ads
މާލޭގެ ބާޒާރު--
މަކަރާއި ހީލަތުން ތަރުކާރީ އަދި މޭވާ ވިއްކަނީ! ސަމާލުވޭ!
މަކަރާއި ހީލަތުން ދިވެހިރާއްޖެއަށް ތަރުކާރީ އާއި މޭވާ އެތެރެކޮށް ވިއްކާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ފުލުހުން ބުނެފައި ވަނީ މަކަރާއި ހީލަތުން ދިވެހިރާއްޖެއަށް ތަރުކާރީ އާއި މޭވާ އެތެރެކޮށް، ރާއްޖެއިން ބޭރުގެ އެކި ކުންފުނިތަކަށް ދަންކަން ޖެހޭ ފައިސާ ނުދައްކާ މައްސަލަތަކެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށާއި އެކަމާ ގުޅިގެން އެފަދަ ކަންކަން ކުރަމުންދާ ފަރާތްތައް ހޯދުމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ އިކޮނޮމިކް ކްރައިމް ޑިޕާރޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހާއްސަ މަސައްކަތްތަކެއް މިހާރު ވަނީ ކުރަން ފަށާފައި ކަމަށެވެ.

އެގޮތުން މި މަހުގެ 16 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝްނެއްގައި، މާލޭގެ ދެ ގެއަކާއި ތިން އެޕާޓްމަންޓަކާއި އޮފީހެއް ބަލައިފާސްކޮށްފައިވާ ކަމަށާއި އެ ތަންތަނުން، ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅުން ހުރި ގިނަ ހެކިތަކެއް ވަނީ ހޯދާފައި ކަމަށެވެ.

އަދި އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން މައުލޫމާތު ދޭގޮތުގައި މަކަރާއި ހީލަތުން ރާއްޖެއަށް ތަކުރާރުކޮށް ތަރުކާރީ އާއި މޭވާ އެތެރެކޮށް، ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ 10 މައްސަލައެއް ފާއިތުވި އަހަރު ހުށަހެޅިފައިވާ އިރު، މި މަހު އެފަދަ އެއް މައްސަލަ ހުށަހެޅިފައިވެ އެވެ. 

އެގޮތަށް އެތެރެކުރާ ތަރުކާރީ އާއި މޭވާ ރާއްޖޭގެ ބާޒާރުގެ އަގަށް ވުރެ އާދަޔާ ހިލާފަށް ހެޔޮ އަގަށް ވިއްކަމުންދާކަން ތަހްގީގަށް ފާހަގަކުރެވިފައިވާ ކަމަށާއި އެހެންކަމުން މިކަމަކީ ދިވެހި ވިޔަފާރިވެރިންގެ އިތުރުން ގައުމުގެ އިގުތިސާދަށް އޭގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރަމުންދާނެ ކަމެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އެހެންކަމުން ވިޔަފާރި ކުރާ ފަރާތްތަކުން އެފަދަ ކަންކަމަށް މިހާރަށް ވުރެ ބޮޑު ސަމާލުކަމެއް ދިނުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ދިވެހިރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށްވެފައި މަދު ބައެއްގެ މިފަދަ އަމަލުތަކަކީ އޭގެ ސަބަބުން ވިޔަފާރަވެރިންގެ އިތުބާރު ބޭރު ގައުމުތަކުގައި ގެއްލޭނެ ކަމަކަށް ވާތީ، މިފަދަ އަމަލުތަކަށް މިހާރަށް ވުރެ ބޮޑަށް ސަމާލުކަންދީ އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ އަތުން ނުއަގުގައި މުދާ ނުގަތުމަށާއި މިކަންކަމަށް ހިތްވަރު ނުދިނުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ. އަދި އެފަދަ އެއްވެސް ކަމެއް ފާހަގަކުރެވިއްޖެ ނަމަ އެކަމުގެ މައުލޫމާތު ވީ އެންމެ އަވަހަކަށް ފުލުހުންނާ ހިއްސާކުރުމަށް ވަނީ އެދިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް