ads
ފޮޓޯ: ފޮރިން މިނިސްޓްރީ
ފުލުހުންގެ ގުރުބާނީ ހަނދާނަކުން ނުނެތޭނެ، އިހްތިރާމުކުރަންޖެހޭ: ޝާހިދު
ދިމާވާ ކޮންމެ ދަތި ހާލެއްގައި އަމިއްލަ ނަފްސާއި އަމިއްލަ ފުރާނައަށް ބެލުމެއް ނެތި ރައްޔިތުންގެ ހައްގުގައި ނުކުތުމަށް ހުވާކޮށްގެން ތިބި ފުލުހުން އެކަން ސާބިތުކޮށްދީފައިވާ ކަމަށާއި އެމީހުންގެ ގުރުބާނީ ހަނދާނުން ފިލައިގެން ނުދާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝާހިދު އެގޮތަށް ވިދާޅުވެފައި ވަނީ ވ. ކެޔޮދޫގައި ފުލުހުންގެ ހިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކައިގަ އެވެ. 

އެގޮތުން ފުލުހުންނަށް ތައުރީފް ކުރައްވާ ޝާހިދު ވިދާޅުވީ ގައުމަށް ދިމާވާ ދަތި އުނދަގޫ ހާލަތްތަކުގައި ފުލުހުން ވަނީ އެމީހުންގެ ފުރާނައަށް ބެލުމެއް ނެތި ނިކުމެފައި ކަމަށެވެ. އެގޮތުން ޔުނީފޯމްގައި ފެންނަ ކޮންމެ ފުލުހުންނަށް އިހުތިރާމްކުރަންޖެހޭކަމަށާއި ކޮވިޑްގެ ނުރައްކާތެރި ވަބާގެ ދުވަސްވަރުގައި ވެސް އެންމެ އިންޗިއެއްވެސް ފަހަތަށް ނުޖެހި ރާއްޖޭގެ ފުލުހުންވި ގުރުބާނީ އަބަދުވެސް ހަނދާންކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

"އަޅުގަނޑު ކަމިޝަނާ އޮފް ޕޮލިސް އަށް، މިނިސްޓާ އިމްރާންއަށް، ޑެޕިއުޓީ ކަމިޝަނާ މަންނާނު އަށް، ޕޮލިސްގެ އެގްޒެކެޓިވް ބޯޑަށް އަދި ރޭންކް އެންޑް ފައިލްގައި މަސައްކަތްކުރައްވާ ހުރިހާ ފުލުހުންނަށް ހިފެހެއްޓުމެއް ނެތި މިއަދު ތައުރީފްކޮށް ޝުކުރު ދަންނަވަން، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ނަމުގައި،" - މިނިސްޓަރު ޝާހިދު

އޭގެ އިތުރުން އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރަކީ އިންތިހާއަށް ހިތްދަތިކަން ތަހައްމަލުކުރަން ޖެހުނު އަހަރެއް ކަމަށާއި އެގޮތުން މުޅި ރާއްޖެ ބަންދުކުރަން ޖެހި ފަތުރުވެރިކަމަށް އިންތިހާއަށް އޭގެ ނޭދެވޭ އަސަރުކުރި އަހަރެއް ކަމަށެވެ. 

އެހެން ނަމަވެސް ސަރުކާރުންދިން  އިރުޝާދުތަކާ އެއްގޮތަށް މަސައްކަތްކުރަމުން ގެންދިއުމުން އޭގެ ހެޔޮ ނަތީޖާ ފެންނަމުން އަންނަކަން ފާހަގަކުރައްވާ ވިދާޅުވީ ފަތުރުވެރިކަމުގެ ދޮރުތައް އަލުން ހުޅުވާލެވި، ދުނިޔޭގައި އެންމެ ގިނަ މީހުން އަންނަން ބޭނުންވާ މަންޒިލެއް ކަމުގައި މިދިވެހިރާއްޖެ ހިމެނިފައިވާ ކަމަށެވެ. 

އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ މިދިޔަ އަހުރުގެ ޖަނަވަރީ މަހުގެ ތެރޭގައި ކޮވިޑްގެ ވަބާ ދުނިޔެއަށް ފެތުރިގެންދާން ފެށުމާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ އިރުޝާދުގެ ދަށުން މަސައްކަތްކުރާނެ ޓީމެއް އެކުލަވާލައްވާފައި ކަމަށާއި އެގޮތުން ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން އެކޮމިޓީގެ މަސައްކަތްތައް ހިންގަވަން ފެއްޓެވި ކަމަށެވެ.

ހަމަކޮންމެ ރެއަކު އެމަނިކުފާނު އެކޮމިޓީގެ ރިޔާސަތު ބަލަހައްޓަވައި، ރާއްޖޭގެ އެންމެ އުތުރުން އެންމެ ދެކުނަށް ހާލަތަކީ ކޮބައިތޯ، ކަންކަން ހުރީ ކިހިނެއްތޯ އާއި ކާބޯތަކެތީގެ ކަންތައްތައް ކިހިނެއްތޯ އަދި ދަތުރުފަތުރުގެ ކަންތައްތައް ކިހިނެއްތޯ އާއި ބޭހުގެ ކަންތައް ހުރީ ކިހިނެއްތޯ ބައްލަމުން ގެންދެވިކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ސަރުކާރުން ނެރެން ޖެހޭ އިރުޝާދުތައް ނެރުއްވުމުގައި އެމަނިކުފާނު ސާބިތުވެ ހުންނެވި ކަމަށެވެ.  

އޭގެ ނަތީޖާއަކީ ރާއްޖޭގެ ރައްޔިތުން އެކަން ބަލައިގަތުން ކަމަށާއި އެގޮތުން ކޮވިޑްގެ ތެރޭގައި ވެސް ގައުމުގެ ރައްޔިތުން ބަނޑަށް ނުޖެހި އަދި އެންމެ އަސާސީ ބޭސްފަރުވާއަށް ނުޖެހި، ބޭނުންވި ހުރިހާ ކަމެއް މި ސަރުކާރުންކޮށްދިނުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް