެއްބާރުލުން މުހިއްމު ކަމަށެވެ. އޭގެ އިތުރުން ރާއްޖެ އާއި ޗައިނާއާ ދެމެދު ވެފައިވާ ފްރީ ޓްރޭޑް އެއްބަސްވުން ވީ އެންމެ އަވަހަކަށް ތަންފީޒު ކުރަން ޖެހޭ ކަމަށާއި ދަރަނިތައް މަޑުޖައްސާލުމަށް ޖީ20 ޑެޓް ސާވިސް އިނީޝިއޭޓިވްގައި ޗައިނާއިން ފުރިހަމައަށް ބައިވެރިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ހަލީލް ވިދާޅުވީ ދިވެހި ސަރުކާރުން ޗައިނާއާއެކު އޮންނަ ގުޅުމަށް ވަރަށް މުހިއްމުކަން ދޭ ކަމަށާއި އެއީ ރާއްޖެއަށް އެންމެ މުހިއްމު އެއް ގުޅުން ކަމަށެވެ. 

އަދި "ވަން ޗައިނާ" އުސޫލަށް ރާއްޖެއިން ތާއީދު ކުރާ ކަމަށާއި ވެކްސިނުގެ ކަންކަމުގައި ގުޅިގެން ކުރިއަށް ދާން ރާއްޖެއިން ވެސް ބޭނުންވާ ކަމަށް ހަލީލް ވިދާޅުވި އެވެ.

އޭގެ އިތުރުން ދެ ގައުމުގެ މެދުގައި ކޮމާޝަލް ފްލައިޓުތައް އަލުން ފެށުމާއި، ފަތުރުވެރިކަން ފުޅާކުރުމަކީ ރާއްޖެއަށް މުހިއްމު ކަންކަން ގޮތުގައި ފާހަގަކުރެއްވި އެވެ.  

ޗައިނާ އާއި ރާއްޖެއާ ދެމެދު ބާއްވާ ބައިލޭޓަރަލް ކޮންސަލްޓޭޝަން ވެފައިވަނީ ދެގައުމުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ކުރެވޭ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ވަރަށް މުހިއްމު މަގަކަށެވެ. އެންމެ ފަހުން މިފަދަ ބައިލޭޓަރަލް ކޮންސަލްޓޭޝަން ބައްދަލުވުމެއް ބާއްވާފައިވަނީ 2017 ވަނަ އަހަރު ރާއްޖޭގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް